އަތޮޅުތެރޭގެ ޓީމުތައް ގަލޮޅު ދަނޑަށް ގެނައުން ލަސްވެއްޖެ

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރު ވެގެންދާނީ ދިވެހި ފުޓްބޯޅައިގައި ބޮޑު ބަދަލުތަކެއް ފެނިގެންދާނެ އަހަރަކަށެވެ. ގަލޮޅު ދަނޑު ކުރިން ފުރަތަމަ ޑިވިޝަންގެ ކްލަބުތައް ކުޅޭ މެޗުތައް ފެންނަމުންދިޔަ ނަމަވެސް، މިހާރު މިވަނީ އެކަމަށް ބަދަލުތަކެއް ގެނެސްފައެވެ. އަތޮޅުތެރޭގެ ވަރުގަދަ ހަތަރު ޓީމެއްވެސް މިއަހަރު ގަލޮޅު ދަނޑުން ފެނިގެންދާނެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް މިދިޔަ އަހަރު ބައްސާމް އަދީލް ޖަލީލް އިންތިހާބުވެވަޑައިގެންނެވުގެ ކުރިން ވެސް ބައްސާމް ވައުދުވަމުންދިޔައީ އަތޮޅުތަކުގެ ފުޓްބޯޅައަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބައްސާމް އިންތިހާބުވެވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއްނުވެ، އޭނާ މިވަނީ އެ ވައުދު ފުއްދުމުގެ ފުރަތަމަ ފިޔަވަޅު އަޅައިފައެވެ. އެއީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ބޮޑު ބަދަލެއް ގެނައުމެވެ. މާލޭ ލީގު ތައާރަފްކޮށް، ޕްރިމިއާ ލީގުން އަތޮޅުތެރޭގެ ހަތަރު ޓީމަށް ފުރުސަތު ދިނުމެވެ. މާލޭ ލީގުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމެވެ. ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމާއި އަތޮޅުތަކުގެ ޓީމުތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.

އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތުދީ، ފޯމެޓަށް ގެނައި ބަދަލުތަކާ ބެހޭގޮތުން ކްލަބު އީގަލްސްގެ ކޯޗު އަދި ކުޅިވަރު ކުރިއެރުވުމުގެ ފާއިތުވެދިޔަ އަހަރުތަކުގައި ގިނަ ހިދުމަތްތަކެއްކޮށްދީފައިވާ އިހުސާން އަބްދުލްޤަނީ (ސާންތި) ބުނީ، ރާއްޖެތެރޭގެ ޓީމުތަކަށް ފުރުސަތުދިނުމަކީ ރަނގަޅު ކަމެއް ކަމަށާއި ޓީމުތަކަށް ތައްޔާރުވާން ފުރުސަތެއްދިންނަމަ އިތުރަށް ފުރިހަމަވެގެންދިޔައީސް ކަމަށެވެ.

"ޓީމުތައް ތައްޔާރުވެލަން ފުރުސަތެއްދީފަ، 2018ގައި އެ ފޯމެޓް ބަދަލުކޮށްލެވުނުނަމަ އެއަށްވުރެ ބޮޑަށް ރަނގަޅުވާނެ. މިހާރު ވެސް ގޯހެއް ނޫން. މި ފޯމެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންމެވެސް ވަރަށް އަޅުގަނޑަށް އެ ބަދަލުތައް ގެނައުމަށް ހަދަމުންދާއިރު އަޅުގަނޑުގެ ހިޔާލުތައް ހިމަނަންވެސް ފުރުސަތުދިން. އެހެންވީމާ އަޅުގަނޑަށް އޭތި ވަރަށް ރަނގަޅަށް އެނގޭ. އަޅުގަނޑުގެ ވިސްނުމުގައި ހުރީ އެޓީމުތަކަށް ތައްޔާރުވާން ފުރުސަތުދީފަ މި ބަދަލުތައް ގެންނާނެކަމަށް. މި ބަދަލު ގެންނަން މާ ލަސްވެސް ވެއްޖެ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ދިވެހި ފުޓްބޯޅައިގެ ފޯރި ވަރަށް ދަށްވެފައި އޮތް ދުވަސްވަރެއްގައި މިފަދަ ކަމެއް ނިންމުމަކީ އެފްއޭއެމްއިން ނިންމި ވަރަށް ރަނގަޅު ނިންމުމެކެވެ. ފޯމެޓަށް އެ ބަދަލުގެނައުމަށް ލަސް ވެސް ވެއްޖެއެވެ. އެ ބަދަލު މީގެ ކުރިން ގެނައިނަމަ، ފުޓްބޯޅަ ފޯރި މިހާރު ވާނީ ވަރަށް ގަދަވެފައެވެ.

އެހެން އަހަރުތަކެކޭ ހިލާފަށް މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އަވަހަށް ފެށުމަށްފަހު އަވަހަށް ނިންމާލާނެއެވެ. ގިނަ ދުވަސްތަކެއްނުވެ، އެ މުބާރާތުގެ ގަދަ ހަތަރު ޓީމު ފެނިގެންދާނީ ޕްރިމިއާ ލީގުންނެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ އެންމެ ވަރުގަދަ ހަތަރު ޓީމާއެކުއެވެ.

ފުރަތަމަ ޑިވިޝަންގެ ޓީމުތައް މިހާރު މާލޭ ލީގަށް ތައްޔާރުވަމުންދާއިރު، މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވި ޓީމުތަކުން ވެސް ދަނީ އެ މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އަތޮޅުތެރޭގެ ޓީމުތައް މިފަހަރު ތައްޔާރުވަމުންދަނީ ތަފާތު އަޒުމަކާއެކުއެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކާ ވާދަކޮށްލުމުގެ އުންމީދުގައެވެ. އެ ފުރުސަތު ހޯދުމުގެ ވަރުގަދަ އަޒުމާއެކުއެވެ.

comment ކޮމެންޓް