ރާއްޖޭގައި 250,000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ، އަދިވެސް ބޭނުންވޭ: ފައްޔާޒު

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ތަކެއް ޖުމްހޫރީ މައިދާނުގައި: ރާއްޖޭގައި މިހާރު ވެސް 250،00 އަށް ވުރެ ގިނަ ބިދާސީން އެބެތިބި ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު 250،000 އަށް ވުރެން ގިނަ ވާނެ ކަމަށާއި އެހެން ނަމަވެސް އަދިވެސް އިތުރު ބިދޭސީން ބޭނުންވާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިކޮނަމިކް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބޭރު މީހުންގެ ކަންތައްތައް ބެލެހެއްޓުން ހުރީ ވަރަށް ދަތި ހިސާބެއްގައި ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ ގިނަ ކަންތައްތަކެއް ވެސް އެކުލެވިގެންވާ ކަމަށެވެ.

"އަންދާޒާ ކުރާ ޖުމްލަ ބޭރު މީހުންގެ އަދަދު 250،00 އަށް ވުރެން ރާއްޖޭގައި ގިނަ ވާނެ. އޭގެ ތެރޭގައި ލީގަލް ކޮށް އަދި އިލްލީގަލްކޮށް ތިބި މީހުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ވަޒީފާ އަދާކުރުމުގެ އުމުރު ހަމަވާ ހުރިހާ މީހުން ވަޒީފާތަކަށް ނިކުތް ނަމަވެސް އިގްތިސާދު މިހާރު މިދާ ސްޕީޑްގައި ކުރިއަށް ގެންދިއުމަށް އަދިވެސް އިތުރު ބިދޭސީން ބޭނުންވާ ކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް މުސްތަގްބަލްގައި ވެސް ބޭރު މީހުން ރާއްޖޭގައި މަސައްކަތް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަމުގައި އެކުލެވިގެންވާ ގާނޫނާއި ހިލާފް ކަންކަން ހުއްޓުވުމުގެ ޕްރޮގްރާމެއް ފެށެމަށް ތައްޔާރު ވަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ވެސް ބޭނުންވާ ރިސޯސަސް އެއް ފުރިހަމައަކަށް ނެތް. އަޅުގަނޑުމެން ބޭނުންވާ މޭން ޕަވާއެއް މިކަން ކުރުމަށް ވެސް ނެތް. އެހެންވީމަ އެންމެ ފުރިހަމައަކަށް އަދިއެއް ހިދުމަތެއް ނުދެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީން ރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ ކޯޓާ އެޕްލިކޭޝަން ހުށަހެޅުމަށް ފަސޭހަ ގޮތެއް ހެދުމަށް ގަވާއިދަށް ބަދަލު ގެންނާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ކޯޓާއަށް އެދުމުގެ ކުރިން އިންސްޕެކްޝަން ފުރިހަމަ ކޮށް ރަށެއްގައި ނަމަ ކައުންސިލްގެ ތައްގަޑު ޖެހުމަށްފަހު ފޯމް ހުށަހަޅަން ޖެހޭ ގޮތައް ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހިސާބުން އަޅުގަނޑުމެނަށް ވަރަށް ފަސޭހަވެގެން ދާނެ. އުންމީދު މި ކުރަނީ ހުރިހާ ޑޮކިއުމެންޓްސް ހަމައަށް ހުރެއްޖެ ނަމަ އެންމެ ލަސްވެގެން ހަތް ދުވަސް ތެރޭގައި ކޯޓާއެއްގެ އެޕްލިކޭޝަނެއްގައި ނިންމަން ޖެހޭ ނިންމުންތައް ނިންމުން،" ފައްޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް