ޔޫއެންޑީޕީއާއި ދިރާގު ގުޅިގެން ބާއްވާ "ފިލްމް ފޮ ޗޭންޖް"ގައި ބައިވެރިވުމުގެ ފުރުޞަތު

ދިރާގާއި ޔޫއެންޑީޕީއިން ގުޅިގެން ކުރިޔަށް ގެންދިޔަ ޔޫތް ލީޑަޝިޕް ޕްރޮގްރާމް ގެ ތެރެއިން --- ފޮޓޯ: ވައިއެލްޕީ

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ދިރާގުން ގުޅިގެން އިންތިޒާމު ކުރާ "ފިލްމް ފޮ ޗޭންޖް"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މިޕްރޮގްރާމުގެ ބައިވެރިންނަށް، މަދު އިކުއިޕްމަންޓް ބޭނުންކޮށްގެން އިޖުތިމާއީ އެކިއެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށް ކުރު ފިލްމް ތައްޔާރު ކުރުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ.

އަދި މުޖުތަމައުގައި ހިނގާ ތަފާތު އެކިއެކި މައްސަލަތަކަށް އަލިއަޅުވާލާނެ ގޮތާއި، ފިލްމު ތައްޔާރުކުރާއިރު ހިމެނޭ ހުރިހާ މަސައްކަތެއްގެ ތަމްރީނު މިޕްރޮގްރާމުގެ ދަށުން ބައިވެރިންނަށް ދެވޭނެއެވެ. މީގެ ތެރޭގައި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމާ ފިލްމު ޝޫޓްކުރުން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ޖުމުލަ 15 ބައިވެރިން ހޮވާގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 18 އަހަރާއި 25 އަހަރާ ދެމެދު ހުރިހާ ފަރާތްތަކަކަށް ވެސް އޮތް ކަމުގައި ދިރާގުންބުނެއެވެ.

މިޕްރޮގްރާމަށް ނަން ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 10 އޮގަސްޓް 2017އެވެ.

މިޕްރޮގްރާމުގެ ޓްރެއިނިންގް ފެށޭ ތާރީހަކީ 16 އޮގަސްޓް 2017 ކަމުގައިވާއިރު ޓްރެއިނިންގް މުއްދަތަކީ މި ހިނގާ މަހުގެ 22 އާ ޖެހެންދެނެވެ. އެއަށްފަހު 22 އޯގަސްޓުން 5 ސެޕްޓެމްބަރާ ހަމައަށް ބައިވެރިންނަށް ފިލްމު ޝޫޓްކުރުމާ ޕޯސްޓް ޕްރޮޑަކްޝަންގެ ފުރުޞަތު ލިބޭނެއެވެ. އަދި ފިލްމުތައް ސްކްރީންކުރުން އޮންނާނީ ފަހެއް ސެޕްޓެމްބަރުން 15 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ތިރީގައި އެވަނީ މިޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރަން ޖެހޭ އެޕްލިކޭޝަން ފޯމުގެ ލިންކް:

https://goo.gl/forms/iUAsfEc01xdeiKx03

comment ކޮމެންޓް