އިތުރު ވަގުތުގެ ތެރޭގައި ލެވަންޑޯސްކީ ބާސާ މޮޅުކޮށްދީފި

ލެވެންޑޯސްކީ ގޯލު ޖަހަނީ --- ފޮޓޯ/ ބާސެލޯނާ

ސްޕެނިޝް ލަލީގާގައި އިތުރު ވަގުތުގެ ތެރޭގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލުން ވެލެންސިއާގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދައިފިއެވެ.

ވެލެންސިއާގެ އަމިއްލަ ދަނޑުގައި ބާސާއާ ދެކޮޅަށް އެ ޓީމުން ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަަކުންނެވެ.

އެ މެޗުގައި ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބިފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ބާސާގެ ޕަބްލޯ ގަވީ ތަނަވަސްކުރި ފުރުސަތަކުން އަންސޫ ފަތީ ފޮނުވާލި ހަމަލާ ހުށިޔާރުކަމާއެކު ވެލެންސިއާގެ ކީޕަރު ޖިއޯޖީ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 44 ވަނަ މިނެޓުގައި ބާސާގެ ލެވެންޑޯސްކީ ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ޖޯޑީ އަލްބާ ނެގި ހުރަސް ބޮލުން ޖެހި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ގޯލު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅުކުރަނީ --- ފޮޓޯ/ ބާސެލޯނާ

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ބާސާގެ ޕެޑްރީ ގޮންޒާލޭޒް ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށްހުރެ ފެރާން ޓޮރެސްއަށް ޖައްސާލި ޕާސް އޭނާއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެއްކި އިތުރު ވަގުތުތުގެ ތެރޭގައި ބާސާއިން މެޗުގެ ލީޑު ނެގިއެވެ. އެ ގޯލަކީ ރަފީނިއާ ނެގި ހުރަހަކުން ލެވަންޑޯސްކީ ޖެހި ގޯލެކެވެ.

އެ ގޯލުން ބާސާ މޮޅުވެ އެ ޓީމު ވަނީ އެއް މެޗު އިތުރަށް ކުޅެ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 31 ޕޮއިންޓު ލިބިގެންނެވެ. އަދި ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެ ރެއާލް މެޑްރިޑް ތާވަލުގެ ދެވަނައިގައި އޮތީ ވެސް 31 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ވެލެންސިއާ ތާވަލުގެ 10 ވަނައިގައި އޮތީ 15 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް