500 އަހަރުވީ ގަނޑުވަރުގެ ސަލާމަތީކަމެއް ނެތް!

ހއ. އުތީމުން: އަހުމަދު ސާއިލް އަލީ

މީގެ އަހަރުތަކެއްކުރި އެވެ. ހއ. އުތީމް އެލާޓަށް ގެނުވީ ބޮޑުތަކުރުފާނު ގަނޑުވަރު ބަލަހައްޓާ ފަރާތްތަކަށް އަންނަން ފެށި ފޯން ކޯލްތަކެއްގެ ސަބަބުންނެވެ. ޕޯޗްކީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވި ތިންބެއިންގެ ދިރިއުޅުއްވި ގެދޮރުކަމަށްވާ އުތީމް ގަނޑުވަރުގެ ރޯކޮށްލާނެކަމުގެ އިންޒާރު ދިނީ އެވެ. އެކަން ހުއްޓުވަން ރައްޔިތުން ތިބެންޖެހުނީ ދަމަށްށެވެ. ނަސީބަކުން ކަމެއްނުވެ ސަލާމަތްވީ އެވެ.

ގާތްގަނޑަކަށް 500 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އުތީމް ގަނޑުވަރަކީ ރާއްޖޭގައި މިވަގުތު ފެންނަން ހުރި އެންމެ ދުވަސްވީ ބިނާއެވެ. ތާރީހާއި ދިވެހިންގެ ފަހުރަށް ބަލާއިރު ވެސް އެއީ ވަރަށް މުހިންމު ބިނާއެކެވެ. ނަމަވެސް ހިތާމައަކީ އާދައިގެ ގެތަކުގެ ސެކިއުޓީ ބަލަހައްޓާ އިރު ފަސޭހަ ކަމާ އެކު ވަށައިގެން ވަދެވެން އޮތް އެގަނޑުވަރުގެ ރައްކާތެރިކަން ނުބަލަހައްޓާތީ އެވެ.

ސެކިއުރިޓީއެއް ނެތް!

ދިވެހިންގެ ތާރީހު ދަށްކުވައިދޭ އަދި ބަތަލުންތަކެއް ދިރިއުޅުއްވި އެބިނާ ބަލާލުމަށް އެތައް ބަޔަކު ލޯބިކުރާ އިރު އެތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ސެކިއުރިޓީ ގާޑުންނެއް ނުތިބެ އެވެ. ތިން އިމާރާތެއް މައްޗަށް އެކުލެވޭ އެގަނޑުވަރުގެ ބޮޑުގެއާއި މަރިޔާދުގޭ ހަދާފައި ވަނީ ލަކުޑިއާއި އުވައިންނެވެ. ގޭއެތެރެ ޒީނަތްތެރިކޮށްފައި ވަނީ މުޅިންހެން ލަކުޑިންނެވެ. އަދި އަޝިގެ ހަދާފައި ވަނީ ފަނުންނެވެ. އެތަނުގައި ސެކިއުރިޓީ ނުބަލަހައްޓާ އިރު އެތަނަށް ގެއްލުމެއް ދިނުމުގެ ފުރުސަތު އޮތީ ފަސޭހަކޮށް ހުޅުވިފަ އެވެ.

ޑިންގީއާއި އެހެން ގޮތްގޮތުން ވެސް އެތައް ބަޔަކު އުތީމަށް އަންނައިރު ގަނޑުވަރަކީ ގޮނޑުދޮށާއި ކައިރި ހުންނަ ބިނާއެކެވެ. އެހެންކަމުން ފަސޭހަކަމާ އެކު އެތަނާއި ހިސާބަށް ސިއްރުން އާދެވުމުގެ ފުރުސަތު އެބައޮތެވެ. ގަނޑުވަރުގެ ސެކިއުރިޓީ ނުބަލަހައްޓާ އިރު ވަރަށްފަހުން ވެސް ކަންނެލި މަސްވެރިކަމުގައި ކަމުގައި އެރަށަށް ގޮސް އުޅުނު ބަޔަކު ވަނީ އެއްވެސް ހުއްދައެއްނެތި ފާރުމަތިން ގަނޑުވަރު ތެރެއަށްވަދެފަ އެވެ.

"މިތަނުގައި އެއްވެސް ސެކިއުރިޓީ ގާޑެއްނެތް، ކަމެއްކުރިޔަސް އެނގޭނެގޮތެއް ނެތް، މިއީ މިތާރީހީ ބިނާ ރައްކާތެރިކުރުމަށްއޮތް ބޮޑު ގޮންޖެހުމެއް،" އެގަނޑުވަރުގެ ގައިޑެއްކަމަށްވާ މުހައްމަދު ޝިޔާމް ވިދާޅުވި އެވެ.

ގަނޑުވަރު ބެލުމަށް އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކުހެން އުތީމަށް ދާއިރު ގަނޑުވަރަށް އެމީހުން ވައްދަނީ ގައިޑެއްގެ ބެލުމުގެ ދަށުންނެވެ. އެތައް ބަޔަކު އެންމެ ގައިޑެއްގެ ބެލުމުގެ ދަށުން ގަނޑުވަރަށް ވައްދައި އޭނާ އެތަނުގެ މައުލޫމާތު ދެމުންދާއިރު ތާރީހީ އެތަނުގެ ތަކެއްޗަށް ގެއްލުންދީ ނުވަތަ ވަގަށްނެގުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެކަން އެހެންއޮންނައިރު އެތަން މޮނީޓާ ކުރަން ސީސީޓީވީ ކެމެރާއެއް ހިސާބު ވެސް ހަރުކޮށްފައެއްނެތެވެ.

ތާރީހީ ގޮތުން ވަރަށް މުހިންމު ނަމަވެސް ސެކިއުރިޓޯގޮތުން ދަށް އެގަނޑުވަރާ ގުޅޭ ގޮތުން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުލްލަތީފް އިބްރާހިމް ވިދާޅުވީ އެގަނޑުވަރުގެ ސެކިއުރިޓީ ނުބެލެހެއްޓުމާއި ސީސީޓީވީ ފަދަ ވަސީލަތްތައް ނެތުމަކީ އެތަން ރައްކާތެރިކުރުމަށް އޮތް ބޮޑުގޮންޖެހުމެއް ކަމަށާއި އެކަންތައްތައް އިންތިޒާމްކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގައި އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މީގެ ދުވަސްތަކެއް ކުރިންވާނީ ސެކިއުރިޓީ ކަންކަން ހަމަޖައްސައި ދިނުމަށް އެދިފައި، ނަމަވެސް އެކަން ހަމަޖެހިފައެއްނެތް، އެއީ ކޮންމެހެން މުހިންމުކަމެއް، މިތަން ރައްކާތެރިކުރަން ސެކިއުރިޓީ ވަރަށް މުހިންމު،" ލަތީފް ވިދާޅުވި އެވެ.

އަލިފާން ނިއްވާނެ ފުރިހަަމަ ނިޒާމެއްނެތް!

އުތީމް ގަނޑުވަރުގެ ބޮޑު ބަޔަކީ ފިލައާއި ފަނުން ހަދާފައިވާ ތަނަކަށްވާއިރު އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އެތަން ނެތިދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެކަން އެގޮތަށް އޮތްނަމަވެސް ހިތާމައަކީ އެތާރީހީ ބިނާ އަލިފާނުން ރައްކާތެރި ކުރުމަށް އެކަށޭނެ ނިޒާމެއް ގާއިމް ކުރެވިފައިނެތް ކަމެވެ.

