އުތުރު ކޮރެއާއިން އަތުވެދާނެ ހަމަލާއަކަށް އެމެރިކާއާ އެއްކޮޅަށް އޮސްޓްރޭލިއާ އޮތްކަމަށް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މަލްކޮމް ޓާންބުލް --- ފޮޓޯ: ގެޓީ އިމޭޖްސް

އޮސްޓްރޭލިއާގެ ސަރުކާރު އޮތީ، އުތުރު ކޮރެއާއިން އެމެރިކާއާ ދެކޮޅަށް ދީފާނެ ހަމަލާއަކަށް އެމެރިކާއާ އެއްކޮޅަށް އެރުމަށްކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު މަލްކޮމް ޓާންބުލް ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ސަރުކާރުން މިދިޔަ ބުދަދުވަހު ހާމަކުރިގޮތުގައި އެމެރިކާގެ ސަރަހައްދުގައި އޮންނަ ގުއާމްއަށް ހަތަރު މިސައިލެއް ފޮނުވާލަން ދަނީ ތައްޔާރުވަމުންނެވެ.

މިއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިގޮތުގައި އެ ގައުމަށް ހަމަލާއެއް ދިނުމަކީ އޭގެ ބަދަލުގައި އަތުވެދާނެ ނަތީޖާއަކާ މެދު އުތުރު ކޮރެއާއިން ބިރުގަންނަން ޖެހޭ ވަރުގެ ކަމެއްކަމުގައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓާންބުލް ހާމަކުރިގޮތުގައި އެންޒަސް ޓްރީޓީގެ ދަށުން އެގައުމު އޮތީ އެމެރިކާއަށް ވާގިވެރިވާން ތައްޔާރަށެވެ.

އެންޒަސް ޓްރީޓީއަކީ 1951 އަހަރު އެމެރިކާ، އޮސްޓްރޭލިއާ އަދި ނިއުޒިލެންޑްގެ މެދުގައި ކުރެވުނު ސުލްހައިގެ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައިވާ ގައުމުތަށް ހަނގުރާމައިގެ ހާލަތެއްގައި އެއްގައުމު އަނެއްގައުމަށް ވާގިވެރިވާން ޖެހޭނެކަމުގައި ވެއެވެ.

އެމެރިކާއާއި އުތުރު ކޮރެއާގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ ހުސްވި ޖުލައި މަހު އިތުރަށް ބޮޑުވެގެން ގޮސްފައެވެ. މީގެ ސަބަބަކަށް މެދުވެރިވީ އުތުރު ކޮރެއާއިން ޓެސްޓުކުރި މިސައިލުތަކެވެ.

comment ކޮމެންޓް