ފާނަބަސަނދުން ރައްކާތެރިވުން

ފާނަބަސަނދު ނުވަތަ ޗިކަން ޕޮކްސް އަކީ ދިވެހިރާއްޖޭގައި މިފަހަކަށް އައިސް ފިލައިނުގޮސް ޢާންމުކޮށް އުޅޭ ބައްޔެކެވެ. ސެންޓަރ ފޯރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލް އިން ދާދި މިދާކަށް ދުވަހު ވަނީ މިދުވަސްވަރު އާދަޔާޚިލާފަށް މާލޭގައި މިބަލި ފެތުރެމުންދާ ކަމުގެ އިންޒާރު ދެއްވައިފައެވެ. މިއީ ހުން އައުމާ އެކު ގައިން ބިހި ނުވަތަ ފޮޅު ނަގާ ބައްޔެކެވެ. އުސޫލެއްގެ ގޮތުން މިފޮޅުތައް މުޅި ހަށިގަނޑުގައި (އަތްފައިވެސް ހިމެނޭގޮތަށް) ނަގައެވެ. އެހެނަސް ބައެއް މީހުންގެ ގައިގައި ވަރަށް މަދުމިންވަރެއްގެ ފޮޅު ހަށިގަނޑުގެ ވަރަށް ކުޑަ ތަންކޮޅެއްގައި ނެގުމަށްފަހު ބަލި ފަސޭހަވެއެވެ. ހަމަ އެހެންމެ ހަށިގަނޑަށް ޖަރާސީމު ވަދެ ބަލި ނުޖެހި (އެބަހީ ހުން އައުމާއި ފޮޅު ނެގުންފަދަ ޢަލާމާތެއް ނުފެނި) ތިބޭ މީހުން ވެސް އުޅެއެވެ.

ބަލީގެ އެންމެ ފުރަތަމަ ޢަލާމާތް ތަކަކީ ހުން އައުމާއި، ބޮލުގައި ރިއްސުމާއި ކަރުތެރެއަށް ތަދު ވުމެވެ. މިއާއެކު ލޮޑުވުމާއި ކާހިތް ނުވުން ފަދަ ކަންތައް މެދުވެރިވެދާނެ އެވެ. މިފަދަ ޢަލާމާތްތައް ފެންނަތާ އެކެއް ނުވަތަ ދެ ދުވަސްފަހުން ބިހި ނަގަން ފަށައެވެ. ހުން އައުން ފަދަ ޢަަލާމާތަކާއި ނުލައި ވެސް ބައެއް މީހުންގެ ގައިގައި ފޮޅުނަގައެވެ. ޢާންމުކޮށް މިފޮޅުތައް ވަރަށް ހިރުވާނެއެވެ. މިފޮޅުތައް ފުރަތަމަ ފެންނާނީ ރަތްކުލައިގެ ބިއްސެއް ނުވަތަ ބިހިތަކެއްގެ ގޮތުގައެވެ. އެއަށް ފަހު ބިހީގެ އެތެރޭގައި ފެންހެދި ފެންފޮޅަކަށް ބަދަލުވެއެވެ. އަދި ފެންފޮޅުގެ އެތެރެ ފުސްވެ ފޮޅު ފަޅައިގެން ގޮސް ކުރަމަގާލި ލައެވެ. ބިހިތަކުގެ މިސައިކަލް ފުރިހަމަވާން އެކެއް ނުވަތަ ދެ ދުވަސް ނަގައެވެ. އަދި ގާތްގަނޑަކަށް ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު އައު ބިހި ނަގައެވެ. އެހެންކަމުން ބަލިމީހާގެ ހަށިގަނޑުގައި އެކި ސްޓޭޖްގެ ބިހި އެއްފަހަރާ ފެންނަން ހުރެއެވެ. މިއީ ފާނަބަސަނދުގެ ޚާއްސަ ޢަލާމާތެކެވެ. ހަށިގަނޑަށް ޖަރާސީމު ވަންނަ ދުވަހުން ފެށިގެން ފުރަތަމަ ޢަލާމާތް ފެންނަން ގާތްގަނޑަކަށް ދެހަފްތާވަރު ނަގާފާނެއެވެ. ޢާއިލާގެ ތެރޭގައި އެކަކު ރަނގަޅުވާ އަތަށް އަޅާއިރު އަނެކެއްގެ ކިބައިން ބަލި ފެންނަނީ މިސަބަބަށް ޓަކައެވެ.