އެގަނޑުވަރުގެ ގައިޑް ޝިޔާމް ވިދާޅުވީ އަލިފާން ނިއްވުމަށް ފޯމްފުޅި ބަހައްޓާފައި ހުރި ނަމަވެސް މުއްދަތުހަމަވާއިރު ވެސް އެފުޅިތައް އާނުކުރާ ކަމަށެވެ. އަދި އެއީ އެފަދަ ތަނެއް ނިއްވާލުމަށް އެކަށޭނެ ނިޒާމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ލަކުޑިއާއި ފަނުން ހަދާފައިވާތަނެއް ނިއްވާނުލެވޭނެ ކުދިކުދި ފުޅިތަކަކުން ދެއްތޯ، އެތަން ނިއްވާލުމަށް ފެންހޮޅި އެޅިފައި ހުންނަން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

ހޫނު ގަދަކަމުން އެތައް ގޮންޖެހުމެއް، އެކަށޭނަ މަރާމާތު ނުކުރެވޭ!

މީގެ ކުރިން އުތީމް ގަނޑުވަރު ހިޔާކޮށްފައިވަނީ "އީޓުން" ނެވެ. ނަމަވެސް މިހާރުވަނީ ޓިނަކަށް ބަދަލުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ހޫނުގަދަ އެވެ. އެކަމުގެ ސަބަބުން އެގަނޑުވަރުގެ އިމާރާތްތަކުގައި ބޭނުންކުރި ހިފާގެންގުޅޭ ސާމާނުތަކަށް ގެއްލުންލިބޭތީ އެތަކެތިތައް ވަނީ އެއިމާރާތުން ނެރެންޖެހިފަ އެވެ.

ހޫނު ގަދަވުމުގެ ސަބަބުން ގަނޑުވަރުގައި ނުބެހެއްޓި ނެރެންޖެހުނު ތަކެތި-- ސަން ފޮޓޯ

ގައިޑް ޝިޔާމް ވިދާޅުވީ އެގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިމާރާތުގެ މައުލޫމާތު ދިނުމަށް ގައިިޑް 20 މިނެޓު ހޭދަވާއިރު އިމާރާތުގެ ތެރޭގެ ހޫނުގަދަވުމުން އެތައް ބަޔަކަށް ކެތް ނުކުރެވި ނުކުމެގެންދާ ކަމަށެވެ.

"ހޫނު ގަދަވުމުން އެތައް ގެއްލުމެއް ލިބޭ، މިޒަމާނަކީ އެތެރެއާއި ބޭރުން އޭސީ ނުފެންނަ ގޮތަށް ފިނިކުރެވޭ ޒަމާން، އެކަހަލަ ނިޒާމެއް ގާއިމްކުރަންޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ވެރިޔާ ލަތީފް ވިދާޅުވީ ހޫނުވާ މައްސަލަ ހައްލުކުރެވޭނީ ފުރާޅު ބަދަލުކޮށްގެން ކަމަށާއި އަދި އެކަން ވެސް ހަމަޖެހޭ ގޮތްނުވާ ކަމަށެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން ގައިޑުންނަށް އެތައް ދަތިތަކެއް ކުރިމަތިވާ އިރު ގައިޑުންނަށް ހާއްސަ ޔުނީފޯމެއް ހެދުމަށް ހުށައެޅުމުން ވެސް އެކަން ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައިޑް ޝިޔާމް ވިދާޅުވީ 500 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އަދި ލަކުޑިއާއި ފަނުން ހަދާފައިވާ އެއިމާރާތްތަކަށް އެތައް މަރާމާތެއް އަބަދުހެން ކުރަންޖެހެ އެވެ. ފަނިފަކްސާތަކުގެ އުނދަގުލާއި ފަން އާކުރުން ފަދަ އެތައްކަމެއް ހަމަޖައްސަންޖެހެ އެވެ. ނަމަވެސް އެކަންކަން ކުރުމަށް އެކަށޭނަ ބަޖެޓާއި އެއްބާރުލުން ނުލިބޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެތައް ބަޔަކަށް ގަނޑުވަރު ކިޔައިދޭން ދެ ގައިޑުން!

