ސަން ޓީމަށް ކުޅުނު ޕާކިސްތާނުގެ ޝަހްލީލާ، އެކްސިޑެންޓެއްގައި މަރުވެއްޖެ

މިދިޔަ އަހަރުގެ ވިމެންސް ޗެމްޕިއަންޝިޕްގައި ސަން ޓީމަށް ޕާކިސްތާނުގެ ޝަހްލީލާ ކުޅެނީ: އޭނާ ވަނީ އިއްޔެ ހިނގައިދިޔަ އެކްސިޑެންޓެއްގައި މަރުވެފައި --- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ސަން ޓީމަށް ކުޅުނު ޕާކިސްތާނު ކުޅުންތެރިޔާ ޝަހްލީލާ ބަލޮޗް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންދިޔަ ޝަހްލީލާ މަރުވެފައިވަނީ އިއްޔެ ޕާކިސްތާނުގެ ކަރާޗީގައި ހިނގައިދިޔަ ކާރު އެކްސިޑެންޓެއްގައި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ޝަހްލީލާ އަކީ ފާއިތުވެދިޔަ ހަތަރު އަހަރު ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންދިޔަ ކުޅުންތެރިއެކެވެ. ބައިނަލްއަގުވާމީ މެޗެއްގައި ޕާކިސްތާނަށް އެންމެ ފުރަތަމަ ހެޓްރިކެއް ފުރިހަމަކޮށްދިން އަންހެން ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ޕާކިސްތާނުގެ ބަލޮޗިސްތާން ޔުނައިޓެޑަށް ކުޅެމުންދިޔަ ޝަހުލީލާ ވަނީ މިދިޔަ އަހަރު ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ސަން ޓީމަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އެ މުބާރާތުގައި ލާމް ސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ސަން ޓީމުގެ ޝަހުލީލާ ކާމިޔާބުކުރި ހިތްގައިމު ލަނޑު ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް