ރާއްޖެ އޮންލައިންގެ އިންޓަނެޓު ޚިދުމަތް މާދަމައަށް ހައްލުކުރެވޭނެ

ރާއްޖެ އޮންލައިން (އާރުއޯއެލް)ގެ އިންޓަނެޓު ޚިދުމަތް މާދަމާ ހައްލުވެގެންދާނެ ކަމަށް އާރުއޯއެލް ހިންގާ ފޯކަސް އިންފޯކޮމްއިން ބުނެފިއެވެ.

މީގެ ފަސް ވަރަކަށް ދުވަސް ކުރިން ރާއްޖެ އޮންލައިނާއި އުރީދޫ މޯލްޑިވްސްގެ އިންޓަނެޓުގެ ޚިދުމަތަށް ވަނީ ބުރޫތަކެއް އަރައިފައެވެ. ދެ ކުންފުނިންވެސް އިންޓަނެޓުގެ ޚިދުމަތް ރާއްޖެއަށް ދެނީ އެއް ސަބްމެރިން ކޭބަލްއަކުންނެވެ. އެއީ އުރީދޫ މޯލްޑިވްސްއާއި، ފޯކަސް އިންފޯކޮމް އަދި އިންޑިއާގެ ރިލަޔަންސް އިންފޯކޮމްގެ ހިއްސާއާ އެކު އުފައްދާފައިވާ "ވޯފް ޓެލެކޮމް އިންޓަނޭޝަނަލް"ގެ ކޭބަލްއެކެވެ. އެ ކޭބަލް އަޅާފައިވަނީ ރާއްޖެއާ އިންޑިއާއާ ދެމެދުގައެވެ.

ރާއްޖެ އޮންލައިންގެ ސީއީއޯ އިބްރާހިމް ރިޔާޒް މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި، މި ފަހުން ޚިދުމަތުގއި މައްސަލަ ދިމާވާން ފެށީ އިންޑިއާގެ ޓްރިވެންޑްރަމް ކައިރިން، މޫސުމީ އެކްސިޑެންޓެއްގެ ސަބަބުން ސަބްމެރިން ކޭބަލަށް ކުރިމަތިވި ޑެމޭޖަކާ ގުޅިގެންނެވެ.

ރިޔާޒް ވިދާޅުވީ މައްސަލަ ދިމާވުމާ އެކު ރާއްޖެ އޮންލައިނުން މަސައްކަތް ކުރީ، ސްރީލަންކާގައި ހުރި ބެކްއަޕް ބޭނުންކޮށްގެން އާރުއޯއެލްގެ ކަސްޓަމަރުންނަށް އެވަގުތުން ވަގުތަށް ބޭނުންވާ އެންމެ ބޭސިކް ޚިދުމަތްތައް ބޭނުންކުރެވޭނެ ވަރަށް ކަންކަން ހަމަޖައްސައިދިނުމަށް ކަމަށެވެ.

އާރުއޯއެލްގެ ސީއީއޯ ވިދާޅުވީ ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް ކަމަށާއި، މާދަމާގެ ނިޔަލަށް ރާއްޖެ އޮންލައިންގެ އިންޓަނެޓުގެ ޚިދުމަތް ރަނގަޅުކޮށް، ކުރިއެކޭވެސް އެއްފަދައިން ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް