މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑެއް މަރާލުމާ ގުޅިގެން ހަމަނުޖެހުން ހިންގަނީ

މެކްސިކޯގައި ހިންގި ހަމަނުޖެހުންތަކުގައި ސުޕަމާކެޓަކަށް ގެއްލުން ދީފައި. ފޮޓޯ/އޭޕީ

މެކްސިކޯގެ އެންމެ ނުރައްކާތެރި އެއް މަސްތުވާތަކެތީގެ ނެޓްވޯކް ކަމަށްވާ "ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް" ގެ މޭސްތިރި، ނެމެސިއޯ އޮސެގުއޭރާ ސާވަންޓެސް، އެ ގައުމުގެ ސިފައިން މަރާލުމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިއްޖެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ސްޓޭޓްތަކުގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.

“އެލް މެންޗޯ” ގެ ނަމުން މަޝްހޫރު ނެމެސިއޯ ރޫބެން އޮސެގުއެރާ ސެރްވާންޓޭސް އަކީ މެކްސިކޯގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުށްކުރާ ނެޓްވޯކްތަކުގެ ތެރެއިން އެއް ނެޓްވޯކްގެ ވެރިޔާއެވެ.

އޭނާ މަރާލާފައިވަނީ އޭނާގެ އުފަން ސްޓޭޓް ޖަލިސްކޯގައި މެކްސިކޯގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައެެވެ.

އޭނާ މަރާލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކާޓޭލްގެ މެމްބަރުން ވަނީ މަގުތައް ބަންދުކޮށް ވެހިކަލްތަކުގައި އަލިފާން ރޯކޮށް ހަމަނުޖެހުން ހިންގަން ފަށާފައެވެ.

ވިހި ސްޓޭޓަކުން ބަންދުކުރި 250 އަށްވުރެ ގިނަ މަގުތައް އަލުން ހުޅުވާފައިވާ ކަމަށް މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް ވަނީ އިއުލާނުކުރައްވާފައެވެ.

ޖަލިސްކޯ ސްޓޭޓްގެ ވެރިރަށް އަދި މެކްސިކޯގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގުއަޑަލަޖާރާ އިއްޔެ އެއްކޮށް އޮތީ ބަންދުކޮށްފައެވެ. ސުޕަމާކެޓްތަކާއި ބޭންކުތަކަށްވެސް ގެއްލުން ދީފައިވާއިރު، ޖަލިސްކޯ ސްޓޭޓްގައި ހުރި ސަރުކާރުގެ 20 ބޭންކެއްގައި ވަނީ ހުޅުޖަހާފައެވެ.

ގުއަޑަލަޖާރާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތަކަށް ބުރޫއަރައި، ފްލައިޓްތައް އެހެން އެއާޕޯޓުތަކަށް ވަނީ ބަދަލުކޮށްފައެވެ.

ހަމަނުޖެހުންތަކުގައި ވެހިކަލެއްގައި ހުޅުޖަހައި އަންދާލާފައި. ފޮޓޯ/އޭޕީ

ޖަލިސްކޯ، މިޗޯއާކަން އަދި ގުއަނަޖުއާޓޯގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ނޭޝަނަލް ގާޑްގެ ހަތް ސިފައިން ހިމެނެއެވެ.

މެކްސިކޯގެ ޑިފެންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އެލް މެންޗޯ މަރުވީ އޭނާ ގޮވައިގެން މެކްސިކޯ ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

އެލް މެންޗޯ އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނަށް އެމެރިކާއިން ޖާސޫސީ އެހީތެރިކަން ފޯރުކޮށްދިންކަން ވައިޓް ހައުސްއިން ވަނީ ހާމަކޮށްފައެވެ.

އެލް މެންޗޯ އަކީ މެކްސިކޯގެ އިތުރުން އެމެރިކާއިންވެސް ހޯދަމުންދިޔަ ނުރައްކާތެރި މީހެއް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެލް މެންޗޯ އަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ނުރައްކާތެރި އެއް ކުށްވެރިޔާގެ ގޮތުގައި ބެލެވުނު މީހެކެވެ. އޭނާ ހައްޔަރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާ ސަރުކާރުން 15 މިލިއަން ޑޮލަރުގެ އިނާމެއް ވެސް އޮތީ ހުށަހަޅާފައެވެ.

އޭނާގެ ޖަލިސްކޯ ކާޓޭލަކީ އަސްކަރިއްޔާއަށް ހަމަލާ ދިނުމުގެ އެންމެ ކުރީގައި އޮތް ކާޓޭލްއެވެ. މެކްސިކޯގެ ކުރީގެ ފުލުހުން ވެރިޔާ އަދި މިހާރުގެ ފެޑެރަލް ސެކިއުރިޓީ ސެކްރިޓީ އަވާހަރަކޮށްލުމުގެ މަސައްކަތްވެސް 2020 ވަނަ އަހަރު އެ ކާޓޭލްއިން ވަނީ ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް