ރާއްޖެއަކީ ތަފާތު ގައުމެކެވެ. އިއްޔެ ވެސް މި ވަނީ އެ ފަދަ ތަފާތު ކަމެއް ހިނގައިފައެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް, ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހު, އުފާވެރި ޚަބަރެއް ލިބުނު ހަމައެކަނި ގައުމަށް ރާއްޖެ އިއްޔެވުން ގާތެވެ. އެއީ މި ސަރުކާރުން ވަރަށް ކެރިގެން އަގު ބޮޑުކުރި ސިނގިރޭޓްގެ އަގު ހެޔޮ ކުރުމާމެދު މަޝްވަރާ ކުރަމުން އަންނަކަން, ދާޚިލީ ވަޒީރު ޢަލީ އިހުސާން ހާމަ ކުރެއްވުމެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރަށް ބަލާއިރު ނިންމުންތައް ބަދަލު ކުރުމަކީ އާ ކަމެއް ނޫނެވެ. އެހެންކަމުން ސިނގިރޭޓްގެ އަގަށް އެ ބަދަލު ގެނައުމަކީ ވުން ވަރަށް ގާތް ކަމެކެވެ. މާނައަކީ އަގު ބޮޑުކުރެއްވި ސިނގިރޭޓް ނިކަން އަވަހަށް ހެޔޮ ކުރައްވަފާނެއެވެ. ނަމަވެސް، ސުވާލަކީ އަސްލު މިކަން މި ކުރަން އުޅެނީ ކީއްވެގެންތޯއެވެ؟
ސިނގިރޭޓްގެ އަގު ހެޔޮ ކުރަން އުޅޭ ކަމުގެ އިޝާރާތެއް, ނުވަތަ އެކަމާ މަޝްވަރާކުރަމުން އަންނަކަން ސަރުކާރުން ހާމަ ކުރުމަކުން ހައިރާން ކަމެއް ނުލިބުނެއެވެ. އެއީ މީގެ ކުރިން މިކަން ހިނގަން އުޅޭ ކަމުގެ އިޝާރާތްތަކެއް ފެނިފައިވާތީއެވެ. އެކިއެކި ވިޔަފާރިވެރިންގެ ފަރާތުން މިކަން ކުރަން ޖެހޭ ވާހަކަ ދެއްކުމުގެ ރިކުއެސްޓްތައް ލިބޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ދިރާސާތައް ކުރާ މީހުންގެ ނަމުގައި މިކަމަށް ވަކާލާތު ކުރާ މީހުން ބައްދަލު ކުރާތާ ވެސް ދުވަސްކޮޅެއްވެއްޖެއެވެ. ނަމަވެސް، ދުންފަތަކީ މަދު ބަޔަކަށް މާލީ ފައިދާއެއް ލިބޭ ކަމަކަށް ވިޔަސް, މިއީ މުޅި މުޖުތަމައުއަށް އޮތް ބޮޑު ނުރައްކަލަކަށް ވާތީ އެކަމަށް އެއްވެސް އެއްބާރުލުމެއް ނުދެމެވެ. ނޫސްވެރިންނަށް މި މައުލޫމާތުތައް ލިބި ނޫސްވެރިންގެ ބައްދަލުވުމުގައި ސީދާ ރައީސާ ވެސް މި ސުވާލު ކުރިމަތި ކުރުވައިފިއެވެ. އެ ސުވާލުތަކަށް މިދިޔަ މަހު ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަގު ބޮޑުކުރި ސިނގިރޭޓްގެ އަގު ހެޔޮ ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.
ނަމަވެސް، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އިއްޔެ ދެއްކި ވާހަކަފުޅަކުން މިކަމާ ގުޅޭގޮތުން އެތައް ސުވާލެއް މިވަނީ އުފެދިފައެވެ. ސިއްހީ ވަޒީރު ވެސް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އިހުސާން ވިދާޅުވި ގޮތުގައި، ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފައިވާ ލަފައެއްގެ މައްޗަށް ބިނާކޮށް ނިންމަން އުޅޭ ނިންމުމެކެވެ.
