ސަރުކާރުގެ ފޮތްތައް ހުންނާނީ ހުޅުވާލެވިފައި، ފޮރުވަން ޖެހޭ އެއްޗެއް ނޯންނާނެ: އަނިލް

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި ސަރުކާރުގެ ދެ މިނިސްޓަރުން: ސަރުކާރުގައި ފޮރުވަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި - ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހި ސަރުކާރުގެ ފޮތްތައް ހުންނާނީ ހުޅުވާލެވިފައި ކަމަށާއި ފޮރުވަން ޖެހޭ އެއްޗެއް ނޯންނާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އދ.ގެ ވޯކިން ގްރޫޕުން ނެރުނު ރިޕޯޓާ ގުޅޭ ގޮތުން ސަރުކާރުން ދޭ ބަޔާން ދިނުމަށް ޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަނިލް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާ ޚިލާފަށް އެފަދަ ގްރޫޕުތަކާ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށެވެ. އެގޮތުން ނާޒިމްގެ މައްސަލަ އެ ގްރޫޕަށް ހުށަހެޅުމުން، އެމައްސަލައިގެ ތަފްސީލް ބޭނުންވާ ކަމަށް ބުނެ އެ ގްރޫޕުން އެކަމަށް ހުށަހެޅުމުން ތަފްސީލީ ރިޕޯޓެއް އެ ގްރޫޕާ ހިއްސާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ އަޅުގަނޑުމެން ފޮރުވަން ޖެހޭ އެއްޗެއް ނޯންނާނެޔޭ. އަޅުގަނޑުމެންގެ ފޮތްތައް ހުންނާނީ ހުޅުވާލެވިފައި. ވަޑައިގެން ހަމަ ބައްލަވަން ވީ އިނގޭތޯ،" އަނިލް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ދިވެހި ޝަރުއީ ނިޒާމުގެ ތެރެއިން ކޮށްފައިވާ ހުކުމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ނެރުނު ރިޕޯޓުގައި ރާއްޖެއިން އެބޭފުޅުންނަށް ދައުވަތެއް ދިނުމަށް ވަނީ އެދިފަ އެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ މައްސަލަ ބަލާ ނިންމާފައި ގޮތެއް ނިންމާފައި ދެން ވަޑައިގަންނަވާނެ ކަމެއް ނެތޭ،" އެ ކަމާ ގުޅިގެން އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ކަންކަމަށް އަބަދުވެސް ސަރުކާރުން ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް ދައުވަތެއް ދޭނެ ކަމާ މެދު ސީދާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރުން މިއަދު ނެރުނު ބަޔާން ވިދާޅުވަމުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކިއެކި މަރުޙަލާތަކުގައި ނާޒިމްގެ މައްސަލަ ކުރިޔަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ނަމަވެސް ވޯކިން ގްރޫޕުން ބުނެފައި ވަނީ އެ މަސައްލަ ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ބައިނަލް އަގުވާމީ ގާނޫނޫތަކާ ޚިލާފަށް ކަމަށެވެ.

މިނިސްޓަރު އާސިމް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމަކަށް ވާ އިރު، ރާއްޖޭގެ ކޯޓުތަކުގެ ހުކުމްތަކަށް އިހްތިރާމް ކުރުމަށް ސަރުކާރުން ގޮވައިލާ ކަމަށެވެ.

"ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ޝަކުވާއެއް އޮތްނަމަ، ކަމާ ބެހޭ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އަދި ފުރުޞަތު އެފަރާތަށް ލިބިގެންވާކަން ފާހަގަކުރަން،" ނާޒިމްއަށް އެ ހައްގު ލިބިފައިވާ ކަމުން، އެކަން ކުރުމަށް ނާޒިމްއަށް ބާރު އެޅުމަށް ވޯކިންގް ގްރޫޕަށް ގޮވާލަމުން، ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

"ވޯކިން ގްރޫޕްގެ ލަފާގައި، ބައެއް އަމިއްލަ ޖަމްޢިޔާތަކުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭ ގޮތުން ޝާއިޢުކޮށްފައިވާ ޚަބަރުތަކަށް ރިޢާޔަތްކޮށް، އެފަދަ ޖަމްޢިޔާތަކަށް 'ހިޔުމަން ރައިޓްސް އެކްސްޕަރޓްސް'ގެ ނަމުން މުޚާތަބުކޮށްފައިވާކަމީ ދިވެހިސަރުކާރު ހިތާމަކުރާކަމެއް ކަމަށް ސަރުކާރުން ބުންޏެވެ. އދ.ގެ ވޯކިންގް ގްރޫޕްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، މިނިވަންކަމާ އެކު އެފަރާތްތަކަށް ހުށަހެޅޭ މައްސަލަތައް ބެލޭ ފަރާތްތަކަކަށް ވާންޖެހޭނެ،"

ސަރުކާރުން އިތުރަށް ބުނީ، ވޯކިންގް ގްރޫޕުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނި ނަމަވެސް، އެކަމަށް ހުށަހެޅީ ގްރޫޕުގެ ލަފާ ޝާއިއުކުރުމަށްފަހުގައި ކަމީ ހިތާމައެއް ކަމަށެވެ.

ވޯކިން ގްރޫޕުން ފާހަގަކޮށްފައިވާ ކަންކަން:

  • ކާނަލް ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާއި ވަޒަންތަކަކީ އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ އަމިއްލައަށް ޕްލާންޓުކޮށްފައިވާ ތަކެތިކަމަށާއި އެހެން ކަމުން އެކަމުގައި ނާޒިމް ފްރޭމްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަން.
  • އެހާ ސީރިއަސް އަދި ބޮޑު ދައުވާއަކަށް ކްރިމިނަލް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމާއި، ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހެޅި ގިނަ ދިފާއީ ހެކިންގެ ހެކިބަސް ނުނެގުމާއި ދިފާއީ ހެކިން ހުށަހެޅުމަށް ވެސް ހުރަސްތަކެއް ކުރިމަތިކުރުން.
  • ދައުލަތުން ހުށަހެޅި ހެކިންގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ނާޒިމަށް ދީފައިނުވާކަން.
  • މައްސަލަ އިސްތިއުނާފު ކުރުމަށް ބޭނުންވާ ރިޕޯޓާއި އެހެނިހެން ލިއެކިއުންތައް އިސްތިއުނާފްގެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުން ނާޒިމްގެ ވަކީލުންނަށް ފޯރުކޮށްދީފައި ނުވުން.
  • ފެނުނު ފިސްތޯލައާއި ވަޒަންތަކަކީ ނާޒިމްގެ ތަކެތިކަން ސާބިތުކޮށްދިނުމުގެ ޒިންމާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި އެއީ ނާޒިމްގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ނާޒިމަށް ސާބިތުކޮށްދޭން ޖެހުން.
  • ހައިކޯޓުން މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަސް މަސް ހޭދަކުރުމާއި މައްސަލަ އަވަސްކޮށްދޭން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލުން.
comment ކޮމެންޓް