ދެވަނަ ''މައިންބަފައިން''ގެ ޚިދުމަތަށް ދޭން އޮތީ ހަމަ ''ސާބަސް''!

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ކްލާސްޓީޗަރަށް ސަޕްރައިޒެއް ދެނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ހެޔޮ އެދުންތައް އެންމެހާ މުދައްރިސުންނަށް އަރިސްކުރަމެވެ. އިހުލާސްތެރިކަމާއެކީއެވެ. ހިތަށް އެރީ އެންމެ ސުވާލެކެވެ. ހަމަ އެކަނި އަރިސްކުރާ ތަހުނިޔާއަކުން އެ ބޭފުޅުންގެ މަސައްކަތުގެ އަގުވަޒަން ކުރެވިދާނެތޯއެވެ. ދޭ ފިނިފެންލަކުން އެ ހިދުމަތް ކިރާލެވިދާނެ ތޯއެވެ. ނަމަވެސް ހަގީގަތަކީ އެއީ އެއަށްވުރެ މާތް ހިދުމަތެކެވެ. އެ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ދޭނެ ގްރޭޑެއް އަދި ރިޕޯޓެއްވެސް ނެތެވެ. އެއީ އެއަށް ވުރެ މާ އަގުބޮޑު ޚިދުމަތެކެވެ. ހަމަ އެހާމެ ފުރިހަމަ ގައުމީ ހިދުމަތެކެވެ.

ވޭތުވެދިޔަ އަހަރު ރާއްޖޭގައި ޖުމުލަ ގޮތެއްގައި 87420 ދަރިވަރުން ތައުލީމް ހާސިލް ކުރި އިރު މިއިން ކޮންމެ ކުއްޖަކަށް އުނގަންނައިދިނުމަށް 24 ގަޑިއިރު އިރު ހެން، އެތައް ބައިވަރު ޓީޗަރުންވަނީ ހަރަކާތެރިވެފައެވެ. ދޭސީ މުދައްރިސުންނާއި ބިދޭސީ މުދައްރިސުންނެވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ އަހަރު ނިމުނު އިރު ޖުމުލަ ގޮތެއްގައި 8957 ޓީޗަރުން ވަނީ އުނގަންނައިދިނުމުގައި ހަރަކާތްތެރިވެފައެވެ. އެއީ 2939 ފިރިހެން މުދައްރިސުންނާއި 5952 އަންހެން މުދައްރިސުންނެވެ. މީގެ ތެރެއިން ތަމްރީނުވެފައި ތިބި ޓީޗަރުންގެ ޖުމުލަ އަދަދަކީ 7989 އެވެ. އަދި ތަމްރީނު ނުވެ ތިބި ޓީޗަރުންގެ އަދަދު އުޅެނީ 968ގައެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް އެ ސްކޫލް ގޯތިތެރޭގައި އެކުދިންގެ މުދައްރިސަކަށް މަރުހަބާކިޔަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވޭތުވެ ދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކިޔަވާ ކޮންމެ ކުއްޖެއްގެ ބޮލަށް ޖެހޭ ޓީޗަރުންގެ އަދަދު މަދުމަދުން އިތުރުވަމުން އައި ނަމަވެސް އަދިވެސް ހަމަ ގިނަ ގްރޭޑް ތަކަށް ކިޔަވައިދެނީ މަދު ޓީޗަރުން ތަކެކެވެ. ޓީޗަރުންގެ ދަތިކަން އަބަދުވެސް އެކިއެކި ސްކޫލު ތަކަށް އެކިވަރަށް ކުރާއިރު ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އެ މުދައްރިސުން ވަމުންދާ ގުރުބާނީ، މިއަދު ފާހަގަ ކުރަންޖެހެއެވެ. އެ ޓީޗަރުންގެ އާބާދީ ކިތަންމެ މަދު ނަމަވެސް ދެމުންދާ ހިދުމަތުން ނަތީޖާ ނެރެދެމުންދާ ކަމީ ހަގީގަތެއްކަން ގަބޫލު ކުރަންޖެހެއެވެ.

މިއީ ގޮންޖެހުން ބޮޑު މަސައްކަތެއް

ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ އަހަރު ޖުމުލަ 22263 ކުއްޖަކު ނާސަރީ ގްރޭޑް ތަކުގައި ކިޔެވި އިރު އެ ކުދިންނަށް ކިޔަވާދިނުމަށް 1395 ޓީޗަރުން ވަނީ މަސައްކަތް ކޮށްފައެވެ. ޕްރައިމަރީ ގްރޭޑް ތަކުގައި ޖުމުލަ 43781 ކުދިން ތައުލީމް ހާސިލްކޮށްފައިވާއިރު އެ ކުދިންނަށް ކިޔަވައި ދިނުމަށް 4252 ޓީޗަރުން ވަނީ މަސައްކަތްކޮށްފައެވެ. ސާނަވީ ގްރޭޑް ތަކަށް ބަލކާއިރު މި ގްރޭޑް ތަކުގައި ޖުމުލަ 17256 ކުދިން ކިޔެވިއިރު އެ ކުދިންނަށް ކިޔަވައި ދިނުމަށް 2729 މުދައްރިސުންވަނީ މަސައްކަތްކޮށްފައެވެ. މަތީ ސާނަވީ ގްރޭޑް ތަކުގައި 4120 ކުދިން ތައުލީމް ހާސިލް ކުރި އިރު އެ ކުދިންނަށް ތައުލީމް އުނގަންނައިދިނުމަށް 581 ޓީޗަރުން ވަނީ މަސައްކަތްކޮށްފައެވެ.

އެހެންކަމުން ޓީޗަރުންގެ އަދަދު މަދުވުމާ އެކު މިއީ ގޮންޖެހުން ބޮޑު މަސައްކަތަކަށް ވެގެންދެއެވެ. އަދަދު މަދުވުމުގެ ސަބަބުން ސްކޫލުގެ އެކިއެކި ކަންކަމުގައި ޓީޗަރުން މަޝްއޫލުވެ އުޅޭ ވަގުތު ގިނަވެއެވެ. އޭގެ ސަބަބުން އަމިއްލަ އާއިލާއަށް ދޭންޖެހޭ ވަގުތު ނުދެވޭތަން އައި ނަމަވެސް އެ މުދައްރިސުންގެ މާބޮޑު ޝަކުވާއެއް ނެތެވެ. ދަރިވަރުންނާ ބައްދަލު ކުރަނީ ހިނިތުންވުމާ އެކުއެވެ. އަބަދުވެސް އިހުލާސްތެރި ހިތަކައިގެންނެވެ.

މާލޭ ސްކޫލްތަކުގެ ޓީޗަރުންތަކެއް ---

ހަގީގަތުގައި ޓީޗިންގ އަކީ ވަރަށް ބޮޑު ޕެޝަނެއް. އެއީ އެއްގޮތަކަށްވެސް ފައިސާ ހޯދުމަށް ކުރެވޭނެ މަސައްކަތެއް ނޫން. ފައިސާ ހޯދަން މަސައްކަތް ކުރަން މި ދާއިރާއާ ނުގުޅުނިއްޔާ ރަނގަޅީ، ސަބަބަކީ މިއީ އެއަށް ވުރެ ބޮޑު ގައުމީ ހިދުމަތެއް، ސީއެޗްއެސްއީގެ ޕްރިންސިޕަލް

ރާއްޖޭގެ އެންމެ ބޮޑު އެއް ސްކޫލްކަމަށްވާ ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ޞަފޫރާ އަލީ ވިދާޅުވީ، ކުދި ބަޔަކަށް ކިޔަވައިދިނުމަކީ އެއްވެސް ގޮތަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ މަސައްކަތެއް ވެސް ނޫން ކަމަށެވެ. އެކަން ކުރުމަށް ކެތްތެރިކަމާއި ހާއްސަ ހުނަރުތަކެއް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ މުސާރައަށް ވުރެ ބޮޑަށް ކުރާ ހިތުން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ.