ގަނޑުވަރު ބެލުމަށް އެތައް ހާސް ބަޔަކު ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރެ އެވެ. ކޮންމެ ދުވަހަކީ ވެސް ގަނޑުވަރަށް އެތައް ސަތޭކަ ބަޔަކު ޒިޔާރަތްކުރާ ދުވަހަކަށްވާ އިރު މީހުން ވައްދަނީ ޓިކެޓު ވިއްކައިގެން ޓީމްޓީމަށެވެ. ދިވެއްސަކަށް 20 ރުފިޔާއަށް ޓިކެޓު ވިއްކާއިރު ޓޫރިސްޓުންނަށް ވިއްކަނީ 100 ރުފިޔާއަށެވެ. އަގު ނަގައިގެން މީހުން ގަނޑުވަރަށް ވައްދައި އެތަނުގެ މައުލޫމާތު ދިނުމަށް ގައިޑެއް ހުރެ އެވެ.

ގަނޑުވަރުގެ މައުލޫމާތު ދިނުމަށް ބަހައްޓާފައި ވަނީ ދެ ގައިޑުންނެވެ. އެތައް ސަތޭކަ ބަޔަކަށް ކޮންމެ ދުވަހަކު ހިދުމަތްދޭންޖެހޭ އިރު ގައިޑުން މަދުވުމުން އެތައް ގޮންޖެހުމެއް ކުރިމަތިވެ އެވެ. ހުކުރު ދުވަސްނޫން ކޮންމެ ދުވަހަކު އެގައިޑުން މަސައްކަތްކުރަންޖެހޭ އިރު މީހުން ޒިޔާރަތްކުރާ މިންވަރު އިތުރުވުމުން ގަނޑުވަރުގެ މައުލޫމާތު ދިނުމަށް އެކި މަސައްކަތު މީހުން ވެސް ބޭނުންކުރަންޖެހޭ ކަމަށް ގައިޑް ޝިޔާމް ވިދާޅުވި އެވެ.

ކޮންމެ އަކަސް ތާރީހީ ކަންކަމަށް އަޅާނުލައި މިޒަމާނުގައި ދިވެހި ރާއްޖޭގައި މިވަގުތު ހުރި އެންމެ ތާރީހީ އެއްބިނާއަށް މިއޮތީ އަޅާނުލެވި އެވެ. ދިވެހިގައުމަށް މުހިންމު އެބިނާ ރައްކާތެރިކުރުމަށް އެކަށޭނަ އިންތިޒާމްތަކެއް ހަމަޖައްސާފައެއްނެތެވެ. ކުރިމަތިވާ ކަމަކުން ނުވަތަ ބަޔަކު ކުރާކަމަކުން އެތަން ނެތިދިއުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ. ތާރީހަށް ޓަކައިި އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.

އުތީމު ގަނޑުވަރަކީ؟

އުތީމު ގަނޑުވަރަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް ޖިހާދު ކުރެއްވި އުތީމު ތަކުރުފާނުންގެ ބައްޕަ ޙުސައިން ޚަޠީބު ތަކުރުފާނުގެ ގެއެވެ.

އުތީމު ތިންބެއިންނާއި ފާޠިމާފާނު އުޅުއްވާ ބޮޑުފުޅުވީ މިގެކޮޅުގަ އެވެ. އިހުގައި މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައި ހުރީ ބިމަށް ކާނިމުޑިޖަހައި، ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި އަރިވަކަރު އަޅައި އެވަކަރުތަކަށް މެއްލަޖަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ނަމަވެސް ދަމާދޮރު ލާފައި ހުރި ބިތްތައް މިހާރު ވެސް ފެންނަށް އެހުރީ އޭރު ހުރި ގޮތަށް ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައި ހުރީ ބިތްފަނުންނެވެ.

ޕޯޗްކީޒުންގެ ކިބައިން ދިވެހިން ސަލާމަތް ކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ އުތީމް އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް(ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) އާއި، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު އާއި އުތީމު ޢަލީ ތަކުރުފާނެވެ.

comment ކޮމެންޓް