އެންޓި ޑިފެކްޝަން ގާނޫނު: ނަމެއްގައި ކުރި ޖެއްސުމެއް؟

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނާ މެދު ބޮޑެތި ގާނޫނީ ސުވާލުތަކެއް ވަނީ އުފެދިފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީސް މެންބަރުން "ގޮނޑި ވިއްކާލީމާ" މެންބަރުކަން ގެއްލޭގޮތަށް 'އެންޓި ޑިފެކްޝަން ގާނޫނު' ފާސްކޮށް، އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީޤުކުރެއްވުމުން ވަރަށް ގިނަ ބަޔަކު އުފާފާޅުކުރިއެވެ. މެންބަރުކަމަށް ހޮވޭ ފަހުން "ކުލަ ބަދަލުކޮށް" ޕާޓީ ބަދަލުކުރާ ކުރުމަށް ނިމުމެއް އައީ ކަމަށް ބުނެ އެތައް ބަޔަކު ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

އެކަމަކު، އެ ބިލު ފާސްކުރީއިރު ވެސް ގާނޫނީ އެތައް ސުވާލެއް އުފެދިފައި އޮތެވެ.

ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް، މަޖިލީސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައި އެބައޮތެވެ. އެ މާއްދާގައި 'ޕާޓީ ބަދަލުކުރުން' ނުހިމެނޭ އޭރު ހިޔާލުގައި އެކަން ނެތިގެނެއް ނޫނެވެ. ގާނޫނުއަސާސީ ޑްރާފްޓުކުރީއިރު އެ ކަމާ ވަރަށް ބޮޑަށް، ވަރަށް ފުޅާކޮށް މަޝްވަރާކުރެވުނެވެ.

އޭރު ރައްޔިތުންގެ ޙާއްސަ މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ފެނިވަޑައިގަތީ 'އެންމެ ބުއްދިވެރި' ގޮތަކީ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި މެންބަރުން "ކުލަ ބަދަލުކުރުން" ނުހިމެނުމެވެ. އެހެން އޮއްވައި، މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނާ ހެދި އެ ގާނޫނީ ބަހުސް އިތުރަށް ފުޅާވެގެންދިޔައެވެ.

ގާނޫނުގައި ބުނަނީ ކީކޭ؟

އެ ބިލުން އެންމެ އަޅައިގެން ކަމަކީ ޕާޓީ ބަދަލުކުރުމުން ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުންގެ ގޮނޑި އޮޓޯއިން ގެއްލިފައި، މެންބަރުން "އިސްތިއުފާ ދޭން" ޖެހުމެވެ.

https://sun.mv/190478

މައިގަނޑު ތިން ހާލަތެއްގައި މަޖިލީސް މެންބަރުން މަގާމުން 'އިސްތިއުފާ ދޭންވާނެ' ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ. އެއީ:

  • އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
  • އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން]
  • އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން

މި ހިސާބުން އުފެދުނު ސުވާލަކީ އެ މެންބަރުން އިސްތިއުފާ ދޭންވާނެ ކަމަށް ބަޔާންކުރަނީ ކީއްވެގެންތޯއެވެ؟ ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުންގެ ގޮނޑި އޮޓޯއިން ގެއްލިފައި މަޖިލީސް މެންބަރުން އިސްތިއުފާ ދޭންވާނޭ ބުނެ، ގާނޫނެއް ފާސްކުރާނީ ކަންތައްތަކަކަށް ވިސްނާފައެވެ. އެ ސުވާލު، މި ބިލު މަޖިލީހަށް ހުށަހެޅުއްވި 19 ވަނަ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއާ އޭރު ކުރީމެވެ.

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ: އެންޓި ޑިފެކްޝަން ގާނޫނު ހުށަހެޅުއްވީ މެންބަރު އަހުމަދު އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި އޭގެ ފަހަތުގައި އޮތީ އެންމެ ސަބަބެކެވެ. އެއީ، ގާނޫނުއަސާސީގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ވަކި ހާލަތްތަކެއް ބަޔާންކޮށްފައިވަނިކޮށް، ގާނޫނުގައި އިތުރު ކަމެއް ހިމަނައިފި ނަމަ، ގާނޫނުއަސާސީއާ ފުށުއަރާނެތީއެވެ.

