ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ހިއްސާއެއްގެ އަގު 200 ރުފިޔާއަށް އަރައިފި

އެމްޓީސީސީ އަހަރީ އާންމު ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ހިއްސާއެއްގެ އަގު 200 ރުފިޔާއަށް އަރައިފިއެވެ.

އެމްޓީސީސީ އަކީ ސަރުކާރުގެ 47.8 ޕަސެންޓު ހިއްސާ އޮންނަ ސަރުކާރު ކުންފުންޏެކެވެ. އެކުންފުނީގެ 47.8 ޕަސެންޓު ހިއްސާ ސަރުކާރުން ގަނެފައިވާއިރު އާންމު ރައްޔިތުން ގަނެފައިވާ ހިއްސާގެ ޕަސެންޓަކީ 44.7 އެވެ. އެކުންފުނީގެ ތިން ވަނަ ހިއްސާދާރަކީ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑެވެ. އެކުންފުނިން ވަނީ އެމްޓީސީސީގެ 7.5 ހިއްސާ ގަނެފައެވެ.

އެމްޓީސީސީ ޕަބްލިކް ކުންފުންޏަކަށް ހަދައި، ހިއްސާ ވިއްކަން ފެށީ 1980 ވަނަ އަހަރު އެވެ. ހިއްސާ ވިއްކާ މިންވަރަކީ 500،000 އަށް ކަނޑައަޅައި އޭރު އެކުންފުނިން 50 ރުފިޔާއަށް ހިއްސާއެއް ވިއްކި އިރު އާންމުންގެ ފަރާތްތަކުން 223،286 ހިއްސާ ގަނެފައިވެއެވެ. އެއީ 11.2 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެކެވެ. ސަރުކާރުން ގަނެފައިވަނީ 239،322 ހިއްސާއެވެ. އެއީ 12 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

އެކުންފުނީގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހަށް ނިމުނު އެކުންފުނީގެ ފިސްކަލް އަހަރުގެ ތެރޭގައި ހިއްސާގެ ބާޒާރުގައި އެކުންފުނީގެ 100 ހިއްސާ ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ގަނެވިއްކާފައެވެ. އެއީ 2015 ވަނަ އަހަރު ވިއްކި އަދަދާ އަޅާބަލާއިރު 32 ޕަސެންޓުގެ އިތުރުވުމެކެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި 2015 ވަނަ އަހަރު އެމްޓީސީސީގެ ހިއްސާއެއްގެ އަގު ހުރީ 124.21 ރުފިޔާގެ ރޭޓުގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ އަދަދު ވަނީ 200 ރުފިޔާއަށް އަރާފައެވެ. އެއާ އެކު މާކެޓުގައި އެކުންފުނީގެ ހިއްސާގެ ވެލިއު ވަނީ 100 މިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 37.5 މިލިއަން ރުފިޔާގައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.8 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 29.3 މިލިއަންއަށް ދަށްވެ، ތިން ވަނަ ކުއާޓަރުގައި އެ އަދަދު 14.4 މިލިއަނަށް ވެއްޓުނެވެ. ނަމަވެސް އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނީގެ ސާފު ފައިދާ ވަނީ 115.1 ޕަސެންޓު އިތުރުވެ 40.8 މިލިއަން ރުފިޔާއަށް އަރައިފައެވެ.

އަހަރުން އަހަރަށް ބަލާއިރު އެކުންފުންޏަށް ލިބުނު ސާފު ފައިދާގެ އަދަދު 2015 ވަނަ އަޅާ ބަލާއިރު ވަނީ 52.3 މިލިއަން ރުފިޔާ ދަށްވެފައެވެ. މިދިޔަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 130.27 މިލިއަން ރުފިޔާ ލިބުނު އިރު 2015 ވަނަ އަހަރު ލިބުނީ 182.5 މިލިއަން ރުފިޔާއެވެ.

ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ހިއްސާއެއްގެ އަގު 200 ރުފިޔާއަށް އަރާފައިވާއިރު، ހިއްސާގެ ބާޒާރުގައި ވިއްކި 100 ހިއްސާއިން ކޮންމެ ހިއްސާއަކަށް 230.77 ރުފިޔާގެ އާމްދަނީއެއް ވަނީ ކުންފުންޏަށް ލިބިފައެވެ.

comment ކޮމެންޓް