ފާނަބަސަނދަކީ ވެރިސެލާ ޒޮސްޓާރ ކިޔާ ވައިރަސް (ޖަރާސީމު) އަކުން ޖެހޭ އަދި ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މިގޮތުން ބަލީގެ ޖަރާސީމު ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ނުވަތަ ކާބޯތަކެތި ހިއްސާ ކުރުމުގެ ތެރޭގައި ނުވަތަ ބަލި ޖެހިފައިވާ މީހާގެ ގައިގައި ހުންނަ ފޮޅުގައި ނުވަތަ ފޮޅުތަކުގައި އުފެދޭ ދިޔައިގައި އަތްލެވިގެންނެވެ. ބަލި އެންމެ ބޮޑަށް ފެތުރެނީ ބިހި ނުވަތަ ފޮޅު ނެގުމުގެ ދެތިން ދުވަސް ކުރީގައެވެ. އަދި ހުރިހައި ފޮޅުތަކެއްގައި ކުރަމަގާލި ލަންދެން ބަލި ފެތުރެއެވެ.

ފާނަބަސަނދު ޖެހުމަށްފަހު ގިނަމީހުންގެ ހަށިގަނޑުން މިޖަރާސީމު ނުފިލައި ގާތްގަނޑަކަށް މުޅި ޢުމުރަށް ދެމިހުރެއެވެ. އަދި ދޭތެރެ ދޭތެރެއިން ހަރަކާތްތެރިވެ ފާނަބަސަނދުގައި ނަގާކަހަލަ ފޮޅު ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ނަގާގޮތް މެދުވެރިވެ އެވެ. މިއަށް ކިޔަނީ ޝިންގަލްސް ނުވަތަ ހާރޕީސް ޒޮސްޓަރ އެވެ.

ފާނަބަސަނދު ޖެހުމަށްފަހު މުޅިން ފަސޭހަކޮށްލެވޭނެ ބޭހެއް ނުހުރެއެވެ. އެހެނަސް ބަލީގެ ކުރީކޮޅު (އުސޫލެއްގެ ގޮތުން ފުރަތަމަ ފޮޅު ނަގާތާ 48 ގަޑި އިރުތެރޭގައި) ބޭނުންކުރުމުން ބަލީގެ އަސަރު ކުޑަކޮށްދޭ ނުވަތަ ފޮޅުނަގާ މިންވަރު ވަރަށް ބޮޑަށް މަދުކޮށްދޭ ބޭސް ހުރެއެވެ. ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަކީ މިކަމުގައި ވެސް އޮތް އެންމެ ރަނގަޅުގޮތެވެ. މިގޮތުން ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިނުވެ އެފަދަ މީހުން އެހެން މީހުންނާއި ވަކިން ކޮޓަރިއެއްގައި ބޭތިއްބުން މުހިންމެވެ. އަދި ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ވެސް ވަކިން ގެންގުޅުން މުހިންމެވެ. ބަލިން ރައްކާތެރި ވުމަށް ވެކްސިންއެއް މިހާރު ލިބެން އެބަހުއްޓެވެ. މިވެކްސިން ދެވެނީ ޢުމުރުން އެއް އަހަރުން ފެށިގެން މަތީ ކުދިންނަށާއި މީހުންނަށެވެ. ޖުމްލަ ދެ ޑޯޒް ހިމެނޭ މިވެކްސިންގެ ދެވަނަ ޑޯޒް ދެވެނީ ފުރަތަމަ ޑޯޒަށްފަހު ގާތްގަނޑަކަށް ހަ ހަފްތާ ފަހުންނެވެ. އެއްވެސް ވެކްސިންއަކީ ސައްތައިން ސައްތަ ކާމިޔާބު އެއްޗެއް ނޫނެވެ. އަދި ކޮންމެ ވެކްސިންއެއް ދިނުމުގެ ކުރިން ވެސް ބަލަންޖެހޭ ކަންތަކެއް ހުރެއެވެ. އެހެންކަމުން ވެކްސިން ގަތުމުގެ ކުރިން ޞިއްޙީ ބޭފުޅަކާ މަޝްވަރާކޮށް ޑޮކްޓަރަކަށް ދައްކަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ބެލެވޭނަމަ ޑޮކްޓަރަކާ މަޝްވަރާކުރުން މުހިންމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް