ދުނިޔޭގެ އެންމެ ބޮޑު ހަތަރު ސިޓީއެއްގައި ޑީސެލް އުޅަނދު ދުއްވުން މަނާ ކުރަނީ

ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު ހަތަރު ސިޓީ އެއްގައި ޑީސެލުން ދުއްވާ އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމަށް އެ ސިޓީތަކުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ ސިޓީތަކުގެ ލީޑަރުންގެ މެދުގައި މެކްސިކޯގައި ބޭއްވި ބައްދަލުވުމެއްގައި އެވެ. އެގޮތުން އެފަދަ އުޅަނދު ދުއްވުން މަނާ ކުރަން ނިންމީ، ޕެރިސް އާއި މެކްސިކޯ ސިޓީ އާއި މެޑްރިޑް އަދި އެތެންސްގެ މޭޔަރުންނެވެ.

އެ ފަރާތްތަކުން ބުނީ، 2025ގެ ނިޔަލަށް އެ ސިޓީތަކުގައި ދުއްވާ ޑީސަލް އުޅަނދުތައް ދުއްވުން މަނާކޮށް، ބައިސްކަލް ދުއްވުމާއި ހިނގާފައި އުޅުން ޕްރޮމޯޓް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑީސެލް ނޫން ބާވަތުގެ ހަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ބޭނުންކުރާ ފަރާތްތަކަށް އިނާޔަތެއް ދޭން ނިންމާފައިވާ ކަމަށްވެސް އެ ސިޓީތަކުން ހާމަ ކުރެއެވެ.

މި ހަތަރު ސިޓީން މިގޮތަށް ނިންމާފައިވާއިރު، ދުނިޔޭގެ ބައެއް ބޮޑެތި ސިޓީތަކުގައި ދަނީ ވައި ނުސާފުވެ، ސިއްހީ ބޮޑެތި ބަލިމަޑުކަން ފެތުރެމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ދުނިޔެއިން ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން ތިން މިލިއަން މީހުންނަކީ ވައި ތަޣައްޔަރުވެ، ވިހަ ވައި ފުއްޕާމެއަށް ދިއުމުގެ ސަބަބުން މަރުވާ މީހުން ކަމަށެވެ.

ވައި ސާފުކޮށް ބެހެއްޓުމަށްޓަކައި މި ސިޓީތަކުން މިފަދަ ކަމެއް ކުރަން ތައްޔާރުވެފައިވާއިރު، ދުނިޔޭގެ އިތުރު ސިޓީތަކަކުން ވެސް ޑީސެލް އަޅާ އުޅަނދުތައް ދުއްވުން މަނާ ކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް