"އަނިޔާއާ ދެކޮޅަށް" އިދިކޮޅު ފަރާތްތަކުން މިއަދުވެސް ހިނގާލުމެއް ބާއްވައިފި

"އަނިޔާއާ ދެކޮޅަށް ދިވެހިން" ނަމުގައި އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ހިނގާލުން: ސަން ފޮޓޯ/ ޝާމިން

"އަނިޔާއާ ދެކޮޅަކަށް ދިވެހިން" މި ނަމުގައި އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ބޭއްވި ހިނގާލުން ނިންމާލައިފި އެވެ.

ރާޅުގަނޑު ސަރަހައްދުން މިއަދު ފެށި މި ހިނގާލުމުގައި ސަރުކާރާ ދެކޮޅު ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. މި ހިނގާލުމުގައި ބައިވެރިން ވަނީ މާލޭގެ އެކި ހިސާބުތަކުގައި ހިނގާފައި އެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމް އަދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫގެ އިތުރުން މުޒާހަރާތަކުގައި ހައްޔަރު ކުރި އެހެނިހެން ފަރާތްތައް ދޫކޮށްލުމަށް ގޮވާލާފަ އެވެ.

މިއަދުގެ މުޒާހަރާ ނިންމާލާފައި ވަނީ އާޓްފިޝަލް ބީޗު ސަރަހައްދުންނެވެ. ނިންމާލުމަށްފަހު ހިނގާލުމުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތޯ "ގަޑުބަޑު" ވެފައި ކަމަށެވެ. އަދި ތަރައްގީގެ މަގުން ކުރިއަށް ދިއުމުގެ ބަދަލުގައި މިއަދު ފެންނަނީ ތަރައްގީގެ މަގުން ރާއްޖެ ފަހަތަށް ދާތަން ކަމަށެވެ.

މިއަދުގެ ހިނގާލުން ނިންމާލަމުން ހިނގާލުމުގެ ބައިވެރިން ދުއާ ކުރަނީ: ސަން ފޮޓޯ / ފަޔާޒު މޫސާ

"މިއަދު އަނެއްކާ ވެސް އަޅުގަނޑުމެން އާ އުއްމީދެއްގައި އާ އަޒުމެއްގައި ނުކުންނަން އެބަޖެހޭ. ރައީސް ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނަށް [ރައީސް ނަޝީދަށް] ލިބިގެން އެ ދިޔައީ އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ ދިފާއުގައި އެމަނިކުފާނު އެއްވެސް ގޮތަކަށް ފަހަތަށް ބެލުމެއް ނެތި ކުރިމަތިލީމާ،" އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދުގެ ހިނގާލުން ނިންމާލައްވަމުން ކުރިން ހިނގާލުމުގެ ބައިވެރިން ވަނީ ހާއްސަ ދުއާއެއް ކޮށްފައި އެވެ.

comment ކޮމެންޓް