" ހަގީގަތުގައި ޓީޗިންގ އަކީ ވަރަށް ބޮޑު ޕެޝަނެއް. އެއީ އެއްގޮތަކަށްވެސް ފައިސާ ހޯދުމަށް ކުރެވޭނެ މަސައްކަތެއް ނޫން. ފައިސާ ހޯދަން މަސައްކަތް ކުރަން މި ދާއިރާއާ ނުގުޅުނިއްޔާ ރަނގަޅީ، ސަބަބަކީ މިއީ އެއަށް ވުރެ ބޮޑު ގައުމީ ހިދުމަތެއް،" މީގެ ކުރިން ހިސާބު ޓީޗަރެއްގެ ގޮތުގައި ކެރިއަރު ފެށި ސޮފޫރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ މީހަކުވެސް މުދައްރިސަކަށް ވާއިރު ވިސްނަން ޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ވަގުތުން ވަގުތަށް ކްލާސް ތަކަށް ތައްޔާރުވެ ދަރިވަރުގެ އިހްސާސްތައް ދަނެގަންނަން އެނގުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ދަރިވަރުންނާ ގުޅުންހުރި އެއްވެސް ކަމެއް އަތުން ދޫވިޔަ ނުދީ މަސައްކަތް ކުރުމަކީވެސް ޗެލެންޖިންގ މަސައްކަތެއް ކަަމަށެވެ.

ބޭރު ޓީޗަރަކު ދިވެހި ކުދިންތަކަކަށް ކިޔަވައިދެނީ-- ފެންވަރު ނެތް ޓީޗަރުންގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު--

" އަޅުގަނޑު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އިރުވެސް ވަރަށް ބޮޑު އިސްކަމެއްދެން ދަރިވަރުންނާ ގުޅުން ހުރި އެއްވެސް ކަމެއް ދޫނުކޮށްލަން. އަބަދުވެސް ބޭނުންވަނީ ހުރިހާ ކަމެއް ފުރިހަމައަށް ކުރަން. ދަރިވަރުންނަކީ ގައުމުގެ މުސްތަގުބަލް. އެކުދިންގެ އެންމެ ކަމެއް ދޫކޮށްލެވުނަސް އެކަމާ ތާއަބަދަށް ހިތާމަ ކުރަންޖެހިދާނެ،" ޞަފޫރާ ވިދާޅުވިއެވެ.

މުދައްރިސުންނަކީ "ދެވަނަ މައިން ބަފައިން"

މުދައްރިސުންނަކީ ދެވަނަ މައިންބަފައިންކަމީ ޝައްކެތްވެސް ނެތް ކަމެކެވެ. ދެ ލޯ ފަދައިން ބަލާބޮޑުކުރާ ދަރިން، ދުވާލުގެ ބޮޑުބައިގައި އެ ޓީޗަރުންނާ ހަވާލު ކުރަނީ މައިންބަފައިންގެ ތަރުބިއްޔަތުން، ތައުލީމަށްވާ ތަރުބިއްޔަތުގެ ބައި އެ މުދައްރިސުންގެ އެހީގައި ފުރިހަމަ ކުރާށެވެ. އެހެން ކަމުން ކޮންމެ މަންމަ އަކީ ނުވަތަ ބައްޕައަކީ ޓީޗަރަކަށް ނުވި ނަމަވެސް ކޮންމެ ޓީޗަރަކީ މައެކެވެ. ބަފައެކެވެ.

ޞަފޫރާ ވިދާޅުވީ، ހަގީގަތުގައިވެސް ޓީޗަރުންގެ ޒިންމާއަކީ ދެވަނަ މައިން ބަފައިންގެ ޒިންމާ ކަމަށާއި އެކަމަށް މުދައްރިސުންވެސް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް އަންނަ އެކިކަހަލަ ބަދަލު ތައް ވަރަށް ގާތުން ދިރާސާ ކުރަންޖެހޭ ކަމަށާއި އެކުދިން ބެނުންވާ ކަންކަން އަބަދުވެސް ދެނަގަންނަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ޓީޗަރަކީވެސް ދަރިވަރުންގެ ގާތް އެކުވެރިންނަށް ވެސް ވާން ޖެހޭ ކަމަށާއި އެކުދިންގެ އިހްސާސް ނޭނގި މޮޅު ޓީޗަރަކަށް ނުވެވޭނެ ކަމަށް ވިދާޅުވިއެވެ.

