ގްރޫޕް ސްޓޭޖުގެ އެއްވަނަ ސީބީއެލް އަށް

ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުުނު މެޗުގެ ތެރެއިން --- ފޮޓޯ/ ސީބީއެމް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދެވަނަ ޑިވިޝަން އެކްސްއެލް އެނާޖީ ކްރިކެޓް މުބާރާތުގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކާމިޔާބުކޮށް، ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސީބީއެލް ފައިނަލަށް ދަތުރުކޮށްފި އެވެ.

އެ މުބާރާތުގައި އިއްޔެ ސީބީއެލް ބައްދަލު ކޮށްފައި ވަނީ މާލެ ސްޕޯޓްސް ކްލަބާ އެވެ. އެ ދެ ޓީމުވެސް މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، 10 ޕޮއިންޓާ އެކު ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވާ އިރު، އިއްޔެގެ ކާމިޔާބީ އާ އެކު ސީބީއެލް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔަބުކޮށް، މުޅިއަކު 15 ޕޮއިންޓް ހޯދާފަ އެވެ.

އިއްޔެގެ މެޗުގެ ގުރު ދިމާވި މާލެ ސްޕޯޓްސް ކްލަބް ވަނީ ކުޅެން އަރާ 30.5 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން 127 ލަނޑު ހަދާފަ އެވެ. މާލެ ސްޕޯޓްސް އަށް އެންމެ ރަނގަޅަށް ކުޅެދިނީ 36 ލަނޑު އެ ޓީމަށް ނަގައިދިން ލީމް ޝަފީގު އާއި އާދަމް ޒަމީލު އެވެ. އަދި ސީބީއެލް އިން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުގެ ތެރޭ 30 ލަނޑަށް ހަތަރު ވިކެޓު ނެގި އަހުމަދު ޝާހިދު އެވެ.

ޖަވާބުގައި ކުޅެން އަރާ ސީބީއެލް ސްޕޯޓްސް ވަނީ 27.4 އޯވަރުގެ ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 128 ލަނޑު ހަދައިފަ އެވެ. ސީބީއެލްއަށް އެންމެ ރަނގަޅަށް ކުޅެދިނީ ނުބައިނުވެ 37 ލަނޑު ހެދި ޝާމިން ހަބީބު އެވެ. އަދި މާލެ ސްޕޯޓްސްއަށް އެންމެ ރަނގަޅަށް އުކައިދިނީ 18 ލަނޑަށް އެއް ވިކެޓް ނެގި އަބްދުﷲ ޒިޔާދު އެވެ.

ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 24 ވާ ހުކުރު ދުވަހުގެ ހެނދުނު 8:00 ގައެވެ. މުޅިއަކު ހަތަރު ޓީމު ވާދަކުރި އެ މުބާރާތް ފަށާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

comment ކޮމެންޓް