ސިފައިންނާއި އެމްޕީއެލް އެއް ގްރޫޕެއްގައި

މިދިޔަ އަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތެރެއިން: މިއަހަރުގެ މުބާރާތުގައި 13 ޓީމެއް ވާދަކުރޭ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ރަނަރަޕް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ތިން ވަނަ ހޯދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މިއަހަރުގެ މުބާރާތުގައި އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ޖުމްލަ 13 ޓީމެއް ވާދަކުރާ މިއަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ގުރުނަގާފައި ވަނީ ބަރިސްތާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ މުބާރާތުގައި ބައިވެރިވެފައިވާ 13 ޓީމު ދެ ގްރޫޕަކަށް ވަނީ ބަހާލައިފައެވެ.

ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ޑީއެސްސީއާއި، އެމްޕީއެލްއާއި، ޓީމް ވިލާއާއި، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާއި، ރައީސް އޮފީހާއި، ޕޮލިސް ކްލަބު އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއެވެ.

ގްރޫޕް އޭގައި ހަތް ޓީމު ހިމެނުނު ނަމަވެސް ގްރޫޕް ބީގައި ހިމެނެނީ ހަ ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ސްޓެލްކޯއާއި، މޯލްޑިވިއަންއާއި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތަކީ 8 ބޯލް ބިލިއާޑް މުބާރާތެކެވެ. އަންނަ ހޮނިހިރު ދުވަހު ފަށާ އެ މުބާރާތުގައި ޓީމު އިވެންޓް އަދި އޯޕަން ސިންގަލްސް އިވެންޓް ކުރިއަށްދާނެއެވެ. ޓީމު އިވެންޓްގައި ޑަބަލްސް އިވެންޓާއި މިކްސް ޑަބަލްސް ހިމެނެއެވެ.

އެ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ފިޔަވާ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭސްޓު 4 އަށެވެ. ސެމީ ފައިނަލް މެޗުތައް ރޭސްޓު 5 އަށް ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރޭސްޓު 6 އަށެވެ.

comment ކޮމެންޓް