ސޫެރިއާގެ ބިމުގައި ރަޝިއާ އާއި ތުރުކީ ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރުހީވެފައި

ސޫރިޔާގެ ހުޅަނގު އުތުރުގެ ޕްރޮވިންސެއް ކަމަށްވާ އިދްލިބްގައި ހިނގަމުންދާ ހަނގުރާމައިގާ ތުރުކީއާއި ރަޝިއާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގާފާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

މިކަމުގެ އިންޒާރު އެމެރިކާއިން ވެސް ވަނީ ދީފަ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)ގެ ތަރްޖަމާން ޖޮނަތަން ހޯފްމަން އިއްޔެ ވިދާޅުވެފައި ވަނީ އިދްލިބްގައި ތުރުކީއާއި ރަޝިޔާގެ މަސްލަހަތު ވަރަށް ބޮޑަށް ފުށުއަރަމުންދާކަމަށާއި ސޫރިޔާ ސިފައިން އިދްލިބްގެ ކޮންޓްރޯލް ހޯދުމަށް ކުރާ ހަނގުރާމަ ހުއްޓާނުލާ ނަމަ އެސަރަހައްދު ރަޝިއާ އާއި ތުރުކީ ސިފައިންގެ ހަނގުރާމައިގެ މައިދާނަކަށް ވެގެންދާނެކަމުގަ އެވެ. ސޫރިޔާ އިން އިދްލިބް މިނިވަންކުރުމުގެ ހަނގުރާމަ ފެށުމުން ތުރުކީ ރުޅިއައިސްގެން އުޅެނީ ތުރުކީން އެގައުމުގެ ބަފަޒޯނެއްގެ ގޮތުގައި އިދްލިބް ހަދާފައިއޮތް އޮތުން ނިމުމަކަށް އައިސް ސޫރިއާގެ އިދިކޮޅު ޖަމާއަތްތައް ބޭނުންކޮށްގެން ސޫރިޔާގެ އެތެރެ ގަޑުބަޑުކޮށް ދާޚިލީ ހަނގުރާމަ ދިގުދަންމަން ތުރުކީ ކުރަމުން ގެންދާ މަސައްކަތްތައް ނާކާމިޔާބުވެގެންދާނެތީ އެވެ.

ތުރުކީން ސޫރިޔާގެ އތުރުގެ ސަރަހައްދުތަކާ އަދި ޚާއްސަކޮށް އިދްލިބް އާ މެދު މުއާމަލާތް ކުރަނީ އެއީ އެގައުމުން ވެރިވެގަނެގެން އުޅޭ ބިމެއްގެ ގޮތުގަ އެވެ. ސޫރިޔާގެ ހުއްދައަކާނުލައި ތުރުކީ ވަނީ ވަނީ އިދްލިބަށް ހަތިޔަރާއި ސިފައިން ޖަމާކޮށް ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވާން ފަށާފަ އެވެ. އަދި އެވަރުން ނުފުދިއްޖެ ނަމަ ސޫރިޔާގެ ބިމުގައި ސޫރިޔާ ސިފައިންނާ ކުރިމަތިލައި ހަނގުރާމަ ކުރާނެކަމުގެ އިންޒާރު ވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންވަނީ ދެއްވާފަ އެވެ. ސޫރިޔާ ސަރުކާރުން ބޭނުން ވަނީ އިދްލިބްގައި ފައިހަރުކޮށްލައިގެންތިބި ތުރުކީގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރެވޭ އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޖަމާއަތްތަކުގެ ކިބައިން އެޕްރޮވިންސް މިނިވަން ކޮށް ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިނުމަކަށް ގެނަސް ގައުމު އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުމަށެވެ.

ނަމަވެސް ތުރުކީގެ ވިސްނުން އަދި ވެސް ހުރީ ސޫރިޔާ އެއްކޮށް ހަލާކުވިނަމަވެސް ސޫރިއާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދީގެން ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލައި ތުރުކީއަށް ބާރުފޯރުވޭ ފަދަ ސަރުކާރެއް ސޫރިއާގައި ގާއިމް ކުރުމަށެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އަށް އަހަރު ކުރި ހަނގުރާމައިން ވެސް އެކަންނުވިކަމާއި އެކަން ނަކާމިޔާބުވިކަން ތުރުކީއަށް ގަބޫލުކުރެވިފައިވިޔަސް ތުރުކީ އަދި ވެސް އޮތީ ގޮތްދޫނުކުރުމުގެ ވިސްނުމުގަ އެވެ. ބައްޝާރު ވައްޓާލުމުގެ ލޭއޮހޮރިވުން ބޮޑު ހަނގުރާމައިގާ ހުޅަނގުގެ ގައުމުތަކާއި ގަލްފުގެ ގައުމުތަކާއި ތުރުކީ ސޫރިޔާގައި ފޭލްވެފައިވީ ނަމަވެސް ތުރުކީ އަދިވެސް އޮތީ ސޫރިޔާގެ ހަނގުރާމައިން ފެއަށް ޖެހި ސޫރިޔާގެ ދާޚިލީ ކަންކަމާ ދުރަށްދާ ގޮތަށް ނޫންކަން ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވާހަކަތަކުން ވަނީ ހާމަވެފަ އެވެ.

އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމައިގާ ސޫރިޔާ ސިފައިން މިހާރުވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ރަޝިއާއާއި އީރާނުގެ އަސްކަރީ އެހީއާއެކު ސޫރިއާއިން ހޯދި ކާމިޔާބީގައި އިދްލިބްގެ ތިންބައިކުޅަ ދެބައި ވަނީ މިނިވަންކޮށްފަ އެވެ. އަދި ސޫރިއާގެ ވެރިރަށް ދިމިޝްގަށް ބޭނުންވާ ކާބޯތަކެއްޗާއި އާންމު މުދަލުގެ ސަޕްލައިތަކަށް ހުރަސް އެޅުމަށް ތުރުކީއާއި ތުރުކީގެ މަދަދުލިބޭ އިދިކޮޅު ހަނގުރާމަވެރިން ހަތް އަހަރުވަންދެން ބަންދުކޮށްގެން ތިބި ހައިވޭވެސް މިނިވަންކޮށް ސޫރިއާ ސިފައިން ވަނީ މި ހފްތާގައި އެ ހައިވޭ އަލުން ހުޅުވާފަ އެވެ. އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމައިގާ ސޫރިޔާ ސިފައިން އިދިކޮޅު ހަނގުރާމަވެރިންނާއި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ މައްޗަށް ހޯދި ކާމިޔާބީއާ އެކު ސޫރިޔާގައި ތުރުކީގެ ނުފޫޒު ކުޑަވެގެންދާނެ އެވެ.

އެކަން ހުއްޓުވުމަށް ޓަކައި ސޫރިޔާ ސިފައިންނަށް އިސްވެ ހަމަލާދޭނެކަމުގެ އެރުދުޣާން އިންޒާރު ދެއްވި ނަމަވެސް ސޫރިޔާ އޮތީ ތުރުކީ ދެކެ ދެކެބިރުން ފަހަތަށްޖެހޭ ގޮތަކަށް ނޫނެވެ. އެރުދުޣާންގެ އިންޒާރުތަކަށް ސޫރިޔާ ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދީ އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމަ ގެންދަނީ ކުރިއަށެވެ. އަދި ރަޝިއާ ވެސް އޮތީ މިމައްސަލާގައި ތުރުކީއަށް ދޫދޭ ގޮތަކަށް ނޫނެވެ. މިކަން އެނގެނީ ރަޝިއާގެ ވާހަކަތަކުންނާއި ސޫރިޔަގެ ހަމަލާތައް ހުއްޓުވައި ދިނުމަށްއެދި ތުރުކީއާއި ރަޝިޔާގެ މަސްއޫލުވެރިން ދެފަހަރެއްގެ މަތިން ބައްދަލުކުރައްވައި ދެއްކެވި ވާހަކަތައް ނަކާމިޔާބު ވުމުންނެވެ.

ތުރުކީއަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެއްޓުމަށްޓަކައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެންމެ ބޮޑަށް އެހީތެރިވި އެއްގައުމެވެ. އަދި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ބޭރުގައުމުތަކުން ޖިހާދީންގެ ނަމުގައި ހަނގުރާމަވެރިން ސަޕްލައިކޮށް ދިނުމުގައިވެސް ތުރުކީވަނީ އެހީތެރިވެދީފައެވެ. އެފަދަ ހަނގުރާމަވެރިންނަށް ފައިސާގެ އެހީ ދިނީ ގަތަރާއި ސައޫދީ ކަމަށް ތުހުމަތު ކުރެވޭއިރު އެމީހުން ސޫރިޔާއަށް ގޮސްފައި ވަނީ ތުރުކީގެ އެހީތެރިކަމާއެކު ތުރުކީގެ ތެރެއިންލާފަ އެވެ. ޖިހާދީން ސޫރިއާއަށް ވަދެ އައިއެސް އާ ގުޅިފައިވަނީ ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށްގެންނެވެ.

މީގެ އިތުރުން ތުރުކީއަކީ ކުރުދީންގެ ހައްގުތަކަށް ވެސް އިހާނާތް ކުރަމުން ގެންދާ ގައުމެކެވެ. އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ޓަކައި ތުރުކީވަނީ ސޫރިޔާގެ ކުރުދީ ސަރަހައްދުތަކަށް އަސްކަރީ ގޮތުންވަދެ ކުރުދީންގެ ބިންތަކުގައި ފައިހަރުކޮށްލާފަ އެވެ. ތުރުކީގެ ކުރުދީންނާމެދު ވެސް ތުރުކީން އަމަލު ކުރަމުން ގެންދަނީ އެހާ އިހާނާތްތެރި ގޮތަކަށެވެ. ތުރުކީގެ ކުރުދީންނާ ހަނގުރާމަ ކުރުމަށް ޓަކައި ތުރުކީ ސިފައިން ގެންދަނީ އިރާގުގެ ހުއްދައަކާނުލައި އިރާގުގެ އުތުރަށް ވެސް އަރައި އަސްކަރީ ހަރަކާތްތައް ހިންގަމުންނެވެ.

އިދްލިބް މިނިވަން ކުރުމަށް ސޫރިއާ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެ ޕްރޮވިންސްގެ ރަށްތަކާއި އަވައްތައް ދޫކޮށް ރައްކާތެރި ތަންތަނަކަށް ދިޔުމުގެ ދަތުރު ގަދަ ފިނީގައި އިދްލިބްގެ އާންމުން ފަށާފައިވާއިރު އެމީހުން ތަހައްމަލް ކުރަމުން ގެންދަނީ އިއިންސާނުންގެ ހިތް ފަޅައިގެންދާ ވަރުގެ އިންސާނީ ހާލަތެކެވެ. ސޫރިޔާ ސިފައިންގެ ހަމަލާތަކާއި ސޫރިޔާއަށް މަދަދުދޭ ރަޝިއާ ސިފައިންގެ ހަމަލާތަކާ އަދި ތުރުކީގެ މަދަދު ލިބިގެން ސޫރިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާތަކުގައި އިދްލިބްގެ އާންމުންގެ އެތަށްބަޔަކުދަނީ މަރުވަމުންނެވެ.

ތުރުކީ ކަންބޮޑުވަނީ އިދްލިބްގެ އާންމުން ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް ވަންނާތީ އެވެ. އަދި ވަންނަ ރެފިއުޖީންނަށް ޚަރަދުކުރަންޖެހޭތީ އެވެ. މިހާރު ވެސް ތުރުކީގައި ސޫރިޔާގެ 3.5 މިލިޔަން ރެފިއުޖީން ދިރިއުޅެ އެވެ. ނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީ އަމިއްލަ މަސްލަހަތަށް ޓަކައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ތުރުކީއާއި އެނޫން ވެސް ބޭރުގައުމުތަކުން ހަތިޔާރު ދީގެން ސޫރިއާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން ސޫރިޔާގެ ރައްޔިތުން ތަހައްމަލް ކުރަމުން ގެންދާ ވޭނާއި ކެކުޅުމުގައި ސޫރިޔާ ސަރުކާރުގެ އިތުރުން ތުރުކީގެ ދައުރުވެސް ވަރަށް ބޮޑެވެ.

ސޫރިޔާގެ ހަނގުރާމައިގާ މިލިޔަނެއްހާ ސޫރިޔާގެ ރައްޔިތުން މަރުވި ހަމައެކަނި ބައްޝާރުގެ ސަރުކާރާއި އެސަރުކާރަށް ވާގިވެރިވާ ފަރާތްތަކުގެ ޙަމަލާތަކުން އެކަންޏެއް ނޫނެވެ. އެމެރިކާ، ތުރުކީ އަދި ގަލްފުގެ ގައުމުތަކުގެ މަދަދުލިބިގެން ބައްޝާރުގެ ސަރުކާރު ވައްޓާލަން ނުކުތް ހަނގުރާމަވެރިންގެ ދައުރު މިޖަރީމާގައި ކުޑައެއް ނޫނެވެ. ތުރުކީގެ އިދިކޮޅު ފަރާތްތަކުން ބޭރުގެ އެހީ ލިބިގެން ތުރުކީ ސަރުކާރު ވައްޓާލަން ނުކުމެއްޖެނަމަ ބައްޝާރު ކަންތައް ކުރިގޮތަށް އެރުދުޣާން ވެސް ކަންތައްކުރާނެ އެވެ.

comment ކޮމެންޓް