ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މެންބަރުކަމުން ދެކުނު އެފްރިކާ ވަކިވެއްޖެ

ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާ

ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ބަލައި ތަހްގީގުކޮށް ހުކުމްކުރާ ބައިނަލްއަގްވާމީ ކޯޓު ކަމަށްވާ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަލިވުމަށް ދެކުނު އެފްރިކާއިން ނިންމައި އެކަން މިހާރު ވަނީ އިޢްލާންކޮށްފަ އެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުޢާހަދާއިން ވަކިވިކަން ނިންމައިއެކަން އިޢްލާން ކުރުމަށް ދެކުނު އެފްރިކާ އިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި އެކޯޓުގެ "އުނދަނގޫ" އެގައުމަށް ބޮޑުވެފައިވާކަން ބަޔާންކޮށްފައިވެ އެވެ. އަދި ސުލްޙަވެރިކަމާ އެކު ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރުމަށް ދެކުނު އެފްރިކާ ސަރުކާރުން ގެންގުޅޭ ޑިޕްލޮމެޓިކް އުސޫލުތަކާ އެފަދަ މައްސަލަތަކުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ގެންގުޅޭ ހަރުކަށި ގޮތްތައް ދިމާނުވާތީ ދެކުނު އެފްރިކާގެ ސަރުކާރަށް ދަތިތަކެއް ތަހައްމަލް ކުރަންޖެހިފައިވުމަކީ އެކޯޓުގެ މުޢާހަދާއިން ވަކިވުމަށް ނިންމި މައިގަނޑު ސަބަބު ކަމަށްވެސް ބުނެފައިވެ އެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ ބަލިކަށި އަދި ފަގީރު ގައުމުތަކުގެ ލީޑަރުންގެ މައްޗަށް ކުރެވޭ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުތައް ބަލައި ތަހްގީގް ކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކާއި ރަޝިޔާ އާއި އިސްރާއިލުފަދަ ބާރުގަދަ ގައުމުތަކުގެ ލީޑަރުން ހިންގާކަމަށް ތުހުމަތު ކުރެވޭ ޖަރީމާތަކާއި އިންސާނީ ހައްގުތަކުގެ މައްސަލަތައް އަޅާނުލައި ދޫކޮށްލާ އިންސާފުނެތް ކޯޓެކެވެ.

ދެ ހާސް ބާރަ ވަނަ އަހަރު އުފެއްދި މިކޯޓު ވުޖޫދަށް އައީވެސް ފަގީރު އަދި ނިކަމެތި ގައުމުތަކުގެ ސޮއި އެކޯޓު އުފެއްދުމުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަން އަށް ލިބިގެންނެވެ. ނަމަވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު ވުޖޫދަށް އައުމާ އެކު އެކޯޓުން ފުރަތަމަވެސް ގެންގުޅެންފެށީ ފަގީރު އަދި ކުދި ގައުމުތަކުގެ ލީޑަރުން ހިންގާ ޖަރީމާތަކުގެ މައްސަލަތައް ބެލުމާއި އެމެރިކާފަދަ މުއްސަނދި ބާރުގަދަ ގައުމުތަކުގެ ލީޑަރުން އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި ހިންގާ ޖަރީމާތަކަށް ލޯމަރާލުމުގެ އުސޫލެވެ.

ނަތީޖާއަކަށްވީ އެކޯޓުގެ އަމުރުތަކަށް ކުދި އަދި ފަގީރު ގައުމުތަކުން ބޯނުލެނބުގެ މައްސަލަ އެވެ. މިގޮތުން ސޫދާނުގެ ދާރުފޫރުގައި ހިނގަމުންދާ ނަސްލީ ތަޅާފޮޅުންތަކާ ގުޅިގެން ސޫދާނުގެ ރައީސް އުމަރުލްބަޝީރުގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމަށް ތުހުމަތުކޮށް ބަޝީރު ހައްޔަރު ކުރުމުގެ އަމުރު ނެރުނެވެ.

ނަމަވެސް އަރަބި ބައެއް ގައުމުތަކާއި އޭޝިޔާގެ ބައެއް ގައުމުތަކާއި އެފްރިކާގެ ގިނަ ގައުމުތަކުންވަނީ އެއަމުރަކީ ބޭއިންސާފު އަމުރެއްކަމަށް ބަލައި ބަޝީރު އެގައުމުތަކަށް ވަޑައިގަތުމުންވެސް ބަޝީރަށް މަރްހަބާ ކިޔާފަ އެވެ. އަދި ބަޝީރު ހައްޔަރު ކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރަށް ފާޅުގައި ގޮންޖަހައި ބަޝީރު ހައްޔަރު ކުރުމަށް ދެކޮޅު ހަދައިފަ އެވެ.

މިގޮތަށް ބަޝީރު ހައްޔަރު ކުރުމަށް ދެކޮޅު ހެދި އެއްގައުމަކީ ދެކުނު އެފްރިކާ އެވެ. ދެކުނު އެފްރިކާގެ ރައީސް ޖާކޯބް ޒޫމާ ދާދިފަހުން ވިދާޅުވެފައި ވަނި ބަޝީރު ހައްޔަރު ކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރަށް ގޮންޖަހައި އެއަމުރާ ޚިލާފަށް އޭނާގެ ސަރުކާރުން އަމަލުކުރުމުން އެކޯޓުގެ ފަރާތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި ކަމަށާ އެކޯޓުން ވަކިވުމާމެދު އޭނާގެ ސަރުކާރުން ވިސްނަން ފެށީ އެހިސާބުން ކަމުގަ އެވެ.

