އީގަލްސް އަދި ސާންތި: ޒުވާން ކުޅުންތެރިންނާއެކު ނަތީޖާ ނެރުމަށް އެއްވަަނަ

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ކްލަބު އީގަލްސް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު އީގަލްސްއަކީ ފާއިތުވި އަހަރުތަކުގައި ލީގު ތާވަލުގެ ގަދަ ހަތަރަކަށް ބަލައިލާއިރު، އެއިން ޖާގައެއް ހޯދާ ޓީމެކެވެ. ގަދަ ހަތަރަކުން އެޓީމު ޖާގަ ހޯދަނީ ކޮންމެހެން ތަޖުރިބާކާރު މޮޅު ކުޅުންތެރިންތަކެއް ތިބެގެނެއް ނޫނެވެ. އެޓީމުން ގަދަ ހަތަރެއްގައި ހިމެނޭއިރު، ޓީމުގައި އެވްރެޖްކޮށް ތިބެނީ ވަރަށް ޒުވާން ކުޅުންތެރީންނެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެލުމުގެ ފުރުސަތު ޒުވާން ގިނަ ކުޅުންތެރިންތަކެއް ބޭނުންވެއެވެ. ނަމަވެސް އެ ފުރުސަތު ތަނަވަސްކުރެވޭނެ ގޮތެއް އެ ކުޅުންތެރިންނަކަށް ނޭނގެއެވެ. ޒުވާން ކުޅުންތެރީންނަށް ފުރުސަތު ދިނުމަކީ މިހާރު ކޮންމެއަކަސް ކުރަން ވެސް ޖެހިފައިވާ ކަމެކެވެ.

އީގަލްސްއިން ޒުވާން ކުޅުންތެރީންނަށް ފުރުސަތުދިނުމުގެ ނަތީޖާ މިއަހަރު ފެނިގެންދިޔައެވެ. މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެންމެ އުންމީދީ ކުޅުންތެރިޔާ އެވޯޑަށް ނޮމިނޭޓްވި ތިން ކުޅުންތެރީންގެ ތެރެއިން ދެ ކުޅުންތެރީންނަކީ އީގަލްސްއަށް ނިސްބަތްވާ ދެ ކުޅުންތެރިއެކެވެ. އެއީ އަހްމަދު ރިޒްވާން (ރިޒޭ)އާއި އަންސަރު އިބްރާހިމް (އަންކޮ) އެވެ. އޭގެ ތެރެއިން އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ހޯދީ ރިޒޭއެވެ.

އެންމެ އުންމީދީ ކުޅުންތެރިޔާ އީގަލްސްގެ ރިޒްވާން(ވ) އަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އީގަލްސްއިން ޒުވާން ކުޅުންތެރީން ފެންނަ އެއް ސަބަބަކީ އެ ޓީމުގެ ކޯޗު އިހުސާން އަބްދުލްޤަނީ (ސާންތި)އެވެ. މިދިޔަ އަހަރު އެންމެ މޮޅު ތިން ކޯޗުންގެ ތެރޭގައި ހިމެނުނު ސާންތި އަކީ ޒުވާން ކުޅުންތެރީންނަށް ފުރުސަތު ދިނުމުގައި ވަރަށް ރަނގަޅު މިސާލެކެވެ. އޭނާގެ މަގްސަދަކީ ޒުވާން ކުޅުންތެރީން ފުޓްބޯޅަ އާއިލާ ތެރެއަށް ނެރެދިނުމެވެ.

"މިއަހަރު ވެސް އެބައުޅޭ ޒުވާން ކުޅުންތެރީންތަކެއް. އޭގެ ތެރެއިން ހެލްމެޓްގެ ކޮއްކޮ، ކ. ގުރައިދުއަށް ނިސްބަތްވާ ވަރަށް ރަނގަޅު ކުޅުންތެރިއެއް. ތިން ހަތަރު ކުއްޖެއް މިއަހަރު ވެސް އަލަށް އެބައުޅޭ. އީގަލްސްއިން އެކުޅުންތެރީން ފެންނާނެ. އަޅުގަނޑުގެ ކަމަކީ އެކުޅުންތެރީން ޓްރެއިންކޮށްގެން އެކުޅުންތެރީންނަށް ފުރުސަތު ދިނުން. އެކުޅުންތެރީން އެކަން ސާބިތުކޮށްދީފިއްޔާ އަޅުގަނޑުގެ މަގްސަދު ހާސިލްވީ. އެ ފުރުސަތު އެކުޅުންތެރީންނަށް އަޅުގަނޑު ދޭނަން. މިއަހަރު ވެސް އަޅުގަނޑުގެ މަސައްކަތަކަށް އޮންނާނީ ތިން ހަތަރު ކުޅުންތެރިއެއް ފުޓްބޯޅަ ފެމިލީ ތެރެއަށް ނެރެލުން. އެހެންވީމަ މިއަހަރު ވެސް އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" ސަން ސްޕޯޓްސްއަށް މައުލޫމާތުދެމުން ސާންތި ބުންޏެވެ.

ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޤަނީ (ސާންތި) --- ސަން ފޮޓޯ/ ޢަބްދުﷲ ޢަބީދު

މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ވެސް ހޯދާފައިވަނީ އީގަލްސްއިންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ އިމްރާން މުހައްމަދު ވެސް ފުރަތަމަ ފެނިގެންގޮސްފައިވަނީ އީގަލްސްއިންނެވެ. އެގޮތަށް ގިނަ ޒުވާން ކުޅުންތެރީން އުފެދުމުގައި ސާންތި އަދި އީގަލްސްގެ ހިއްސާ ބޮޑެވެ.

ސާންތި ވަނީ އީގަލްސްގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައިދީފައެވެ. މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތަށްޓާއެކު އީގަލްސް ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފައެވެ. ޒުވާން ކުޅުންތެރީން ހިމެނުނަސް، މިހާރު އެއީ ފުޓްބޯޅައިގައި ވާދަވެރި ބޮޑު ކްލަބެއްގެ ގޮތުގައި ސިފަކުރެވޭނެއެވެ. މިއަހަރު އީގަލްސްގެ ފުރަތަމަ ޓާގެޓަކީ މާލޭ ލީގެވެ. އެއީ މާލޭ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި ޕްރިމިއާ ލީގަށް ކޮލިފައިވުމެވެ.

"އީގަލްސްގެ ފުރަތަމަ ޓާގެޓަކީ މާލޭ ލީގުގައި ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުން. އެއީ މިހާރު ވިސްނާ ކަމަކީ. ކިރިޔާ ހަތަރެއްގެ ތެރޭގައި ހިމެނުނަސް އީގަލްސްގެ ޓާގެޓް ހާސިލްވީ. ޕްރިމިއާ ލީގު ކުޅުން އީގަލްސްގެ ބޮޑު ޓާގެޓް މިއޮތީ،" ސާންތި ބުންޏެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އީގަލްސްއިން ވެސް ވަނީ ސީނިއާ ކުޅުންތެރިޔަކު ހޯދައިފައެވެ. ސަބަބަކީ އޭނާގެ ތަޖުރިބާއާއި ހުނަރު ބޭނުންކުރުމަށެވެ. އެ ފެންވަރު އޭނާގެ ފަރާތުން ފެންނާނެ ކަމުގެ ޔަގީންކަންދެއެވެ.

"ނައްޓޭއަކީ މިވަގުތު އީގަލްސްއަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާ. ނައްޓޭގެ ބޭނުން ޕްރެކްޓިސްތަކުގައި 100 ޕަސެންޓް ހާޒިރީއާއި ކޮމިޓްމަންޓް އޭނާގެ ފަރާތުން ލިބޭ،" ސާންތިއެވެ.

ނިއުގެ ކެޕްޓަން އަދި ކީޕަރު އިމްރާން މުހައްމަދު(ކ)އާއި އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު(ވ): ކީޕަރު އިމްރާން ވެސް ފުރަތަމަ ފާހަގަކޮށްލެވުނީ އީގަލްސްއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާއިތުވި އަހަރުތަކުގައި އީގަލްސްއިން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރީންގެ ތެރެއިން އެއް ކުޅުންތެރިޔަކީ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް)އެވެ. މިދިޔަ އަހަރުގެ ސީޒަންގެ ކުރީކޮޅު ހެލްމެޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ފެނިފައެއް ނުވެއެވެ. ހެލްމެޓަށް އެނބުރި ދަނޑަށް ނުކުމެވޭވަރުވާނީ މިއަހަރުގެ ފަހުކޮޅު ކަމަށް ސާންތި ބުނެފައިވާއިރު، ހެލްމެޓަކީ މިވަގުތު ރާއްޖޭގެ އެންމެ މޮޅު ސެންޓްރަލް ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ވެސް އޭނާ ބުނެއެވެ.

"ހެލްމެޓް މިއަހަރު ފަހުކޮޅުގައި ކުޅެވުނަސް ކުޅެވޭނީ. ހެލްމެޓަށް ބޭނުންވަނީ ވަގުތުދީފަ ހެލްމެޓް މުޅިން ރަނގަޅުވެފަ ކުޅެން ނެރެން ބޭނުންވަނީ. މުޅިން ރަނގަޅުނުވެ ކުޅެން ނެރެފިއްޔާ އަޅުގަނޑު އަދިވެސް ވިސްނަން އެކުޅުންތެރިންގެ މުސްތަގުބަލު. ހެލްމެޓަކީ މިހާރު ރާއްޖޭގެ އެންމެ މޮޅު ސެންޓްރަލް ޑިފެންޑަރުންގެ ތެރެއިން އެކަކު. ރާއްޖޭގައި ސެންޓްރަލް ޑިފެންޑަރުން ވެސް މިދަނީ މަދުވަމުން. އެއީ މިހާރު ސެންޓްރަލް ޑިފެންޑަރުންނާއި ގޯލްކީޕަރުންނަށް ގިނައިން މިކުޅެނީ ބޭރު މީހުން. ހެލްމެޓް ފުލީ ރިކަވާވެގެންނޫނީ އެ ފުރުސަތު އީގަލްސްއަކުން ނުދޭނެ. އީގަލްސްއިން މިހާރު މަސައްކަތް ކުރަމުންމިދަނީ ފިޓްނަސް ޓްރެއިނަރަކާ ހަވާލުކޮށްގެން ހެލްމެޓްގެ ކަންތައްތައް އެ ޓްރެއިނަރެއްގެ ދަށުން ގެންދާ ގޮތަށް،" އީގަލްސްގެ ކޯޗު ބުންޏެވެ.

ފާއިތުވެދިޔަ ތިން އަހަރު ވެސް އީގަލްސްއިން ނިންމާލީ ލީގު ތާވަލުގެ ތިންވަނައިގައެވެ. ފާއިތުވެދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވެސް އީގަލްސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

comment ކޮމެންޓް