އެއާއެކު އެންމެ ގިނަ ބަޔަކު އުފެއްދި ސުވާލަކީ ޑަބްލިޔުއެޗްއޯއިން މިފަދަ ލަފައެއް ހަމަ ދީފާނެބާއެވެ؟ ނޫނީ ދިން ލަފައެއްގެ ބައެއް ސަރުކާރުން ހާމަ ކުރީބާއެވެ؟ ކޮންމެއަކަސް މިކަމާ ގުޅޭގޮތުން ޑަބްލިޔުއެޗްއޯގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދިނުމަކީ އާއްމުކޮށް އެ ޖަމިއްޔާއިން ކުރާ ކަމެއް ވެސް ނޫނެވެ.
ކޮންމެ އަކަސް, ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ވިސްނަމުންދާކަން ހާމަކުރުމާ އެކު، މުޅި ގައުމުގައި މިވަނީ މުހިންމު ބަހުސެއް ފެށިފައެވެ. ރާއްޖެއަށް ސިއްރިއްޔާތުގައި އެތެރެކުރާ ގަވާއިދާ ޚިލާފު ދުންފަތުގެ ބާވަތްތައް އިތުރުވުމަކީ ސީރިއަސް މައްސަލައެއް ކަމުގައިވިޔަސް، އޭގެ ހައްލަކީ ސިނގިރޭޓު އަގުހެޔޮކުރުން ކަމަށް ބަލައިގަނެވޭކަށް ނެތެވެ. އެތައް އަހަރެއް ވަންދެން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ޓެކްސް ބޮޑުކުރުމާއި، ގަވާއިދުތައް ހަރުކަށިކުރުމާއި، އާންމުން ހޭލުންތެރިކުރުމުގެ އިތުރުން ދުންފަތުގެ ނުރައްކާތެރިކަމުގެ އިންޒާރުތައް ދިނުން ހިމެނެއެވެ. މި ހުރިހާ ފިޔަވަޅެއް ވެސް ބިނާވެފައިވަނީ ދުނިޔޭގެ ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރާ ސާފު ހަގީގަތެއްގެ މައްޗަށެވެ. އެއީ ސިނގިރޭޓުގެ އަގު ބޮޑުވި ވަރަކަށް، އެ ބޯ މީހުންގެ އަދަދު މަދުވާނެކަމެވެ.
"އަޅުގަނޑަށް ހަމަ ގަބޫލެއް ނުކުރެވޭ ޑަބްލިޔުއެޗްއޯއިން މި ގޮތަށް ލަފާ ދީފާނެ ކަމަކަށް. ދިން ލަފައެއްގެ ބައެއް ހާމަ ކުރަނީ ކަމަށް ވެދާނެ. ނޫނީ ސަރުކާރުގެ ކުރީގެ ނިންމުން ބަދަލު ކުރަން ޑަބްލިޔުއެޗްއޯއިން އޭރު ދިން ލަފައެއް ބޭނުން ކުރަނީ ކަމަށް ވެދާނެ," ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ވަރަށް ތަޖުރިބާ ކާރު ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.
އަސްލު މި މައްސަލައިގެ ފެށުން ގުޅިފައިވަނީ ދާދި ފަހުން ރާއްޖޭގައި ތަންފީޒުކުރަން ފެށި ހަރުކަށި ސިޔާސަތުތަކާއެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު, 2024 ވަނަ އަހަރުގެ ފަހުކޮޅު، ދިވެހި ސަރުކާރުން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ތާރީޚީ ފިޔަވަޅުތަކެއް އަޅާފައެވެ. ނޮވެންބަރު 15، 2024 ގައި ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، އަދި ޑިސެންބަރު 15، 2024 އިން ފެށިގެން ވޭޕް ބޭނުންކުރުމާއި ވިއްކުން ވަނީ މުޅިން މަނާކޮށްފައެވެ. ހަމައެއާއެކު، ނޮވެންބަރު 1، 2024 އިން ފެށިގެން ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 3.50 ރުފިޔާއިން 8.00 ރުފިޔާއަށް ބޮޑުކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 110 ރުފިޔާއަށް ލިބެން ހުރި ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއަށް އުފުލިގެން ދިޔައެވެ. މީގެ އިތުރުން ޖަނަވަރީ 1، 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ގާނޫނެއް ވެސް ވުޖޫދަށް ގެނެވުނެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކަށްވީ ވޭޕް މަނާކުރުމާއެކު ގިނަ ބަޔަކު ކުއްލިއަކަށް ސިނގިރޭޓަށް އެނބުރުން ހުއްޓުވުމާއި، އަންނަން އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކުރުމެވެ.
"ޑަބްލިޔުއެޗްއޯއިން އަބަދު ވެސް ލަފާ ދޭނީ ސިނގިރޭޓްފަދަ ތަކެތި އަގު ބޮޑު ކުރާއިރު ވަކި ނިސްބަތަކުން އެކަން ކުރަން. އެކަމަކު މި ސަރުކާރުން ތިން ރުފިޔާ ބައިން އަށް ރުފިޔާއަށް ކުއްލިއަކަށް އެހާ ބޮޑު ޖަންޕެއް ގެނައީ ސިއްހީ ތަޖުރިބާކާރުން ނޫނީ ހެލްތު މިނިސްޓްރީން ދިން އަދަދަކަށް ނޫން. އެއީ ސަރުކާރުގެ ނިންމުމެއް. ވުން ގާތް މިހާރު މިއުޅެނީ އެ އަދަދު މާ ބޮޑު ކުރެވުމުން ކުޑަ ކުރަން ކަމަށް. އެކަމަކު ދެން އެކަން ކޮށްގެން އެކަން ކުރި މަގުސަދާ ދިމާ އިދިކޮޅަށް ކަންކަން ދާނީ," އިތުރު ސިއްހީ ތަޖުރިބާކާރަކު ހަމަ ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ފޮށިތަކެއް ނައްތާލުން --- ސަން ފޮޓޯ/ މާނިއު މުހައްމަދު
ސިނގިރޭޓް އަގު ބޮޑު ކުރަން ސަރުކާރުން ނިންމި މި ބަދަލުތަކާއެކު ރާއްޖޭގައި ވަނީ ސިނގިރޭޓުގެ ބޮޑު ބްލެކް މާކެޓެއް އުފެދިފައެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށްވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓުގެ އަދަދު ވަނީ މާ ބޮޑަށް އިތުރުވެފައެވެ. މިގޮތުން ހުޅުމާލޭ ޕޯޓުން 13.6 މިލިއަން ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައަކާއި، 2026 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެކަނި ވެސް 2.3 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތް މައްސަލަ ފާހަގަކޮށްލެވެއެވެ. ރަސްމީކޮށް އެތެރެކުރާ މިންވަރު ދަށްވުމުން ސިނގިރޭޓް ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއަށް ލިބޭ އާމްދަނީ ވަނީ 95 އިންސައްތަ ދަށަށް ގޮސްފައެވެ.
