މުދައްރިސުން: ގަދަރާއި އިހްތިރާމް ލިބެންޖެހޭ ބައެއް

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ކްލާސްޓީޗަރަށް ސަޕްރައިޒެއް ދެނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. މުދައްރިސުންނަކީ ކޮންމެ ގައުމެއްގައިވެސް، މުޖުތަމައުތެރޭގައި ހިމެނޭ އެންމެ މުހިންމު މީހުންނެވެ. މުސްތަގުބަލުގެ ޖީލަކީ ރަނގަޅު ތަރުބިއްޔަތެއްގެ ވެރި ދަރީންތަކަކަށް ހެދުމުގައެވެ. އަދި ގައުމެއް ބިނާކުރުމުގައި އެންމެ ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ފަރާތްތަކަކީ ވެސް ހަމަ މުދައްރިސުންނެވެ.

"މުދައްރިސުންގެ އަގުވަޒަންކުރުން، އެމީހުންގެ ދަރަޖަ މަތިކުރުން" މިއީ މުދައްރިސުންގެ ދުވަހުގެ މި އަހަރުގެ ޝިއާރެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލް ޒީނަތްތެރިކޮށްފައި -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދުނިޔޭގެ މުދައްރިސުންގެ ދުވަހަކީ، މުދައްރިސުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ހޭލުންތެރި ކުރުވައި، މުދައްރިސުން ވަމުންދާ ގުރުބާނީއާއި އެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމަށްޓަކައި ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް ފުރަތަމަ ފާހަގަ ކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް ފައުންޑޭޝަން (ޔުނެސްކޯ) އިން 5 އޮކްޓޯބަރ 1966ގައެވެ.

ބަވަނަ ރައްޔިތުން ތަކަކާއ،ި ބަވަނަ ލީޑަރުންތަކެއް ބިނާކުރުމަށް މުދައްރިސުންގެ ދައުރު ވަރަށް ބޮޑުކަން ޔުނެސްކޯއިން ފާހަގަކުރެއެވެ.

ކިޔަވައިދިނުމުގެ ދާއިރާ ފާހަގަ ކޮށްލެވެނީ އެންމެ އުނދަގޫ ޕްރޮފެޝަން ކަމުގައެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގައި، 30 ކުދިންނަށްވުރެ ގިނަ ކުދިން އެއް ކުލާހެއްގައި ބައިތިއްބައިގެން އެ ކުދީންނަށް ކިޔަވައިދިނުމުގެ ޒިންމާ ނަގާ މުދައްރިސުންނަކީ ހާދަހާވާ ހިތްވަރުގަދަ ބައެކެވެ. އެފަދަ އުނދަގޫ މާހައުލެއްގައި ވެސް މުދައްރިސުން އެދަނީ ގިނަގުނަ ގޮންޖެހުންތަކާއި މަދު ވަސީލަތްތަކަކާ އެކު، އަހަރެމެންގެ ދަރީންނަށް އުނގަންނައިދީ ތަރުބިއްޔަތުކުރުމުގެ ބުރަ އުފުލަމުންނެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް އެ ސްކޫލް ގޯތިތެރޭގައި އެކުދިންގެ މުދައްރިސަކަށް މަރުހަބާކިޔަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކިޔަވައިދިނުމާއި މުދައްރިސުން ތަމްރީނުކުރުމާއި އަދި ކަރިކިއުލަމް ޑިވެލޮޕްކުރުމުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު އާމިރު (ފަރެސް އާމިރު) ވިދާޅުވިގޮތުގައި "ކުދިންނަށް އެއްވެސް އެއްޗެއް ލިބޭނީ، އެ އެއްޗެއް މުދައްރިސުންގެ އަތަށް ދީގެން،" ނެވެ.

އެއީ އިލްމު ކަމުގައި ވިޔަސް، ސްމާޓް ބޯޑެއް ކަމަށްވިޔަސް، އެދި އެނޫން ވަސީލަތެއްކަމުގައި ވީ ނަމަވެސް ފުރަތަމަ އެކަމެއް ފޯރުކޮށްދޭން ޖެހެނީ މުދައްރިސުންނަށެވެ.