ދަރިވަރުން އަޚްލާޤު އެންމެ ބޮޑަށް ދަސްކުރާ އެއްބަޔަކީ ޓީޗަރުން ކަމަށްވާއިރު ރިވެތި އަޚްލާގުން އަބަދުވެސް މުދައްރިސުން ނަމޫނާ ދައްކަން ޖެހޭކަން ޞަފޫރާ ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުން އެއިރަކު އެންމެ ބޭނުންވާ މައުލޫމާތު އަބަދުވެސް ޓީޗަރުގެ ކިބައިގައި ހުންނަން ޖެހޭ ކަަމަށް ވިދާޅުވިއެވެ. ތަރުބަވީ ތައުލީމީ ނިޒާމަކުން ނޫނީ ތަހުޒީބު މުޖްތަމައުއަކަށް ތައުލީމް ފޯރު ނުކޮށްދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މުދައްރިސުންގެ ހިދުމަތުގެ އަގު މިހާރަށް ވުރެ ބޮޑަށް ވަޒަން ކުރަންޖެހޭ

މުދައްރިސުންނާއި އެދުރުންގެ ގައުމީ ހިދުމަތުގެ އަގުވަޒަން ކުރަންޖެހެއެވެ. އެއީ މިފަދަ އެންމެ ދުވަހަކު ފާހަގަކޮށްލައިގެން ފަރުޖެހޭނެ ހިދުމަތެއް ނޫނެވެ. މުދައްރިސުން ވެފައިވާ ގުރުބާނީ މިނެކިރާ އެ ހިތްވަރުގަދަ ޓީޗަރުންނަށް ހައްގުވާ އަގު ވަޒަން ކުރަންޖެހެއެވެ. ސާބަސް ރައްދުކޮށް ބަރުތީލަ ކުރާ ބަސްތަކަކުން އެ ވެރިންގެ ހިތް ފުރުނު ނަމަވެސް ވިސްނަންޖެހެނީ އެ ޓީޗަރުންގެ ވެސް ޝަކުވާ ތަކެއް އެބަހުރި ކަމެވެ. އެ ޓީޗަރުން ޝަކުވާތަކެއް ކުރާތާ އަަހަރު ތަކެއް ވެއްޖެއެވެ.

އުޖޫރައަކަށް ނުކުރި ނަމަވެސް އިންސާނުން ވީތީ، ކުރާ މަސައްކަތުގެ އަގު ލިބެންޖެހޭއިރު އެ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށީގެންވާ މުސާރަތޯ މިއީ ސުވާލެކެވެ. ވަޒީފާގެ މާހައުލުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭއިރު އެތައް ހާސް ރުފިޔާ ޚަރަދުކޮށްގެން، ކިޔެވުމަށް ފަހު އަޅާ ހެދުމެއްގެ ސަބަބުން ދަރިވަރުންނަށް އުނގަންނައި ނުދެވޭއިރު އެއީ ވިސްނަން ޖެހޭ ކަމެކެވެ. ސިޔާސީ ނުފޫޒުގައި މަދަރުސާގެ އިސްވެރިން ޖެހި ގައުމީ ހިދުމަތުގައި ހުރި ޓީޗަރު ވަޒީފައިން ވަކިކުރާއިރު ގެއްލިގެންދަނީ ދަރިވަރުގެ ހައްގުކަންވެސް އެބަ ދަންނަން ޖެހެއެވެ.

ޓީޗަރުން ބުރަކޮށް މަސައްކަތް ކޮށްފިއެވެ. ދަރިވަރުންގެ ރަނގަޅު ވަމުން އަންނަ ނަތީޖާއިން އެކަން ސާބިތުކޮށްދެއެވެ. ދަރިވަރަކު ދުނިޔޭގެ އެކިއެކި ޓެސްޓް ތަކުން އެއްވަނަ ގެންނައިރު އެ ކުއްޖާ އެހާ ހިސާބަށް ގެންދަށް މަސައްކަތް ކުރިކިތައް ޓީޗަރުންތިބޭނެތޯއެވެ. ޓީޗަރުންނަށް ސާބަހެވެ. ގައުމު ބިނާ ކުރުމުގައި ދެމުންދާ އެއްބާރުލުމާއި ރާއްޖޭގެ ޒުވާން ޖީލު ހަރުދަނާ ކަންމަތީ، ތައުލީމީ އަދި ތަހުޒީބީ މުޖްތަމުއެއްގެ ގޮތުގައި ވާސިލް ކޮށްދިނުމަށް ތިކުރައްވާ މަސައްކަތަށް ދޭނެ ގްރޭޑެއްވެސް ނެތެވެ.

comment ކޮމެންޓް