"އަސްލު މި ބަދަލާއެކު މިވީ ގޮތަކީ ސިނގިރޭޓް މަދެއް ނުވި. އޮޅައިގެން ވެސް ބޮނީ. އެ މަގުސަދު ވެސް ހާސިލެއް ނުވި. އެކަމަކު ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވީ ވަގު ސިނގިރޭޓްގެ ސަބަބުން. އެހެންވެ ސިނގިރޭޓްގެ ޑިއުޓީ ރޭޓަށް ބަދަލު ގެންނަން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ," ފިނޭންސްގެ އިސް އޮފިޝަލަކު 'ސަން'އަށް މިކަން ޔަގީން ކޮށްދެއްވަމުން ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާންމުކޮށް ލަފާދެނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށެވެ. އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުތަކަށް ބޭނުންކުރެވޭނެ އެންމެ ކާމިޔާބު އެއް ހަތިޔާރަކީ ޓެކްސް ބޮޑުކުރުމެވެ. ޑަބްލިއުއެޗްއޯއިން އަބަދު ވެސް ލަފާދެނީ ސިނގިރޭޓުގެ ރީޓެއިލް އަގުގެ މަދުވެގެން 70 އިންސައްތައަކީ ޓެކްސް ކަމުގައި ހެދުމަށެވެ. މިއީ ހަމައެކަނި ނަޒަރިއްޔާތެއް ނޫނެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި އެތައް އަހަރެއް ވަންދެން ކޮށްފައިވާ ތަޖުރިބާތަކުން ސާބިތުވާ ކަމެކެވެ. މިސާލަކަށް، ކޮލަމްބިއާގައި 2016 އިން 2018 އަށް ސިނގިރޭޓުގެ ޓެކްސް ތިންގުނަ ބޮޑުކުރުމުން، ސިނގިރޭޓު ބޯ މިންވަރު 34 އިންސައްތަ ދަށަށް ދިޔައެވެ. އަދި ހަމައެއާއެކު ދުންފަތުގެ ޓެކްސްއިން ސަރުކާރަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވިއެވެ. މީގެ މާނައަކީ ޓެކްސް ބޮޑުކުރުމުން ދައުލަތުގެ މާލިއްޔަތަށް ގެއްލުމެއް ނުވެ، އާންމު ސިއްހަތު ރައްކާތެރިކުރެވޭ ކަމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ދަ ޓޮބޭކޯ އެޓްލަސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ދުންފަތުގެ އަގު 10 އިންސައްތަ ބޮޑުކުރުމުން، މުއްސަނދި ގައުމުތަކުގައި ދުންފަތް ބޭނުންކުރާ މިންވަރު ހަތަރު އިންސައްތަ ދަށަށް ދެއެވެ. އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި މި ނިސްބަތް ފަސް އިންސައްތައަށް ދަށަށް ދެއެވެ. ޚާއްސަކޮށް ޒުވާނުންނަކީ އަގަށް އަންނަ ބަދަލުތަކަށް ވަރަށް ނާޒުކު ބައެކެވެ. ގިނަ ގައުމުތަކުން ދުންފަތުގެ ޓެކްސް ކުޑަކުރުމުގެ ބަދަލުގައި މެދުކެނޑުމެއްނެތި ޓެކްސް ބޮޑުކުރަމުން ދަނީ މި ސަބަބާ ހުރެއެވެ. ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުން ހުއްޓުވުމަށް އޮތް އެންމެ ބާރުގަދަ އެއް ވަސީލަތަކީ އަގުބޮޑުކުރުންކަން ސަރުކާރުތަކަށް އެނގެއެވެ. އެހެންކަމުން އުފެދޭ ސުވާލަކީ، އަގުބޮޑުވުމުން ސިނގިރޭޓު ބޯ މިންވަރު މަދުވާނަމަ، އަގުހެޔޮކުރުމުން ވާނީ ކިހިނެއްތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. ސިނގިރޭޓު ގަންނަން ފަސޭހަވާނެއެވެ. ގިނަ ބަޔަކަށް ސިނގިރޭޓު ގަނެވޭނެއެވެ. ގިނަ ޒުވާނުންނަށް ސިނގިރޭޓު ބޯން ތަޖުރިބާކުރެވޭނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ނިކޮޓީންއަށް އެޑިކްޓްވާ މީހުން ގިނަވާނެއެވެ.
ޓެކްސް ކުޑަކުރުމަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އަގުބޮޑުވުމަކީ ވަގަށް މުދާ އެތެރެކުރުމާއި ގަވާއިދާ ޚިލާފު ދުންފަތުގެ ވިޔަފާރި ފުޅާވުމަށް މަގުފަހިވި ކަމެކެވެ. މި ކަންބޮޑުވުމަކީ ދޮގުކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ކަސްޓަމްސްއިން ދާދި ފަހުން އަތުލައިގަތް އެތައް މިލިއަން ސިނގިރޭޓަކީ މީގެ ހެއްކެކެވެ. ނަމަވެސް، ވަގަށް މުދާ އެތެރެކުރުމަކީ އަސާސީ ގޮތުން ގާނޫނު ތަންފީޒުކުރުމުގެ ނިޒާމުގައި ހުރި ބާގަނޑުތަކެއްގެ ސަބަބުން ދިމާވާ މައްސަލައެކެވެ. އެއީ ސިނގިރޭޓު އަގުހެޔޮކުރުމަށް އާންމު ސިއްހަތުގެ ނަޒަރުން ދެއްކޭނެ އުޒުރެއް ނޫނެވެ. ވަގު ވިޔަފާރިކުރާ މީހުން ކާމިޔާބުކަމާއެކު އެކަން ކުރާނަމަ، އޭގެ ހައްލަކަށް ވާންޖެހޭނީ ބޯޑަރު ކޮންޓްރޯލް ވަރުގަދަކުރުމާއި، ކަސްޓަމްސްގެ އޮޕަރޭޝަންތައް ހަރުދަނާކުރުމާއި، އަދަބުތައް ބޮޑުކުރުމާއި، އިންޓެލިޖެންސް މައުލޫމާތު ހޯދުން ރަނގަޅުކުރުމެވެ. ދުންފަތުގެ ޓެކްސް ކުޑަކުރުމަކީ، ކަމާބެހޭ ފަރާތްތަކުން ނައްތާލަން މަސައްކަތްކުރާ ވަގު ވިޔަފާރިވެރިންނަށް ދެވޭ އިނާމަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
ރާއްޖެއަކީ މިހާރުވެސް ގައިންގަޔަށް ނާރާ ބަލިތަކުގެ ބޮޑު ބުރައެއް އުފުލަމުންދާ ގައުމެކެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކާއި، ކެންސަރާއި، ނޭވާލާ ނިޒާމުގެ ބަލިތައް ހިމެނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ މިފަދަ ގިނަ ބަލިތަކަށް ސީދާ މަގުފަހިކުރާ ކަމެކެވެ. މިއަދު އަލަށް ސިނގިރޭޓު ބޯން ފަށާ ކޮންމެ މީހަކީ، މާދަމާ ބޮޑު ޚަރަދެއްކޮށްގެން ފަރުވާދޭންޖެހޭ ބަލިމީހަކަށް ވުމުގެ ފުރުސަތު އޮތް މީހެކެވެ. ދުންފަތުގެ ޓެކްސްއާ މެދު ބަހުސްކުރާއިރު، ހަމައެކަނި ސަރުކާރަށް ލިބޭ އާމްދަނީއަށް ނުވަތަ ފިހާރަތަކުގައި ހުންނަ އަގުތަކަށް ސަމާލުކަން ދިނުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް ސިނގިރޭޓު ބުއިމުގެ ހަގީގީ އަގު އަދާކުރަންޖެހެނީ ހޮސްޕިޓަލުތަކުގެ ވޯޑުތަކުގައާއި، ބޭސްފަރުވާގެ ބިލުތަކުންނާއި، ގެއްލިގެންދާ އުފެއްދުންތެރިކަމުންނާއި، އަވަހަށް ނިމިގެންދާ ފުރާނަތަކުންނެވެ.