"މުދައްރިސުންނަށް އިލްމު ދީގެން އެ އިލްމު ދަރިވަރުންނަށް ދެވޭނީ. މުދައްރިސުން ސްމާޓް ބަޔަކަށް ހަދައިގެން، ކްލާސްރޫމްގައި ހުންނަ ސްމާޓް ބޯޑުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ. އެހެންވީމާ ދަރިވަރުންނަށް ރަނގަޅު އިލްމެއް ފޯރުކޮށްދެވޭނީ މުދައްރިސުންވެސް އެފެންވަރަށް ތަމްރީނު ކޮށްދެވިގެން،" އާމިރު ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަހަރެމެންގެ މި ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބަލައިލަމާ ހެއްޔެވެ. ތަފާތު އާއިލާތަކުން އަންނަ، ތަފާތު ހާލަތްތަކުގެ ކުދިން އެއް ކްލާހެއްގެ ތެރޭގައި އުޅެއެވެ. މީގެ ތެރޭގައި އުނގެނުމުގައި އުނދަގޫ ކަމެއް ހުންނަ ކުދިންނާއި، ވަރަށް ފަސޭހަ ކަމާ އެކު އުނގެނޭ ކުދިންނާއި އެވަރެޖް ކުދިންގެ އިތުރުން އާދަޔާ ޚިލާފަށް މޮޅު ކުދިން ހިމަނައިގެން، ތަފާތު އުކުޅުތައް ބޭނުންކޮށްގެން، ކަނޑައެޅިފައިވާ ގަޑީގައި ފިލާވަޅުގެ މަގްސަދު ހާސިލް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

ބިދޭސީ ޓީޗަރަކު ކްލާހެސްގައި ދަރިވަރުންނަށް ކިޔަވައިދެނީ-- ސަން ފައިލް ފޮޓޯ

އަލަށް ތައާރަފް ވަމުން އަންނަ އެސެސްމެންޓް އުކުޅުތައް ބޭނުން ކޮށްގެން މި ހުރިހާ ކުދިންގެ ފެންވަރު ބަލައި، މިކުދިން ކުރި އަރަމުން އަންނަ މިންވަރު ރެކޯޑުކޮށް، ހިއްސާ ކުރުމުގައި މުދައްރިސުން ކުރިމަތިލާން ޖެހޭ ޕްރެޝަރު ބޮޑުވާނެ ކަމާމެދު ޝައްކެއްނެތެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާން މިދިޔަ ހަފްތާގައި ފެށިގެން ކުރިއަށްދާތީ، ބައެއް ސްކޫލްތަކުގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ދަނީ މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ދަރިވަރުންނާއި ބެލެނިވެރީން، އަދި ސްކޫލްތަކުގެ މެނޭޖްމަންޓު ގުޅިގެން ދަނީ މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް އެކުދިންގެ މުދައްރިސަކަށް ދިނުމަށް ތައްޔާރުކޮށްފައިވާ ކޭކެއް -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ބައެއް ސްކޫލްތަކުގައި އިއްޔެއާއި މިއަދުވެސް މުދައްރިސުންގެ އަގުވަޒަންކޮށް، މުދައްރިސުންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް އެބަ ގެންދެއެވެ. ސްކޫލްތައް ޒީނަތްތެރިކޮށް، މާމެލާމެލީގެ ގުލްދަސްތާތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތަކާއި ކްލާސްރޫމް ޕާޓީތަކާއެކު ދަރިވަރުންނާއި ބެލެނިވެރީން ދަނީ މުދައްރިސުންނަށް އެމީހުންގެ ހިތުގައި އޮތް ލޯތްބާއި ގަދަރާއި އިހްތިރާމް އޮހޮރުވަމުންނެވެ.

3 ވަނަ ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމުގެ ގޮތުން ދެއްވި މެސެޖުގައި ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، މުދައްރިސުންގެ ހައިބަތާއި ގަދަރު އުފުލައިދިނުމަކީ މިސަރުކާރުގެ އެއް ވައުދު ކަމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި މިދިޔަ ތިން އަހަރު ދުވަސްތެރޭ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް