އެންބީއޭ ބާސްކެޓު: ހޯކްސް އަތުން ސެލްޓިކްސް ބަލިވެއްޖެ

މަރީވަނީ ސެލްޓިކްސް އާއި ދެކޮޅަށް މޮޅު ކުޅުމެއްދައްކާފައި --- ފޮޓޯ/ އޭޕީ ނިއުސް

އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި މި ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދައްކަމުންދާ ބޮސްޓަން ސެލްޓިކްސް އެޓްލާންޓާ ހޯކްސް އަތުން ބަލިވެއްޖެއެވެ.

އެޓްލާންޓާގެ ސްޓޭޓް ފާމް އެރީނާގައި ކުޅުނު މި މެޗު ހޯކްސް ކާމިޔާބު ކޮށްފައިވަނީ އޯވާ ޓައިމް ކުޅެ 123 ޕޮއިންޓް 122 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ. މިއީ މިސީޒަންގައި ސެލްޓިކްސް ބަލިވި 16 ވަނަ މެޗެވެ.

މެޗުގެ ހަތަރު ކުއާޓާ ނިމުނުއިރު ދެ ޓީމު 112 ޕޮއިންޓުން އެއްވަރުވުމުން ނަތީޖާ ނެރުމަށްޓަކައި ޖެހުނީ އޯވާ ޓައިމް ކުޅޭށެވެ. މުޅި މެޗުގައި ވެސް ހޯކްސްގެ ތަރިއަކަށް ވެގެންދިޔައީ ޑިޖޫންޓޭ މަރީއެވެ. އޯވާ ޓައިމްގައި ހޯކްސްއިން ކާމިޔާބު ކުރި 11 ޕޮއިންޓް ވެސް ކާމިޔާބު ކޮށްދީފައިވަނީ މަރީއެވެ. މީގެ ތެރޭގައި މެޗުން މޮޅުވުމަށް އޯވާ ޓައިމްގެ އެންމެ ފަހު ސިކުންތުގައި އޭޅާ އެޅި ޕޮޓު ފާހަގަ ވެގެންދިޔައެވެ. އޯވާ ޓައިމްގައި ސެލްޓިކްސްގެ ޖޭލެން ބްރައުންވަނީ ހަ ސިކުންތަށް ވެފައިވަނިކޮށް ޕޮޓެއް ކާމިޔާބު ކޮށް 122 ޕޮއިންޓް 121 ޕޮއިންޓްގެ ލީޑެއް ސެލްޓިކްސްއަށް ހޯދާދީފައެވެ.

ނަމަވެސް ހޯކްސްއާއި މަރީގެ ވިސްނުން ހުރީ އެވަރުން ފުއްދާލާގޮތަކަށް ނޫނެވެ. މި މެޗުގައި މަރީވަނީ 44 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. މިއީ އޭނާ މި ސީޒަންގައި މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ހެދި މެޗެވެ. މެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ.

މުބާރާތުގައި ނިއުއޯލިއަންސް ޕެލިކަންސްއާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު 107 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕެލިކަންސްއެވެ.

މި މެޗުގައި ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ސީޖޭ މެކްކޮލަމްއެވެ. އަދި، ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ.

comment ކޮމެންޓް