ލިވަޕޫލްގެ ކޯޗަކަށް ވުމަށް ސްލޮޓް ޝައުގުވެރިކަން ފާޅުކޮށްފި

ލިވަޕޫލްގެ ކޯޗަށް ވުމަށް ސްލޮޓް ބޭނުން / ފޮޓޯ: ސްކައި ސްޕޯޓްސް

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމުގައިވާ ލިވަޕޫލްގެ ކޯޗަށް ވުމަށް ބޭނުން ކަމުގައި ޑަޗް އެރެޑިވިސީގެ އެންމެ ފަހުގެ ޗެމްޕިއަން ފެޔެނޯޑްގެ ކޯޗު އާން ސްލޮޓް ހާމަކޮށްފިއެވެ.

އޭނާ އެހެން ބުނީ އެންމެ ފަހުން ގޯ އެހެޑް އީގަލްސްއާ އެކު ކުޅެ ތިން ލަނޑު އެއް ލަނޑުން ފެޔެނޯޑް މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ލިވަޕޫލުން މިހާރުވަނީ ސްލޮޓް އެޓީމަށް ގެންދިއުމާ ގުޅޭގޮތުން ފެޔެނޯޑްއާ އެކު މަޝްވަރާތައްވެސް ފަށައިފައެވެ.

ސްލޮޓް ބުނީ ލިވަޕޫލްގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ ބޭނުންވާ ކަމަށެވެ. ނަމަވެސް މިވަގުތަށް ބުނެވެން އޮތީ ދެ ކްލަބުންވެސް އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށާއި އޭނާ މިހާރު ހުރީ ވެއިޓިން ރޫމްގައި ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ދެކްލަބްގެ މެދުގައި އެއްބަސްވުމަކަށް އާދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ސްލޮޓް ބުންޏެވެ.

އުމުރުން 45 އަހަރުގެ ސްލޮޓްވަނީ އެރެޑިވިސީގެ ތަށި ފެޔެނޯޑްއަށް މިދިޔަ ސީޒަންގައި ކާމިޔާބު ކޮށްދީފައެވެ. އަދި މިސީޒަންގެ ޑަޗު ކަޕްވެސް ކާމިޔާބު ކޮށްފައިވަނީ ސްލޮޓްގެ ކޯޗު ކަމުގެ ދަށުން ފެޔެނޯޑް އެވެ.

މިސީޒަންގައި ފެޔެނޯޑް އުޅެނީ 31 މެޗުން ލިބިފައިވާ 75 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ސްލޮޓް ގެންދިއުމުގެ ޝައުގުވެރިކަން މީގެކުރިން ޓޮޓްނަމް ހޮޓްސްޕާ އާއި ލީޑްސްއިން ވެސް ވަނީ ފާޅުކޮށްފައެވެ.

ލިވަޕޫލާއި ފެޔެނޯޑްގެ މެދުގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން ފީ އަކާމެދުވެސް ދެ ކްލަބްގެ މެދުގައި އެއްބަސްވުމަކަށް އަންނަން ޖެހޭނެއެވެ. އެއީ ސްލޮޓް އާއި ފެޔެނޯޑްގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ރިލީސް ކްލައުސްއެއް ހިމެނިފައިވީ ނަމަވެސް އެމާއްދާއަށް މިއަހަރުގެ ޖޫން ޖުލައިގައި އަމަލެއް އަދި ނުކުރެވޭނެތީއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމާއްދާ އެކްޓިވޭޓް ވާނީ މިއަންނަ އަހަރުއެވެ.

ލިވަޕޫލްގެ މިހާރުގެ ކެޕްޓަން އަދި ނެދަލަންޑްސްއަށް ނިސްބަތްވާ ވާޖިލް ވެން ޑައިކް ބުނި ގޮތުގައި ސްލޮޓް ގެންގުޅޭ އުސޫލްތަކާއި ކޯޗު ކޮށްދިނުމުގައި ގެންގުޅޭ ކަންތައްތަކުގެ ސަބަބުން އޭނާ ލިވަޕޫލުގެ ސިސްޓަމާ ވަރަށް ގުޅޭނެއެވެ. އަދި ސްލޮޓް އަކީ ނެދަލަންޑްސްގައި މިހާރު ތިބި އެންމެ ފާހަގަ ކޮށްލެވޭ ކޯޗުންގެ ތެރެއިން އެކަކު ކަމުގައިވެސް އޭނާ ބުންޏެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ލިވަޕޫލުން ސްލޮޓްއަށް ޝައުގުވެރިވީވެސް އޭނާ ގެންގުޅޭ ހަމަލާއަށް އިސްކަން ދިނުމުގެ އުސޫލާއި ޒުވާން ކުޅުންތެރިން އުފެއްދުމަށް އޭނާ ދޭ އިސްކަމުގެ ސަބަބުންނެވެ.

ލިވަޕޫލުގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕް ވަނީ މިފަހަރުގެ ސީޒަނާއެކު އޭނާ އެކްލަބް ދޫކޮށްލާނެކަން ހާމަކޮށްފައެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލިވަޕޫލާ ހަވާލުވި ކްލޮޕްގެ ކޯޗު ކަމުގެ ދަށުން ލިވަޕޫލުން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް އަދި މިވަގުތު ޕްރިމިއާ ލީގުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމަށް ލިވަޕޫލު ހަދައިފައެވެ.

comment ކޮމެންޓް