މީގެއިތުރުން އެފްރިކާގެ އެހެން ލީޑަރެއް ކަމަށްވާ ކެންޔާގެ ރައީސް އޮހޯރޯ ކެންޔާޓާގެ މައްޗަށްވެސް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ކުރުމަކީ ދެކުނު އެފްރިކާގެ ރައީސް ޒޫމާ ކޯފާ އެކޯޓަށް އަމާޒުވި އެއްސަބަބެވެ.

ދެކުނު އެފްރިކާގެ އިތުރުން އެފްރިކާގެ އެހެން ގައުމެއް ކަމަށް ބުރުންޑީ ވެސް ވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާތީ އެކޯޓުގެ މުއާހަދާއިން (މީގެ ދެހަފްތާ ކުރިން) ވަކިވެފަ އެވެ. އަދި އެފްރިކާގެ އެހެން ބައެއް ގައުމުތައްވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުޢަހަދާއިން ވަކިވުމާމެދު ވިސްނަމުންދާކަން ވަނީ ހާމަކޮށްފަ އެވެ.

ދެކުނު އެފްރިކާގެ މިނިންމުމާ ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަނީ އެކަމާމެދު ވަރަށްބޮޑަށް ހިތާމަ ކުރާކަމަށް ބުނެފަ އެވެ. އަދި ގައުމުތަކުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާއިން ވަކިވަމުންދާނަމަ އެކޯޓު އުވިދާނެކަމުގެ ބިރު ބޮޑުކަމަށް ވެސް އެކޯޓުން ނެރުނު ބަޔާން ބުނެއެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ބައިވެރިވާ ގައުމުތައް 60 އަށް ވުރެ މަދުވެއްޖެނަމަ އެކޯޓު އުވިގެންދާނެ އެވެ.

ބައިނަލްއަގްވާމީ މުޖްތަމައުގައި ހުރިހާ މުއައްސަސާ ތަކަކަށްވުރެ ދައުލަތްތަކުގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތުގެ ބާރު މާގަދަ އެވެ. ޚުދު ބައިނަލްއަގްވާމީ މުއައްސަސާއަކަށް އެތަނެއް ވަނީ ވެސް މިނިވަން މުސްތަގިއްލު ގައުމުތަކުން އެމުއައްސަސާއެއްގައި ބައިވެރިވުމުންނެވެ. އެމުއްސަސާއަކުން ގައުމުތައް ވަކިވެއްޖެ ނަމަ އެތަނެއް އުވިގެން ދިޔުން ނޫންއެހެން ގޮތެއް ބައިނަލްއަގްވާމީ ގާނޫނުގައި ނޯވެ އެވެ.

ހާލަތު މިހެންހުރިއިރު ބައިނަލްއަގްވާމީ މުޖްތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހަމަހަމަކަމާއި އިންސާފުނެތުމުގެ މައްސަލައެވެ. ބޮޑުމަސް ކުޑަމަސް ކާލާ އުސޫލު ބަދަލުނުވުމެވެ. ބޮޑެތި ގައުމުތަކުން އިންސާނުންނާ ދެކޮޅަށް ކޮންމެފަދަ އަނިޔާއަކާއި ޖަރީމާތަކެއް ހިންގިޔަސް އެއީ ކަމަކަށް ނުވެފައި ކުޑަގައުމަކުން ކަމެއް ކުރާއިރަށް އެއީ މާބޮޑުކަމަކަށްވެ އެގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި އިންސާނީ ހައްގުތަކަށް އަރައިގަންނަކަމާއި ޑިމޮކްރަސީއަށް އިހްތިރާމް ނުކުރާ ކަމުގެ ތުހުމަތު އެގައުމަކާ ދެކޮޅަށް ކުރާގޮތް ވުމެވެ.

އދ. އަކީ ވެސް އަދި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ ވެސް އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ކައުންސިލް އަކީ ވެސް އެނޫން ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަކީ ވެސް ކުދި ގައުމުތަކާ ދެކޮޅަށް ގަފަދަ ކަން ދައްކަމުންގެންދާ ނަމަވެސް ބޮޑެތިބާރުގަދަ ގައުމުތަކާ ޖެހުނީމާ ޗުއްޕުވެސް ބުނަންނުކެރޭ ބާވަތުގެ މުއައްސަސާތަކެވެ. ނަމަވެސް އެމުއްސަސާތަކަށް ދެމިއޮވެވެނީ ކުދި އަދި ފަގީރު ގައުމުތަކުގެ ވެސް ތާއީދާ އެއްބާރުލުން ލިބިގެންނެވެ. ދުނިޔޭގައި ގިނައީ ކުދި އަދި ފަގީރުގައުމުތައް ކަމަށްވާތީ އެގައުމުތައް ވަކިވެއްޖެ ނަމަ އދ.ވެސް އުވޭނެ އެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓާއި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ކައުންސިލް ވެސް އުވިގެންދާނެ އެވެ.

comment ކޮމެންޓް