ހިތުގެ ބައްޔަށް އަޅާނުލައި ތިބެވޭކަށް ނެތް

އަހަރަކު 17.3 މިލިއަން މީހުންގެ މަރާއެކު ހިތުގެ ބަލި މިހާރުވެފައިވަނީ ދުނިޔޭގެ އެންމެ ގިނަޢަދަދެއްގެ މީހުން މަރުވާ ސަބަބު ކަމުގައެވެ. މުޅިދުނިޔެއަށް ބަލާއިރު މަރުވާ މީހުންގެ ގާތްގަނޑަކަށް 29 އިންސައްތަ މީހުންނަކީ ހިތާއި ލޭހޮޅިތަކުގެ ބަލީގައި މަރުވާ މީހުންނެވެ. ދިވެހިރާއްޖޭގައި މަރުވާމީހުންގެ ތަފާސްހިސާބަށް ބަލާއިރު 2007 ވަނަ އަހަރު މަރުވި މީހުންގެ ގާތްތަނޑަކަށް 40 އިންސައްތަ މީހުން މަރުވީ ހިތާއި ލޭހޮޅީގެ ބަލިތަކުގައެވެ. މިއީ ދުނިޔޭގެ ނިސްބަތުންވެސް ވަރަށް މަތީ ދަރަޖައަކަށް ވުމުގެ އިތުރުން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިހާގިނަޢަދަދެއްގެ މީހުން މިބަލިތަކުގައި މަރުވަމުންދާއިރު އެއަށްވުރެ މާގިނަޢަދަދެއްގެ މީހުން މިބަލިތަކަށް ބޭސްކުރަންޖެހި ނުވަތަ ބަލީގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަމާއި ކުރިމަތިލާން ޖެހިފައިވެއެވެ. 2009 ވަނަ އަހަރު ކުރެވުނު ދިވެހިރާއްޖޭގެ ޑެމޯގްރަފިކް އެންޑް ހެލްތް ސާރވޭއިން ދައްކާގޮތުން ގޭބިސީތަކުގެ ޢުމުރުން 50 އަހަރުން މަތީމީހުންގެ ތެރެއިން 51 އިންސައްތަ މީހުންނަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުރި މީހުންނެވެ. މީގެތެރެއިން ގިނަމީހުންނަކީ މިފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ނުވަތަ އަތްފަޔަށް އަސަރު ކުރުމުގެ ސަބަބުން އެހެންމީހުންގެ އެހީތެރިކަން ބޭނުންވާ ނުވަތަ އަމިއްލައަށް މަސައްކަތްކޮށްގެން އުޅުމަށް އެކިމިންވަރުގެ ނުކުޅެދުންތެރިކަންހުރި މީހުންނެވެ.

މިކަމުގެ ސަބަބުން އެމީހުންގެ ފަރާތުން ޤައުމުގެ އިޤްތިޞާދަށް ލިބެންވާ ބައިވެރިވުން ނުލިބުމުގެ އިތުރުން ބައްޔަށް ބޭސްކުރަން ޖެހުމުގެ ބުރަ އިޤްތިޞާދަށް އެހާމެ ބޮޑުވެއެވެ. އެކަމަށް ހޭދަކުރާ ފައިސާ އެއީ އަމިއްލައަށްކުރާ ޚަރަދަކަށް ވިއަސް ޢާއިލާގެ އެހެންމީހުން ކޮށްދޭ ޚަރަދަކަށް ވިޔަސް ނުވަތަ ހެލްތް އިންޝުއަރެންސް ނިޒާމަކުން ކުރާ ޚަރަދަކަށްވިޔަސް އެފައިސާއަކީ ކޮންމެވެސް އެހެން ޚަރަދުތަކެއް ކުރަންހުރި ފައިސާއެވެ. އެއީ ތިމާ ޙައްޖަށް ދިއުންކަމަށް ވިޔަސް، ދަރިންނަށް މަތީ ތަޢުލީމު ޙާޞިލްކޮށްދިނުންކަމަށް ވިޔަސް، ޢާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ދިއުންކަމަށް ވިޔަސް ނުވަތަ ޤައުމުގެ ތަރަޢްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުންކަމަށް ވިޔަސް އެވެ. އެހެންކަމުން މިއީ ޢާއިލާގެ އަދި ޤައުމުގެ ބަޖެޓަށާއި ޤައުމުގެ އިޤްތިޞާދަށް ކެތްކުރެވޭވަރު ކަމަކަށް ނުވެއެވެ.

