ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

މިހާރު ކުރިއަށްދާ އެމްބީއޭ ކަޕްގެ ތެރެއިން: ފުރަތަމަ ޑިވިޝަންގައި ރޭ ވާދަވެރި ކުޅުމަކަށް ފަހު ޓީރެކްސް އިން ވަނީ ކިންގްސް ބީސީގެ މައްޗަށް ކުރި ހޯދާފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ތިން ވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ކިންގްސް ބާސްކެޓްބޯލް ކްލަބު ބަލިކޮށްފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ގިނަ ސީނިއާ ކުޅުންތެރިންތަކަކާ އެކު ކުޅެމުންދިޔަ ކިންގްސް ބީސީ އާއި ޓީރެކްސްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ.

ރޭ ކުޅުނު އެ މެޗުގައި ކިންގްސް ބީސީގެ މައްޗަށް ޓީރެކްސް ކުރި ހޯދާފައި ވަނީ 81-74 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސް އަށް 24 ޕޮއިންޓް ހޯދައިދިން އަހްމަދު ޒަބީރެވެ.

މުބާރާތުގައި ޓީރެކްސް ކުޅުނު ފުރަތަމަ މެޗުގައި ދަ ބައުސް އަތުން މޮޅުވެފައިވާ އިރު، ދާދި ފަހުން އުފެއްދި ކިންގްސް ބީސީ ކުޅުނު ފުރަތަމަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް އަތުން ވަނީ މޮޅުވެފަ އެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެ އެވެ. އެއީ ޓީރެކްސްއާއި ދަ ބައުސް އާއި ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. ލީގު އުސޫލުން ކުޅުމަށް ފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގުގެ އެއްވަނައާއި ހަތަރު ވަނަ ޓީމު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގުގެ ދެވަނައާއި ތިންވަނަ ޓީމެވެ.

މި އަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެ އެވެ.

comment ކޮމެންޓް