"މެންބަރަކު އިސްތިއުފާ ނުދީފިއްޔާ ދެން އެ ހިސާބުން އެ ކަން ނިންމާނީ ކޯޓުން،" ގާނޫނުގައި އިސްތިއުފާ ނުދީފިނަމަ ދެން ކަންކުރާނެ އުސޫލެއް ބަޔާންކޮށްފައި ނެތުމުން، އެ ސަބަބު ވެސް އޭނާ އޭރު ވިދާޅުވެދެއްވިއެވެ.

ގާނޫނު ފުރިހަމައެއް ނޫން

މި ފަހަރު މަޖިލީސް އިންތިޚާބުގައި ބައެއް ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުން އަމިއްލަގޮތުން ވާދަކުރެއްވިއެވެ. އޭގެ ބައެއް ކެންޑިޑޭޓުންނަށް ސަރުކާރުން ތާއީދު ވެސް ކުރިއެވެ. ބައެއް ކެންޑިޑޭޓުން ގޮނޑި ކަށަވަރު ވެސް ކުރެއްވިއެވެ.

"އިލެކްޝަންސް ކޮމިޝަން (އީސީ)ން އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ދެން ވާނީ ކިހިނެއްތޯ؟" އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ސުވާލު އުފެއްދެވިއެވެ.

ހަބީބު އެ ވިދާޅުވި ހާލަތެއް ވެސް ގާނޫނަކު ނެތެވެ. ދެން ކަންކުރާނެ ގޮތެއް ވެސް އެނގޭކަން ނެތެވެ.

ދެވަނަ ސުވާލަކަށް އޭނާ އުފެއްދެވީ މަޖިލީސް މެންބަރަކަށް އެނގުމަކައިނުލާ އޭނާ އެހެން ޕާޓީއަކަށް ވެއްދުމެވެ. ބައެއް މީހުންނަށް އެނގުމަކައިނުލާ ޕާޓީތަކަށް ވައްދާ މައްސަލަ މި ފަހުން ވެސް ބޮޑުވިއެވެ. އެ މައްސަލަ ހައްލުކުރަން އީސީން މުހިއްމު ފިޔަވަޅުތަކެއް ވެސް އެޅިއެވެ.

"މި ދެންނެވުނު ދެ ހާލަތުންކުރެ ހާލަތެއް މެދުވެރިވާ މެންބަރެއްގެ ވާހަކަ އެންޓި ޑިފެކްޝަން ގާނޫނުން ނުފެނުނީމާ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނީއެވެ،" ހަބީބު ވިދާޅުވިއެވެ.

ގާނޫނުއަސާސީއާ ފުށުއަރާ ގާނޫނެއް؟

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށްފައި އެބައޮތެވެ. އެއީ:

  • އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
  • -ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
  • ފަނޑިޔާރަކު ކަމުގައިވުން.

ގާނޫނުއަސާސީ --- ސަން ފޮޓޯ

އެހާ ސާފުކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ކަމެއް، ގާނޫނެއްގެ ގޮތުގައި ފާސްކުރުމުން އެ ކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ)އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު ގާނޫނެކެވެ.

އެހެންވެ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް 'އެންޓި ޑިފެކްޝަން ގާނޫނު'ގައި ހިމެނޭ މާއްދާތައް އިތުރުކުރަން މިހާރު ވެސް މަޖިލީހަށް ހުށަހަޅާފައި އެބައޮތެވެ. އެކަމަކު، އެ މާއްދާ އިތުރުކުރިޔަސް ގާނޫނުއަސާސީގެ ރޫހާ ހިލާފުވާނެ ކަމަށް ބެލެވުމުގެ ފުރުސަތު އެބައޮތެވެ.