މީގެ އިތުރުން ސިޔާސަތުތަކުގެ އެއްގޮތްކަމާ މެދު ވެސް މުހިންމު ސުވާލެއް އުފެދެއެވެ. އެތައް އަހަރެއް ވަންދެން ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނަށް ބުނަމުން އައީ ދުންފަތަކީ ގެއްލުންހުރި އެއްޗެއް ކަމަށާއި، ސިނގިރޭޓު ބުއިމަކީ މީހާ މަރުވުމަށް މަގުފަހިކުރާ ކަމެއް ކަމަށެވެ. އާންމު ކެމްޕޭންތަކުގައި މީހުންނަށް ހިތްވަރު ދިނީ ދުންފަތާ ދުރުވުމަށެވެ. ސިއްހީ އިންޒާރުތައް ވަނީ މާބޮޑަށްވެސް ހަރުކަށިކޮށްފައެވެ. މިހާރު ކުއްލިއަކަށް ސިނގިރޭޓު ގަންނަން ފަސޭހަވާ ގޮތަށް އަގުހެޔޮކޮށްފިނަމަ، އޭގެން އާންމުންނަށް ދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟ އާންމު ސިއްހަތުގެ ސިޔާސަތުތައް މިސްރާބު ހިފަންޖެހޭނީ އެއް ދިމާލަކަށެވެ. ސިނގިރޭޓު ބުއިމަކީ ނުރައްކާތެރި ކަމެއްކަމަށް ރައްޔިތުންނަށް ބުނެދެމުން، ހަމައެއާއެކު ސިނގިރޭޓު ގަންނަން ފަސޭހަވާނެ ސިޔާސަތުތަކެއް އެކުލަވާލުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ.
ރާއްޖެއަށް ވަގަށް ދުންފަތް އެތެރެކުރުމާއި ގަވާއިދާ ޚިލާފު ވިޔަފާރީގެ މައްސަލައަށް ސަރުކާރުން ކޮންމެހެން ވެސް ހައްލެއް ހޯދަންޖެހެއެވެ. ނަމަވެސް، އެކަން ކުރަންވާނީ، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް އޮތް އެންމެ ކާމިޔާބު އެއް ހަތިޔާރު ބަލިކަށިނުކޮށެވެ. ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ ކުރިމަތީގައި މިއަދު އޮތް އިޚުތިޔާރަކީ ހަމައެކަނި ޓެކްސްގެ މައްސަލައެއް ނޫނެވެ. އެއީ މި ގައުމު ބިނާކުރަން ބޭނުންވަނީ ކޮންކަހަލަ މުސްތަގުބަލެއްތޯ ކުރެވޭ ސުވާލެކެވެ. ސިނގިރޭޓަކީ ފުރާނައަށް އޮތް ނުރައްކަލެއް ކަމަށްވާނަމަ، އެ އަގުހެޔޮކުރުމަކީ ދުވަހަކު ވެސް މައްސަލައިގެ ހައްލަކަށް ނުވާނެއެވެ. ދައުލަތުގެ މުއައްސަސާތަކަށް އޮތީ ބޯޑަރުތައް ބަލަހައްޓައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުން ކަމަށާއި ކަޅު ބާޒާރުގެ ކުރިމަތީގައި އާންމު ސިއްހަތު ގުރުބާންކުރުން ނޫންކަން ކަށަވަރުކުރަން އެބަޖެހެއެވެ.
ހަމަ ގައިމު ވެސް ސިނގިރޭޓްގެ އަގު ހެޔޮކޮށްފި ނަމަ އެ ބޯ މީހުން ވާނީ އިތުރެވެ. ގަންނަ މީހުން އިތުރުވި ވަރަކަށް އެ ފައިދާ ވާނީ އެތެރެކޮށް, ވިޔަފާރި ކުރާ މީހުންނަށެވެ. ޚާއްސަކޮށް ވޭޕްފަދަ ތަކެތި މަނާކޮށްފައި, ސިނގިރޭޓްގެ އަގު ހެޔޮ ކުރުމުން ސިނގިރޭޓް ބޯ މީހުންގެ ނިސްބަތް އިތުރުވާނެކަން އެއީ ދިރާސާއެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރުގެ ފަހުގެ އިޝާރާތަކީ ނުރައްކަލެކެވެ. އެއީ އެކަން ކޮށްގެން ވާނެ ގޮތެއް ނޫނެވެ.