ބައެއްމީހުންނަށް ޢާއިލީގޮތުން މިބަލިތައް ވާރުތަވުމުގެ ފުރުޞަތު ބޮޑު ވިޔެއްކަމަކު ގިނަޢަދަދެއްގެ މީހުންނަށް މިބަލިތަކުން ރައްކާތެރިވެވިދާނެއެވެ. ނުވަތަ ބަލިޖެހިފައިވާ މީހުންގެ ބަލި އިތުރަށް ބޮޑުވުމުން ސަލާމަތްވެވި ނުވަތަ ބަލީގެ ސަބަބުން ދިމާވެދާނެ ނުކުޅެދުންތެރިކަމަކުން ރައްކާތެރިވެވިދާނެއެވެ. އެއީ ބަލިޖެހުމަށް މަގުފަހިކޮށްދޭ ކަންތަކުން (ދުންފަތުގެ އިސްތިޢުމާލުކުރުން، ކަސްރަތު ނުކުރުން، ބޭނުންވާވަރަށްވުރެ ގިނައިން ލޮނާއި ތެޔޮ ބޭނުންކުރުން، ހަށިގަނޑު ފަލަވުން، ތަރުކާރީއާއި މޭވާ އެދެވޭ މިންވަރަށް ބޭނުން ނުކުރުން، ދުފުން) ދުރުހެލިވެ ދުޅަހެޔޮ އާދަތަކެއް ގެންގުޅެގެންނެވެ.

ދިވެހި ފިރިހެނުންގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނެވެ. އެހެން މީހުން ބޯ ސިނގިރެޓް ދުމުގެ އަސަރުކޮށްގެން (ޕެސިވް ސްމޯކިން) ދުންފަތުގެ އިސްތިޢުމާލުކުރާ މީހެކޭ ދާދިއެއްވަރަށް ހަށިގަނޑަށް ދުންފަތުގެ އަސަރުކުރާ މީހުން ވަކި މަދެއް ނުވާނެއެވެ. ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ އަންހެނުންނާއި ސްކޫލްކުދިން ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު އިތުރުވަމުންދާކަމެވެ. ދިވެހި ފިރިހެނުންގެ ގާތްގަނޑަކަށް 37 އިންސައްތަ އާއި އަންހެނުންގެ 61 އިންސައްތަ މީހުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ މަދުމިންވަރަށްވެސް ކަސްރަތު ނުކުރެއެވެ. ދިވެހި ފިރިހެނުންގެ 38 އިންސައްތަ އާއި އަންހެނުންގެ 48 އިންސައްތަ މީހުންގެ ހަށިގަނޑު ހުރީ އެދެވޭ މިންވަރަށް ވުރެ ފަލަކޮށެވެ. ދިވެހި އާބާދީގެ 97 އިންސައްތަ މީހުން ޞިއްޙީ ގޮތުން އެދެވިގެންވާ މިންވަރަށް ކެއުމުގައި ތަރުކާރީ އާއި މޭވާ ބޭނުން ނުކުރެއެވެ. ދިރާސާއެއް ކުރެވިފައި ނެތެއްކަމަކު އަޅުގަނޑުމެންގެ ތެރެއިން މަދުމީހަކު ނޫނީ އެންމެންނަކީ ދުފާ އުޅޭ މީހުންނެވެ. ދުފުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި ހަކުރުބައްޔަށް މަގުފަހިކޮށްދޭ ކަމެއްކަން ދިރާސާތަކުން ދުވަހެއް ދުވަހަކަށް ފެންނަމުން އެބަދެއެވެ. ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކޮށްދޭ މިއެންމެހައި ކަންތަކާއި އާދަތަށް އަޅުގަނޑުމެންގެ ތެރޭގައި މިހިރީ ދުނިޔޭގެ ނިސްބަތުންވެސް މަތީ މިންވަރަކަށް އަދި އިންތިހާއަށް ކަންބޮޑުވާންޖެހޭ ދަރަޖައަކަށެވެ.
އަޅުގަނޑު މިދެންނެވި ސަބަބުތަކާހުރެ (އަދި އެހެންވެސް ތަފާތު އެތައް ސަބަބާ ހުރެ) ދިވެހި އާބާދީގެ ބޮޑު ބަޔަކީ ދުޅަހެޔޮ ބައެއް ނޫނެވެ. ބަލިމީހަކަށް (ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ނުވަތަ ބައްޔަކަށް ބޭސްކުރާ) ނުވުމަކީ ޞިއްޙަތު ރަނގަޅު މީހަކަށް ވުމެއްނޫނެވެ. މިސިފަތަކާއި މިއާދަތަކާއެކު އަޅުގަނޑުމެން ކުރިއަށް ދާނަމަ، ޤައުމުގެ އުފެއްދުންތެރިކަމަށް ނުރަނަގަޅު އަސަރުކުރުމުގެ އިތުރުން ޞިއްޙީ މިބުރައަކީ އެއްވެސް އިންޝުއަރެންސް ސިސްޓަމަކަށް ނުވަތަ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކަށް އަދި ޢާއިލީ ފޯރުންތެރިކަމަށްވެސް ކެރިކުޅަދާނަ ވެގެންވާ ކަމަކަށް ނުވާނެއެވެ. އަދި މުސްކުޅި ޢުމުރު އަންނަ އިރު އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަތިވެރި މަޤްސަދުގައި އަޅުގަނޑުމެން ތަޢާރަފްކުރަމުންދާ ރިޓަޔަރމެންޓް ޕެންޝަން ސްކީމް ފަދަ ނިޒާމުތަކުގެ މަޤްޞަދު ޙާޞިލެއް ނުވާނެއެވެ. އެހެނީ ޢުމުރުން 65 އަހަރު ފުރޭއިރު ދުނިޔޭގައި ނުތިބުމާއި ބަލިމަޑުކަމުގެ ސަބަބުންނާއި ބޭސްފަރުވާއަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމުން ގިނަމީހުން ޖިސްމާނީގޮތުންނާއި މާލީގޮތުން އެކަމަށް ކެރިކުޅަދާނަ ނުވާނެތީއެވެ. އެހެންކަމުން ހިތާއި ލޭހޮޅިތަކުގެ ބައްޔަށް މަގުފަހިކޮށްދޭ އާދަތަކުން އަޅުގަނޑުމެން ދުރިހެލިވެ ތިބުމަށާއި ރައްކާތެރިވެ ތިބުމަށް ފަރުދީ، އިޖްތިމާޢީ އަދީ ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. މިކަމުގައި އަމިއްލަ ފަރުދުންނާއި މުޖުތަމަޢާއި ޖަމްޢިއްޔާ ޖަމާޢާތްތަކާއި މީޑިއާއާއި ސަރުކާރުގެ ޒިންމާ އެބައޮތެވެ.

ދިވެހި އާބާދީ އަކީ ނިސްބަތުން ހަގު އާބާދީ އެކެވެ. މިހާރުވެސް އަޅުގަނޑުމެން މިއުޅެނީ މިބަލިތަކަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމުން އެކަމަށް ޚަރަދުކުރާނެ ގޮތެއް ނުހޯދިގެންނެވެ. މިހާރު މިހިރަ އާދަތަކާއެކު މީގެ 30 ނުވަތަ 40 އަހަރު ފަހުން އަޅުގަނޑުމެންގެ މިއަދުގެ ޒުވާން އާބާދީ މުސްކުޅި ޢުމުރުފުރައަށް އަރާއިރު ޙާލަތު އޮންނާނެގޮތް ހިތަށް ގެންނަވާށެވެ!
ގުޅޭ ޓެގު
comment ކޮމެންޓް