ގައުމުގައި ކުރިން ވެރިކަން ކުރައްވާފައި ތިއްބެވި ލީޑަރުންނާއި މި ސަރުކާރުގެ ގާނޫނީ އިސް ބޭފުޅުންނަށް ވެސް އީގަލްސް ހިލްސް މަޝްރޫއާ މެދު އެއްވެސް އެއްޗެއް ބުނަން ކެރިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފްރަންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދިވެހި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، ބައެއް ޒުވާނުން ނެރެގެން މިއީ ފައިދާހުރި މަޝްރޫއެއް ކަމަށް ދައްކަން އުޅުނު ނަމަވެސް، މި މަޝްރޫއުން ގައުމަށް ވާނެ ފައިދާއެއް ސަރުކާރަށް ސާފުކޮށް ކިޔައިދެވިފައި ނުވާ ކަމަށެވެ. އަދި އީގަލް ހިލްސް މަޝްރޫއަކީ އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫން ކަމަށާއި، އެއީ ހަމަ ސީދާ ބޮޑު "ޖަރީމާއެއް" ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދިނުމުގެ ގާނޫނަކީ ބަޔަކު ވަޒަންވެރިކުރުވާ ގާނޫނެއް ނޫން ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މިހާރު ފެންނަނީ އެއާ ޚިލާފަށް ބޭރު ބަޔަކު ވަޒަންވެރިކުރުވުމުގެ މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ނެތް ކަމަށާއި، ގާނޫނުތައް ޑްރާފްޓްކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވާތީ، މިކަން ފަށާފައި މިވަނީ ނުބައި ފެށުމަކުން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ގާނޫނީ އިސްބޭފުޅުން މިހާރު މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދެއްކެވުން ހުއްޓާލައްވައި، ޖަވާބުދާރީވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ދައުލަތުގެ ގާނޫނީ އިސްބޭޅުން މި މަޝްރޫއުގެ ވާހަކަދެއްކުން ހުއްޓާލައިފި. އެބޭފުޅުން މިހާރު މި މަޝްރޫއަށް ޖަވާބުދާރީވުމުގެ އެއްވެސް ވިސްނުންފުޅެއް ނެތް،" ޔާމީން ވިދާޅުވިއެވެ.
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ/ އީގަލް ހިލްސް އަބޫދާބީގެ ވިޔަފާރިވެރިންނާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގައި އިޒްރޭލަށް މަގުފަހިކޮށްދޭ ފަރާތްތަކާ ގުޅުން ބަދަހިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތު ނުހިނގާ ގޮތަށް ބޮޑެތި ބިންތައް ދޫކޮށްލުމަކީ ރާއްޖޭގެ އައްސޭރިފަށުގެ ސަލާމަތަށާއި ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، މިފަދަ ބޮޑެތި މައްސަލަތަކުގައި ގައުމުގެ ދީނީ އިލްމުވެރިން އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބަވާތީ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
އަބޫދާބީގެ އީގަލް އިލްސްގެ އިސްވެރިންނަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު، ފަލަސްތީނާއި އިސްލާމީ އަރަބި އެހެން ގައުމުތަކަށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާއިރު، ހަމައެކަނި މެދުއިރުމަތީގައި އިސްރޭލަށް ހުރިހާކަމެއް ފަހިކޮށްދޭ އަދި ދުރުމިއަށް ލާރިނޫން އެހެން އެއްޗެއް ނުފެންނަ ހަމައެކަނި ބަޔަކަށް އޮތީ އަރަބި އިމާރާތްކަމަށެވެ.
"ދިގު މުއްދަތަކަށް ރަށެއް ދިނީމަ، ދިދު މުއްދަތަކަށް ބިމެއް ދިނީމަ ދައުލަތުގެ އިސްތިގުލާލަށް ގެއްލުންވާކަމަށް ބުނާއިރު، މިއުޅެނީ ދައުލަތުގެ އިސްތިގްލާލަށް ގެއްލުންވެގެން ނޫނޭ. މި އަންނަނީ ކޮން ބައެއް ހެއްޔޭ؟ މިއީ ޣައިރު މުސްލިމުންގެ ތެރެއިން ވެސް އިސްލާމުންނަށް އިންތިހާއަށް އަދާވާތްތެރި ބައެއް މީ. މިކަމުގެ ޢިލްމުވެރިންގެ ބަހެއް ނެތް. ހަނު އެތިބީ ޢިލްމުވެރިން،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރަށް ޔާމީން ވިދާޅުވީ އިގްތިސާދީ މަންފާ ހޯދަންވާނީ ގައުމުގެ ހަރުމުދާ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށާއި، މަންފާ ހޯދުމުގެ ނަމުގައި ބައިނަލްއަގުވާމީ އެއާޕޯޓާއި މައި ޕޯޓު ފަދަ ހަރުމުދާ ވިއްކާލުމަކީ ގަބޫލުކުރެވޭނެ ހަމައެއް ނޫން ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.