ހައްގުތަކުގެ ދުވަހު އެމްއާރުއެމްއިން ގޮވާލީ އެޗްއާރުސީއެމްގެ މައްސަލަ ބަލަން

އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައީސް މައުމޫންއާއި ރައީސް ސޯލިހް: އެޗްއާރުސީއެމްއަށް އެމްއާރުއެމް އިން ވަނީ ފާޑުކިޔާފައި -- ސަން ފަޔާޒު މޫސާ

ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަރަށް ބޮޑަށް، އިހުމާލުވެފައިވާ ކަމަށާއި އެ ކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.

މިއަދު ފާހަގަ، ކުރާ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން އެމްއާރުއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ އެޗްއާރުސީއެމްއިން މިވީ ދުވަސްތަކުގައި އެ ކޮމިޝަންގެ މަގުސަދާއި ބޭނުން އޮޅޭ މިންވަރަށް އަމަލުތައް ބަހައްޓާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޕާޓީގެ ލީޑަރުންނާއި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތައް ޖަލުގައި ދެމުންގެންދިޔަ "ލާއިންސާނީ އަނިޔާ އާއި، ބޭއިންސާފު ޝަރީއަތްތަކާމެދު" އޭރު އުފަލުން ދިޔަ ޝަކުވާތަކަށް އެޗްއާރުސީއެމް އިން އޮތީ "ބީރު ކަންފަތެއް" ދީގެން ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ފާހަގަ ކުރި އެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ކުރީ ވަކި ސިޔާސީ ބައެއްގެ މަސްލަހަތުތައް ނަގހަައްޓައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ދިޔަ ފަރާތްތަކުގެ ދިފާއުގައި ކަމަށް އެމްއާރުއެމްއިން ބުންޏެވެ.

"އެ ގާނޫނުއަސާސީއިން އުފަންކުރުވި މުސްތަގިއްލު ކޮމިޝަންތަކުން ވަނީ އެ ކޮމިޝަންތައް އުފެއްދި ބޭނުން އޮޅޭ މިންވަރަށް އިންސާނީ ހައްގުތަކަށް އިހްތިރާމް ކުޑަކޮށްފައެވެ. ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅުނު އެތައް ޝަކުވާތަކެއް ނިމިގެން ދިޔައީ އަސާސީ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލު ހިންގި ފަރާތްތަކުގެ މަސްލަހަތުގައެވެ." ޔާމީންގެ ސަރުކާރުގައި ޖަލު ބަންދުގައި ހުންނަން ޖެހިވަޑައިގަތް ރައީސް މައުމޫންގެ އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.

އެމްއާރުއެމްއިން ބުނީ، އެޗްއާރުސީއެމްއިން މަސައްކަތްކޮށްފައި ވަނީ އިންސާނީ ހައްގުތަކުގެ ކުރިއަށް މަގާމާއި، ސިޔާސީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އަދި އެޗްއާރުސީއެމްގެ އެ ދަށު ދަރަޖައިގެ އަމަލުތަކަކީ ތާރީހުގައި ލިޔެވިގެން ދިޔަ ކަޅު ސޮފްހާއެއް ކަމަށް ވެސް އެ ޕާޓީއިން ބުންޏެވެ.

"އެއީ ދިވެހި ތާރީހުން ދުވަހަކުވެސް ފުހެވިގެން ނުދާނޭ އަނދިރި ބާބެކެވެ." ބަޔާނުގައި ވަނީ ބުނެފައިވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނަށްވެސް ނިސްބަތްވާ އެމްއާރުއެމް އިން ބުނީ، އެޗްއާރުސީއެމް އިން ނިންމާފައިވާ ބޭއިންސާފު ނިންމުންތަކާއި، އިހްމާލުތަކުގެ މައްސަލަތައް ބަލައި، ހައްގުތައް ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމަށް އެ ޕާޓީއިން ދެކޭ ކަމަށެވެ.

"އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އެފަދަ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހްމާލުވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ވެފައި އޮތްއޮތުން ބަދަލުކޮށް، އިންސާނީ ހައްގުތައް ރައްކާތެރިކުރާނޭކަމުގެ ކަށަވަރުކަމާއި، ގެއްލިދިޔަ އިތުބާރު އަލުން ގާއިމުކުރެވޭނީ ފާއިތުވެދިޔަ ތަނުގައި ހިއުމަންރައިޓްސް ކޮމިޝަންއިން ހިންގި އިހްމާލުގެ އަމަލުތައް ރަނގަޅަށް ބެލި، ހައްގު ގެއްލުނު ފަރާތްތަކަށް އިންސާފު ލިބިދެވިގެންނެވެ." އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމްގެ އޭރުގެ މެންބަރުން އަމަލުކޮށްފައިވާ ގޮތް ބަލައި އެ ފަރާތްތައް ޒިންމާދާރު ކުރުމަށް އެ ޕާޓީން ވަނީ ބަޔާނުގައި ސަރުކާރަށް ގޮވާލާފަ އެވެ.

ހިއުމަން ރައިޓްސް ދުވަހު އެމްއާރުއެމްގެ ފާޑުކިޔުންތައް އެޗްއާރުސީއެމްއަށް އަމާޒުވީއިރު، ރައީސް ޔާމީންގެ ސަރުކާރުގައި މައުމޫން ޖަލަށް ލުމުން އެމަނިކުފާނުގެ އާއިލާއިން އެޗްއާރުސީއެމްއަށް އެތައް މައްސަލައެއް ހުށަހެޅި އެވެ. އެހެން ނަމަވެސް، އެ ކޮމިޝަނުން އެ ކަންކަން ބަލައި އެކަށީގެންވާ ފިޔަވަޅު އަޅާފައެއްނުވެ އެވެ.

އެމްއާރުއެމްގެ ބަޔާނުގައި އިތުރަށް ބުނީ، އެ ޕާޓީގެ ލީޑަރު، ރައީސް މައުމޫންގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ގުޅޭ ގިނަ މުއާހަދާތަކުގައި ރާއްޖެ ބައިވެރިވެފައިވާ ކަމަށެވެ. އެ މުއާހަދާތަކުގައި ރާއްޖެއިން ބާއިވެރިވެފައި ވަނީ އެންމެ ފުރިހަމަ ގޮތުގައި އެ މުއާހަދާތައް ތަންފީޒުކުރުމަށް ކަމަށާއި ނަމަވެސް ނިިމިދިޔަ ސަރުކާރުން ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަރަށް ދަށު ދަރަޖައަކަށް ވައްޓާލާފައިވާ ކަމަށް އެ ޕާޓީއިން ވަނީ ފާހަގަކޮށްފަ އެވެ.

"ނިމިދިޔަ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއި، އަސާސީ އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތް ވަޅުޖެހި، އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ ވަރިހަމަކޮށްލެވޭ، އާދައިގެ ކަމަކަށް ވެގެންދިޔައީ ކަންބޮޑުވާ ދަރަޖައަކަށެވެ." އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް