ރިޝްވަތުގެ މައްސަލައެއްގައި ބްރެޒިލްގެ ކުރީގެ ރައީސް 10 އަހަރަށް ޖަލަށް!

ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނޯޝިއޯ ލޫލާ ޑަ ސިލްވާ --- ފޮޓޯ: ދަ ނިޔު ޔޯކް ޓައިމްސް

ބްރެޒިލްގައި 2003 ން 2010 ށް ވެރިކަންކުރެއްވި ލުއިޒް އިނޯޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް އެގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ.

ޑަ ސިލްވާއަށް ކޯޓުން ވަނީ މަނީލޯންޑަރިންގް އަދި ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާތީ 10 އަހަރުގެ ޖަލު ހުކުމެއްކޮށްފައެވެ. މިއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެގައުމުގެ އިސްމަގާމެއް ފުރުއްވި ބޭފުޅަކަށް މިވަރުގެ އަދަބެއް ދެވުނު ފުރަތަމަ ފަހަރެވެ.

ކޯޓުން ޑަ ސިލްވާގެ މައްޗަށް ކޮށްފައިވާ ހުކުމުގަ ވަނީ އޭނާ އެގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު ބާރާއި ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް ފައިދާކުރާނޭހެން ބީޗްފްރަންޓް ހައުސިންގް ޕްރޮޖެކްޓެއް ވަކި ކުންފުންޏަކާ ހަވާލުކުރެއްވިކަމާއި އަދި މިކަމުން 1.1 މިލިއަން ޑޮލަރު އޭނާއަށް ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ކަމުގެ ކުށް ސާބިތުވެފައިވާތީ ކަމަށެވެ.

އަދި މީގެ އިތުރުން ޑަ ސިލްވާ ފައިދާ ހޯދައިދިން ކުންފުންޏަށް ފައިދާކުރާނޭހެން އެގައުމުގެ ސަރުކާރު ހިއްސާކުރާ ތެޔޮކުންފުނި ޕެޓްރޯބްރާޒް އިންވެސް ވަނީ ވިޔަފާރީގެ މުއާމަލާތެއް ކޮށްްފައެވެ.

ކޯޓުން ޑަ ސިލްވާގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވީ ކަމުގައިވިޔަސް އެމައްސަލަ އިސްތިއުނާފްގެ މަރުހަލާއަށް ހުށައެޅުމުގެ ހައްގު އޭނާއަށް ލިބިފައިވެއެވެ.

އަންނަ އަހަރު އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވިދާޅުވެފައިވާ ޑަ ސިލްވާއަށް އިންތިހާބުގައި ގާނޫނީ ގޮތުން ބައިވެރިވުމުގެ ފުރުޞަތެއް ނެތްކަމުގައި އޭނާގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރު ސާޖިއޯ މޯރޯ ވަނީ ހާމަކުރައްވާފައެވެ.

comment ކޮމެންޓް