ދެވަނަ ޑިވިޝަންގައި ޔޫއެން ފްރެންޑްސްއާއި ރެޑް ވިންގްސް ފުރަތަމަ މޮޅު ހޯދައިފި

އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގައި އެލްޓީ ސްޕޯޓްސްއާއި ޔޫއެން ފްރެންސް ބައްދަލުކުރި މެޗުގެ ތެރެއިން: ޔޫއެން ފްރެންޑްސްއާއި ރެޑް ވިންގްސް ވަނީ ފުރަތަމަ މޮޅު ހޯދާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިންވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގައި ޔޫއެން ފްރެންޑްސްއާއި ރެޑް ވިންގްސް ބާސްކެޓްބޯލް ކްލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔޫއޭން ފްރެންޑްސް ވަނީ އެލްކިޔު ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފައެވެ. މުބާރާތުގައި އެލްކިޔު ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު، ޔޫއެން ފްރެންޑްސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.

އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި އެލްކިޔު އަތުން ޔޫއެން ފްރެންޑްސް މޮޅުވީ 52-48 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫއެން ފްރެންޑްސްއަށް 15 ޕޮއިންޓް ހޯދައިދިން މުހައްމަދު ހަސަނެވެ.

ދެވަނަ ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި ރެޑް ވިންގްސް ވަނީ ފަސޭހަކަމާއެކު ރައިވެރިޔާ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފައެވެ. މުބާރާތުގައި ރައިވެރިޔާ ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާއިރު، ރެޑް ވިންގްސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.

ރޭ ކުޅުނު އެ މެޗުގައި ރައިވެރިޔާ އަތުން ރެޑް ވިންގް މޮޅުވީ 81-40 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑް ވިންގްސްއަށް 39 ޕޮއިންޓް ހޯދައިދިން އަޝްމަލް އަހްމަދެވެ.

އެ މުބާރާތުގައި ކުރިއަށްދާނީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނެވެ. އެ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީއާއި ޔޫއެން ފްރެންޑްސް އަދި އެލްކިޔުއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސްއާއި ރެޑް ވިންގްސް އަދި ރައިވެރިޔާއެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ޓީރެކްސްއާއި، ދަ ބައުސްއާއި، ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ ރެޑްވިންގްސްއާއި ޒިގްޒެގް އަދި ސައިކްލޯންއެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނެއެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު އެއްވަނަ އާއި ހަތަރުވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ލީގުގެ ދެ ވަނަ އާއި ތިންވަނަ ޓީމެވެ. އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައެއް ނުވެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެއެވެ.

comment ކޮމެންޓް