ފްލޯޓިން ސޯލާ މަޝްރޫއެއް ހިންގުމަށް އެސްއީޒެޑުގެ ފުރަތަމަ ހުއްދަ ދޫކޮށްފި

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ފްލޯޓިން ސޯލާ މަޝްރޫއެއް ހިންގުމަށް އެސްއީޒެޑުގެ ފުރަތަމަ ހުއްދަ ވަނީ ދޫކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ދޭ ފުރަތަމަ ހުއްދަ، ކަރަންޓު ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ގާއިމުކުރުމަށް މިއަދު ދީފިއެވެ.

އެސްއީޒެޑުގެ ގާނޫނުގެ ދަށުން މި ހުއްދަދޫކުރުމަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޯޑް އޮފް އިންވެސްޓްމަންޓްއިން މިއަދު ބޭއްވި ތިން ވަނަ ޖަލްސާގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހުއްދަދޫކުރީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕް އަށް ކަމަށާއި އެ ކުންފުނިން މި ޕްރޮޖެކްޓު ހިންގަނީ ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑާ ގުޅިގެން ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން މާލެ ސަރަހައްދުގައި ގާއިމުކުރަނީ 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) ޕަވާ ޕްލާންޓަކާއި އެއާ ގުޅުންހުރި އިންފްރާސްޓްރަކްޗާއެވެ. އެ ނިޒާމު މިހާރު ކަރަންޓު ފޯރުކޮށްދޭ މައި ގްރިޑާ ގުޅުވުމަށް އިންވެސްޓްމެންޓް ބޭނުންވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ރާއްޖެގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުން އުފައްދާ ކަރަންޓަށް ހެދުމަށް 2028 ވަނަ އަހަރަށް ލަނޑުދަނޑިއެއް ކަނޑައަޅުއްވައިފައެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި މަޝްރޫއަކީ، އެ މަސައްކަތުގައި އެހީތެރިވެދޭނެ މަޝްރޫއެއް ކަމަށެވެ.

https://sun.mv/186498

އެސްއީޒެޑް މަޝްރޫއެއް ހިންގޭނެ އަގު ދަށްކުރިފަހުން ފުރަތަމަ ފަހަރަށް ބޮޑު ޕްރޮޕޯސަލެއް ލިބިފައިވާކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 24ގައެވެ.

އެސްއީޒެޑެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑު 100 މިލިއަން އެމެރިކާ ޑޮލަރަށް ދަށްކުރައްވައި އެ މިންވަރު ރައީސް ކަނޑައެޅުއްވީ ޑިސެމްބަރު 17ގައެވެ.

ކުރިން އޮތް އެންމެ ކުޑަ އަގަކީ އަގަކީ 150 މިލިއަން ޑޮލަރެވެ.

އެސްއީޒެޑް ގާނޫނު އެންމެ ފުރަތަމަ ތައާރަފުކުރީ 2015 ވަނަ އަހަރުއެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ޚާއްސަ އިގުތިސާދީ ސަރަހައްދުތައް ގާއިމުކޮށް، އިންވެސްޓްމެންޓަށް ހުޅުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް