ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ގައުމީ ޗެމްޕިއަންކަން ޕޮލިސް ކުލަބަށް

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަންހެ ޗެމްޕިއަން، ޕޮލިސް ކުލަބް-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކުލަބުން މުބާރާތް ކާމިޔާބުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު މިމެޗުގެ ސެޓުތައް، ޕޮލިސް ކުލަބުން ގެންގޮސްފައިވަނީ 11-25، 18-25 އަދި 20-25 އިންނެވެ.

މުބާރާތުގެ ފައިނަލް މެޗު، ޕޮލިސް ކުލަބުން ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައި ވާއިރު، މިއީ ގައުމީ ވޮލީބޯލް ލީގުވެސް ހިމެނޭ ގޮތަށް ސިފައިންގެ ކުލަބުގެ ހަމައެކަނި ބައްޔެވެ. ލީގުގައި މި ދެޓީމު ބައްދަލުކުރި މެޗު، ސީދާ ތިން ސެޓުން ސިފައިންގެ ކުލަބް ކާމިޔާބުކުރިއިރު، ޗެމްޕިއަންޝިޕުގެ ދެވަނަ ސެމީ ފައިނަލުގައި މިދެޓީމު ވާދަކުރި މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މި މެޗުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ސިފައިންގެ ކުލަބަށް މޮޅު ކުޅުމެއް ދައްކާފައިވާ ބިދޭސީ ކުޅުންތެރިން ކަމަށްވާ ފަހަދު ރަޒާ އަދި ޙަމަދު މުޙައްމަދު ނެތުމެވެ. ލީގާއި ޗެމްޕިއަންޝިޕުގެ ފައިނަލުގެ ކުރިން ސިފައިން ކުޅުނު ހުރިހާ މެޗެއްގައި އެންމެ ބޮޑު ތަފާތެއް ދެއްކީ މި ދެ ބިދޭސީ ކުޅުންތެރިންނެވެ.

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ޑްރީމް ޓީމް-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ޑްރީމް ޓީމް:

  • ޢަލީ މައުރޫފް (ޕޮލިސް ކުލަބް)
  • އަޙްމަދު ނަބީލް (ދިވެހި ސިފައިންގެ ކުލަބް)
  • އަޙްމަދު ނާފިޢު (ޕޮލިސް ކުލަބް)
  • އަންދްރޭ ވަސިލެންކޯ (ޕޮލިސް ކުލަބް)
  • އިޔާން ޢަލީ (ޕޮލިސް ކުލަބް)

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ކޯޗު، ނަޞްރުﷲ ޠޯހާއެވެ.

މުބާރާތުގައި ވާދަކޮށްފައިވަނީ ގައުމީ ވޮލީބޯލް ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ، ޕޮލިސް ކުލަބް، ދިވެހި ސިފައިންގެ ކުލަބް، ކުލަބް އެޗްޑީސީ އަދި ކުލަބް އެމްޓީސީސީއެވެ. މުބާރާތުގެ ތިންވަނަ އަކީ ކުލަބް އެޗްޑީސީއެވެ.

comment ކޮމެންޓް