ދުފުމާއި ގުޅިފައިވާ ޞިއްޙީ ނުރައްކާތައް

ފެންފޯކަކީ ސިކުނޑިއަށް އަސަރުކުރުވާ ބާވަތްތަކުގެ ތެރެއިން މުޅި އޭޝިއާގައ ިވެސް އެންމެ ޢާންމުކޮށް ބޭނުންކުރާ ބާވަތެވެ. ދުފުމަކީ ދިވެހިންގެ ތެރޭގައ ިވެސް ވަރަށް ޢާންމު އާދައެކެވެ. ދުފުމުގައި ގެންގުޅޭ އާދަތަކަށް ބަލާއިރު ތާޒާ ފެންފޯއް ނުވަތަ ހިއްކާފައިވާ ފެންފޯއް ނުވަތަ ހަނާކުރި ފޯއް ބިލެތާއި، ބިލެއް ހުންޏާއި، ކަރަންފޫ ފޮނިތޮށި ކާފޫރުތޮޅި ފަދަ ތަކެއްޗާއި، ކައިރާއި އަދިވެސް މިފަދަ އެތައް ބާވަތެއްގެ ތަކެއްޗާ އެކު ނުވަތަ ހުހަށް ބޭނުންކުރެވެ އެވެ. މީގެއިތުރުން ދުފާއިރު ދުންފަތް ވެސް ވަރަށް ގިނަ މީހުން ބޭނުންކުރެ އެވެ. ދުފުމަކީ ކިތަންމެ ޢާންމު އާދައަކަށް ވިޔަސް ދުފައި އުޅޭ ގިނަމީހުންނަކަށް ކެންސަރާއި މިނޫންވެސް ފެންފޯކުން ލިބޭ ޞިއްޙީ ގެއްލުންތަކެއް ނޭނގެއެވެ.

ދިވެހިރާއްޖެ އަށް އެތެރެކުރެވޭ ހިކިފެންފޯކާއި ފެންފޯކުން ހަދާފައިވާ ސުޕާރީ ފަދަ ތަފާތު ބާވަތްތަކުގެ ގިނަކަމާއި މިތަކެއްޗާއި، ކިއްލި އާއި އަދިވެސް ތަފާތު ބާވަތްތަކުގެ ދުފުންތައް ރާއްޖޭގައި ބޭނުންކުރެވޭ މިންވަރަކީ ޞިއްޙީ ގޮތުން ވަރަށް ކަންބޮޑުވާންޖެހޭ ދަރަޖައަކަށް ހުރި ކަންކަމެވެ. މިކަމުގައި ވަކިން ކަންބޮޑުވާންޖެހެނީ މިއާދަތަކުގެ ތެރެއަށްވަދެ ދުފުމަށް ދެވިހިފާ ކުޑަކުދިންނާއި ޒުވާނުން އިތުރުވާ މިންވަރެވެ.

ފެންފޯކުގައި ހިމެނޭ ޞިއްޙަތަށް ގެއްލުންލިބޭ މާއްދަތަކާއި އެމާއްދާތަކުން ލިބޭ ޞިއްޙީ ގެއްލުންތަކުގެ ޙަޤީޤަތް އަދިވެސް އެންމެ ފުރިހަމައަށް ހޯދިފައި ނުވެއެވެ. ސަބަބަކީ ދުފުމަކީ މައިގަނޑު ގޮތެއްގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މީހުންގެ މެދުގައިވާ އާދައަކަށް ވެފައި މިޤައުމުތަކުގައި މިފަދަ ދިރާސާތައް ކުރެވެން ފެށީ ނިސްބަތުން ވަރަށް ފަހުންކަމަށް ވާތީއެވެ.
~
އެހެނަސް މިރޮގުން ކުރެވޭ ދިރާސާތައް އިތުރުވާ ވަރަކަށް ދުފުމާ ގުޅިފައިވާ ޞިއްޙީ މައްސަލަތައް އެނގި ހާމަވަމުން އެބަދެއެވެ. ދުފުމުގައި ހުސް ފެންފޯއް ބޭނުންކުރިކަމަށް ވިޔަސް ނުވަތަ އެހެން ބާވަތްތަކާ އެކު ދުފިކަމުގައި ވިޔަސް (ދުފާއެއްޗެތި ދިރުވިޔަސް ނުވަތަ ދިރުވައިނުލާ އުކާލިކަމުގައި ވިޔަސް) ކެންސަރު ޖެހޭކަމުގެ އެތައް ހެކިތަކެއް މިހާރުވަނީ ފެނި ސާބިތުވެފައެވެ. ޢާންމުކޮށް ގިނަ ބަޔަކަށް ހީވެފައި އޮންނަގޮތާ ޚިލާފަށް ދުންފަތާއި ބިލެއް ހުނި ނުލައި ދުފިކަމުގައި ވިޔަސް ދުފުމާއި ގުޅިފައިވާ ޞިއްޙީ މިފަދަ ނުރައްކާތައް އޮވެއެވެ. އެހެނަސް ދުންފަތަކީ އޭގެ އަމިއްލަ ޒާތުގައިވެސް ކެންސަރު ޖައްސާ އެއްޗެއް ކަމުން މިދެބައި އެކުވުމުން ކެންސަރު ޖެހުމުގެ ފުރުޞަތު އެތައް ގުނައަކަށް ބޮޑުވެއެވެ.

އަނގަޔާއި ކަރުތެރޭގެ ކެންސަރު އެންމެ ގިނައީ ދުފާމީހުން އުޅޭ އާބާދީ ތަކުގައެވެ. މިފަދަ ބައެއް އާބާދީ ތަކުގައި އެންމެ ޢާންމު ކެންސަރަކީވެސް (އެހެން އާބާދީ ތަކާއި ޚިލާފަށް) އަނގަޔާއި ކަރުތެރޭގެ ކެންސަރެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއި އާއި ކެންސަރުގެ ދިރާސާތައްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތުން މިހާރު އެކުލަވާލާފައިވާ ކެންސަރު ޖައްސާ އަދި ކެންސަރަށް މަގުފަހިކޮށްދޭ ތަކެތީގެ ލިސްޓުގައިވާ ގޮތުން ފެންފޯކަކީ އެއްވަނަ ދަރަޖައިގައި ކެންސަރު ޖައްސާ އެއްޗެކެވެ. މާނައަކީ އެހެން އެއްވެސް އެއްޗަކާ ގުޅުމެއްނެތި އޭގެ އަމިއްލަ ޒާތުގައި ފެންފޯކުން ކެންސަރު ޖައްސާކަން ތަފާތު އެތައް ދިރާސާތަކާއި ދަލީލުތަކުން ސާބިތުވެފައިވުމެވެ. މިފަދަ އެންމެހައި ދިރާސާތަކުން ދައްކާގޮތުގައި ގިނައިން ދުފުމާއި އަވަސް އަވަހަށް ދުފުމަކީ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރަށް ބޮޑުކޮށްދޭ ކަމެކެވެ.

ފެންފޯކަކީ (ނުވަތަ ދުފުމަކީ) ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކޮށްދިނުމުގެ އިތުރުން ތަފާތު އެތައް ޞިއްޙީ އަދި އިޖްތިމާޢީ މައްސަލަތަކެއް ވެސް ކުރިމަތިކުރުވާ އެއްޗެކެވެ. ދުފާމީހުން މަގުމައްޗަށާއި އެހެނިހެން ތަންތަނަށް ރަތްކުޅު ޖެހުމުގެ ސަބަބުން ތަންތަން ހަޑިވާ މިންވަރާއި އެކަމުން މީހުންނަށްވާ އުނދަގުލަކީ އަޅުގަނޑުމެން (ޚާއްޞަކޮށް މާލޭގައި އުޅޭ) އެންމެނަށް އެނގޭ ޙަޤީޤަތެކެވެ. މިގޮތަށް ރަތްކުޅު ޖެހުމަކީ ޤާނޫނީ ކުށެއްކަން ކިތައް މީހުންނަށް އެނގޭބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ!

ދުފުމުގެ ސަބަބުން (ފެންފޯކުގައި ހިމެނޭ މާއްދާތަކެއްގެ ސަބަބުން) ދުލާއި ކޮލުގެ ނުވަތަ އަނގައިގެ ހަންގަނޑު ބޯވެ ބައެއްފަހަރު ކުލަ ފަނޑުވާގޮތް ނުވަތަ ހުދުވާގޮތް މެދުވެރިވުމަކީ ވަރަށް ޢާންމުކަމެކެވެ. މިއީ ފަރުވާނުކޮށް ދޫކޮށްލެވިއްޖެނަމަ ނުވަތަ ދުފުމުގެ އާދަ ކުރިއަށް ގެންދެވޭނަމަ ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމެކެވެ. ދުފުމާއި ގުޅިފައިވާ އަނގައިގެ ޞިއްޙަތުގެ އެހެން މައްސަލަތަކުގެ ތެރޭގައި ދަތްތައް ގިރުމާއި، ދަތްތަކުގައި ކުލަހިފުމާއި، ދަތްފަނިކެއުމަށް މަގުފަހިކޮށްދިނުމާއި މުޅިއަނގައިގެ ތެތްހަމުގެ ކުލަބަދަލުވެ ހަންގަޑަށް ބަދަލުއައުން ހިމެނެއެވެ.

ފަހުގެ ދިރާސާތަކުން ދައްކާގޮތުން ދުފުމަކީ ހިތުގެ ބައްޔާއި، ހަކުރުބައްޔާއި ނޭވާހިއްލުމަށް ވެސް މަގުފަހިކޮށްދޭ ކަމެކެވެ. އަދި ދުފުމުގެ ސަބަބުން މިފަދަ ބަލިތައް ހުންނަ މީހުންގެ ބަލި އިތުރަށް ގޯސްކޮށްދެއެވެ. މީގެއިތުރުން ފެންފޯކަކީ އެއަށް ދެވިހިފައި، ގިނަދުވަސްވަންދެން ދުފާ މީހުންނަށް އެއާ ނުލައި އުޅެން އުނދަގޫކުރުވާ އަދި އެއާ ދުރުވާން އުނދަގޫ އެއްޗެއްވެސް މެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް