ފިރިމީހާ ގައުމަށް ފޮނުވައިދިނުމަށް ސްނައިޕަރުގެ އަންހެނުން އެދިއްޖެ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ ލަހިރު މަޑުޝަންކަ މަނިއްކު އަޑޫރާ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ ލަހިރު މަދުޝަންކަ މިނިވަންކޮށް ގައުމަށް ފޮނުވުމަށް އޭނާގެ އަންހެނުން ސްރީލަންލާގެ ފޮރިން މިނިސްޓްރީގައި އެދިއްޖެއެވެ.

ދިވެހީންގެ ބަޔަކު ގިނަ އަދަދަކަށް ފައިސާ ދީގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅޭ ކަމުގެ ތުހުމަތެއްގައި ލަހިރު، 24، ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު، ސްރީ ލަންކާއަށް ފުރަން އެއާޕޯޓުގައި ހުއްޓަ އެވެ.

ސްނައިޕަރުގެ ޝަރީއަށް ނިމެންދެން މިހާރު ހުރީ ހައްޔަރުގައެވެ.

ލަހިރުގެ އަންހެނުން ޗާންދަނީ މަދުރަންގީ ޖަޔަތުންގަ މިއަދު ސްރީލަންކާގެ ފޮރިން މިނިސްޓްރީގައި އެދިފައި ވަނީ އޭނާގެ ފިރިމީހާ މިނިވަނެއްގެ ގޮތުގައި އަނބުރާ އެ ގައުމަށް ގެންދިޔުމަށް އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށެވެ.

ބީބީސީ ސިންހަލައަށް ދިން އިންޓަވިއުއެއްގައި ސްނައިޕަރުގެ އަންހެނުން ބުނީ، ލަހިރު ރާއްޖެ އައިސްފައިވަނީ ވަޒީފާއެއް ދޭނެ ކަމަށް ބުނުމުން ކަމަށާއި ނަމަވެސް އޭނާއަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނި މީހާއާ ބައްދަލުވެފައި ނުވާ ކަމަށެވެ.

ކޯޓަށް ހާޒިރު ނުކުރާތާ ފަސް މަސް ވެފައިވާ ކަމަށް ވެސް ސްނައިޕަރުގެ އަންހެނުން ބުނެފައިވެއެވެ.

ލަންކާގެ ފޮރިން މިނިސްޓްރީގެ ލީގަލް އެފެއާސްގެ ޑިރެކްޓަރު ވިދާޅުވީ، ސްނައިޕަރުގެ މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން ލަންކާގެ ފޮރިން މިނިސްޓަރާއި ފޮރިން ސެކްރެޓަރީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

އެހެން ގައުމެއްގެ ޝަރުއީ މައްސަލައެއްގެ ތެރެއަށް ސްރީލަންކާއަށް ނުވަދެވޭނެ ކަމަށް ފާހަގަކޮށް ސްރީ ލަންކާގެ ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ވިދާޅުވީ، ލަންކާ ސްނައިޕަރުގެ މައްސަލައިގެ ކޯޓު މަރުހަލާތައް އަވަސް ކޮށްދިނުމަށް ލަންކާ ސަރުކާރުން ރާއްޖޭގެ ސަރުކާރުގައި އެދިފައިވާ ކަމަށެވެ.

comment ކޮމެންޓް