14 ދުވަހުގެ ތެރޭގައި ވެލެޒިނީ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އާއިޝަތު ވެލެޒިނީ --- ސަން ފައިލް ފޮޓޯ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އާއިޝަތު ވެލެޒިނީ 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި އެވެ.

ފުލުހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވެލެޒިނީ ފުލުސް އޮފީހަށް ހާޒިރުކުރަން ބޭނުންވަނީ އޭނާގެ މައްޗަށް ތުހުމުތު ކުރެވޭ މައްސަލައަކާ ގުޅިގެން ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި، އެތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި އޭނާ ފުލުހަށް ހާޒިރު ނުކުރެވިފައިވަނީ ރާއްޖެއިން ބޭރުގައި އުޅެމުންދާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ވެލެޒިނީއަށް ވަނީ ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހާޒިރު ނުވެއްޖެ ނަމަ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ޣައިރު ހާޒިރުގައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ވެލެޒިނީ ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ވެލެޒިނީ އާންމުކުރި ވީޑިއޯއެއްގައި އޭނާ ރަސޫލުކަމަށް ދައުވާކޮށްފައިވާކަން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާކަމަށް ބުނެ، އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުވެ، މުރުތައްދުވެފައި ކަމަށް ކަނޑައަޅާފަ އެވެ.

comment ކޮމެންޓް