"ގާނޫނުއަސާސީ ހެދީއިރުގައި ވެސް ހުށަހެޅުނު ކަމެއް މިއީ. ހުށަހެޅޮގެން ގާނޫނުއަސާސީ ލިޔުނު މީހުން ރިޖެކްޓުކޮށްފައި އޮތް ވާހަކައެއް މިއީ،" އިބުރާ ވިދާޅުވިއެވެ.

އޭރު ގާނޫނުއަސާސީ އެކުލަވައިލިއިރު ވެސް މެންބަރުން "ގޮނޑި ވިއްކާލުމުގެ" ކަންބޮޑުވުމަށް ހައްލެއް ގެންނަން ބޭނުންވިއެވެ. އެކަމަކު، އޭރު ގާނޫނުއަސާސީގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެކަމަށް ނުލިޔުނީ ބައިވަރު ސަބަބުތަކެއް ހުރުމުންނެވެ.

ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް --- ސަން ފޮޓޯ/ މުހައްމަދު މާނިއު

އެއް ކަމަކަށް، ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކުރާ 'ރައްޔިތުންގެ ބާރު' ކެންޑިދާނެކަމުގެ ބިރު އޮތުމެވެ.

ގާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެވެ. އެ ތަނަކީ ރައްޔިތުންގެ މަންދޫބުން، ރައްޔިތުންގެ އަޑު އިއްވާނެ ތަނެކެވެ. އެ ތަނަށް ރައްޔިތުންގެ ބާރު ހިނގަންޖެހެއެވެ.

"ޕާޓީއަކުން މީހަކު އެންޑޯސްކޮށްގެން ނެރުނަކަސް އަދި ވޯޓުލާ މީހަކު ވޯޓުލަނީކީއެއް ކޮންމެހެން އެ ޕާޓީވެގެން ކަމަށް ބަލައިގެންނެއް ނުވާނެ ދޯ. މީހާއަށް ދޯ ވޯޓުލަނީ؟ އެހެންވީމާ ގާނޫނުއަސާސީއާ ހިލާފުވާ ހިސާބުތަކަށް މި ވަދެވެނީ،" އެންޓި ޑިފެކްޝަން ގާނޫނަށް ފާޑުވިދާޅުވަމުން އިބުރާ ފާހަގަކުރެއްވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ޕާޓީތަކަކީ ރައްޔިތުންގެ ކޮންޓްރޯލް އޮންނަ އެއްޗަކަށް ހެދުމެވެ. މިހާރު މި ގާނޫނު އޮތް ގޮތުން ޕާޓީތަކަށް ރައްޔިތުންގެ މައްޗަށް ބަސް ކިޔުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ދެކިލައްވައެވެ.

ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ވެސް މި ގާނޫނު ކަނޑައެޅިގެން ހިލާފު ކަމަށް އިބުރާ ދެކިލައްވައެވެ.

https://sun.mv/191224

އެ މާއްދާގައި ބުނަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި، އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ."

އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގާނޫނީ ބަހުސް ބޮޑުވެފައި އޮއްވައި، އަމިއްލަގޮތުން އިންތިޚާބުވި ހަ މެންބަރަކު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިފައެވެ.

ގާނޫނުގައި އުނި އެތައް ކަމެއް ހުރީއިރު، ކަނޑައެޅިގެން ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަންތައްތަކެއް ވެސް ހުރިކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ވިހިވަނަ މަޖިލީހުގެ ދައުރު އަންނަ މަހު 28ގައި ފެށޭއިރު މި ބަހުސް އިތުރަށް ފުޅާވާނެއެވެ.

އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހެއެވެ. އެކަމަކު، މިހާރު ފާސްކޮށްގެން އަމަލުކުރަމުން މި އަންނަ އެންޓި ޑިފެކްޝަން ގާނޫނަކީ ހަމައެކަނި އޮތް ނަމެކެވެ. މިއީ ބޭނުންވެއްޖެ ނަމަ، މެންބަރުން ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ފަހިކުރެވޭނެ ގޮތަށް ގަސްތުގައި ފަރުމާކޮށްފައި އޮތް ގާނޫނެއްތޯ ވެސް ސުވާލު އުފައްދަން ޖެހެއެވެ.

comment ކޮމެންޓް