އަންހެން ޑިވިޝަންގެ ދެވަނަ މެޗުން ވެސް ސައިކްލޯންއަށް މޮޅެއް

މިހާރު ކުރިއަށްދާ ތިންވަނަ އެމްބީއޭ ކަޕްގެ ތެރެއިން: އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސައިކްލޯން ވަނީ ޒިގްޒެގްގެ މައްޗަށް ކުރި ހޯދައިފަ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ތިންވަނަ އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގައި ސައިކްލޯން ބާސްކެޓްބޯލް ކްލަބު ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސައިކްލޯން ވަނީ ޒިގްޒެގް ފޯރ ޔޫތު ލިންކޭޖް އަތުން މޮޅުވެފައެވެ. ސައިކްލޯން ކުޅުނު ފުރަތަމަ މެޗުގައި ރެޑް ވިންގްސް ބާސްކެޓްބޯލް ކްލަބު އަތުން މޮޅުވިއިރު، ޒިގްޒެގް ވެސް ވަނީ ފުރަތަމަ މެޗުގައި ރެޑް ވިންގްސް ބަލިކޮށްފައެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ޒިގްޒެގް އަތުން ސައިކްލޯން މޮޅުވެފައިވަނީ 28-48 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސައިކްލޯންއަށް 21 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ ތިން ޓީމެކެވެ. އެއީ ރެޑްވިންގްސްއާއި ޒިގްޒެގް އަދި ސައިކްލޯންއެވެ. އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައެއް ނުވެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެފަހަރު ބައްދަލުކުރުމަށްފަހު، ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެއެވެ.

comment ކޮމެންޓް