އެމްއެސް ސްޕޯޓްސް ބަލިކޮށް ސީބީއެލް ފައިނަލަށް

އެކްސްއެލް އެނަރޖީ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ސީބީއެމް

ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެކްސްއެލް ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގައި އިއްޔެ އެމްއެސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށް ކުޅުނު މެޗު 45 ލަނޑުން ކާމިޔާބުކޮށް، ސީބީއެލް ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ.

ހަތަރު ޓީމެއް ވާދަކުރާ އެ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކުރި މާލެ ސްޕޯޓްސް ކްލަބް 10 ޕޮއިންޓާއެކު މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށާވަރު ކޮށްފައި ވާއިރު، އިއްޔެ އެމްއެސް ސްޕޯޓްސްގެ މައްޗަށް ކުރި ހޯދި ސީބީއެލްވެސް ވަނީ މިހާރު މުބާރާތުގައި 10 ޕޮއިންޓް ހޯދާފައެވެ.

މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ މެޗު ކާމިޔާބު ކުރި އެމްއެސް ސްޕޯޓްސްއަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އަދި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވި ވޭލިއެންޓް ސްޕޯޓްސް މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.

އިއްޔެ ހެންދުނު އެކުވެނި އެއް ނަންބަރު ދަނޑުގައި ސީބީއެލް އާއި އެމްއެސް ސްޕޯޓްސް ވާދަކުރި މެޗުގެ ގުރު ދިމާވުމުން، ސީބީއެލް ވަނީ ކުޅެން އަރައި 38.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 213 ލަނޑު ހަދާފައެވެ.

ސީބީއެލްގެ އިސްމާއިލް އަނީލް އެ ޓީމަށް 48 ލަނޑު ހަދައިދިން އިރު، ޓީމުގެ ކެޕްޓަން މުހަންމަދު ސައީދު ވަނީ ޓީމަށް 39 ލަނޑު ހަދައިދީފައެވެ. އެމްއެސް ސްޕޯޓްސް އިން އެންމެ ރަގަޅަށް އުކީ ހަތަރު ވިކެޓު ނެގި މުހަންމަދު މުއިއްޒު އާއި ދެ ވިކެޓް ނެގި ޔޫސުފު އަޒިޔާން އެވެ.

ޖަވާބުގައި ކުޅެން އަރައި އެމްއެސް ސްޕޯޓްސް ވަނީ 40 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހަދާފައެވެ. އެމްއެސްއަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނީ 41 ލަނޑު ހެދި މުހައްމަދު މަފާޒާއި 40 ލަނޑު ހެދި ސަކިންދަ އެވެ. އަދި ސީބީއެލްއިން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓް ނެގި އިސްމާއިލް އަނިލް އާއި އެއް ވިކެޓު ނެގި އަހުމަދު ޔާސީން އާއި އަހުމަދު ސައީދެވެ.

comment ކޮމެންޓް