ތަރިންތަކާއެކު ކިންގްސް ބީސީގެ ފުރަތަމަ މެޗުން ފަސޭހަ މޮޅެއް

މިހާރު ކުރިއަށްދާ އެމްބީއޭ ކަޕްގެ ތެރެއިން: ފުރަތަމަ ޑިވިޝަންގައި ރޭ ކުޅުނު މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް އަތުން ކިންގްސް ބީސީ ވަނީ ފަސޭހަކަމާއެކު މޮޅުވެފަ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދާދިފަހުން ވުޖޫދަށްއައި ކިންގްސް ބާސްކެޓްބޯލް ކްލަބު ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގައި ރޭ ކުޅުނު އެ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް އަތުން ކިންގްސް ބީސީ މޮޅުވެފައިވަނީ 89-57 ޕޮއިންޓުންނެވެ.

ރޭ ކުޅުނު އެ މެޗުގައި ކިންގްސް ބީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލެވެ. އޭނާ ވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީފައެވެ. ކުޑަހެންވޭރަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެޓީމަށް 14 ޕޮއިންޓް ހޯދައިދިން ސުއާދު ސައީދެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ވުޖޫދަށްއައި ކިންގްސް ބީސީއަކީ ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަދި މިހާރު ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އުފެއްދެވި ކްލަބެކެވެ. މިއަހަރުގެ ފުރަތަމަ ޑިވިޝަންގައި އެ ކްލަބު ވާދަކުރަނީ ސީނިއާ ގިނަ ކުޅުންތެރިންތަކަކާއެކުއެވެ.

ކިންގްސް ބީސީގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޒިލާލް (ކެޕްޓަން)، އަހްމަދު ފިރާޝް (ވައިސް ކެޕްޓަން)، އަހްމަދު އަފްޝަން ރަޝާދު، އިބްރާހިމް އަންފަލް ޝަރީފް، މުހައްމަދު ޚުވައިލިދު އަލީ، އަހްމަދު ނަޖީލް، އިމްރާން އަހްމަދު، މުހައްމަދު މުޒައްމިލް، މުހައްމަދު ސަމޫހް، ރިޝްފާން ރަޝާދު، ހައިޝަމް ދާއޫދު އަދި މުހައްމަދު ނާއިފް ރުޝްދީއެވެ. އެޓީމުގެ ހެޑް ކޯޗަކީ ފީބާ ރެޑް ލައިސެންސް ކޯޗު މާކޯ ޕްޕްލޮވިޗްއެވެ. އަދި ކޯޗަކީ ފީބާ ނޭޝަނަލް ލައިސެންސް އޮންނަ ޝްރިޔަންތާ ޖަޔަވީރާއެވެ.

އެ މުބާރާތުގައި ކުރިއަށްދާނީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނެވެ. އެ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީއާއި ޔޫއެން ފްރެންޑްސް އަދި އެލްކިޔުއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސްއާއި ރެޑް ވިންގްސް އަދި ރައިވެރިޔާއެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ޓީރެކްސްއާއި، ދަ ބައުސްއާއި، ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ ރެޑްވިންގްސްއާއި ޒިގްޒެގް އަދި ސައިކްލޯންއެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނެއެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު އެއްވަނަ އާއި ހަތަރުވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ލީގުގެ ދެ ވަނަ އާއި ތިންވަނަ ޓީމެވެ. އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައެއް ނުވެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެއެވެ.

comment ކޮމެންޓް