ފުވައްމުލަކު ފަރަށް އެރި ބޯޓު ރާއްޖޭގެ ސަރަހައްދުން ބޭރަށް ގެންގޮސް އިންޑިއާ ކަނޑަށް ފައްތާލައިފި އެވެ.
އޮގަސްޓުމަހުގެ 13 ވަނަ ދުވަހު ފަރަށް އެރި ބޯޓު ފުންކުރެވުނީ ހުސްވި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
ބޯޓުގެ ކަންކަމާއި ރާއްޖޭގެ ފަރާތުން ހަވާލުވެފައިވާ ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންގެ ޗެއާމަން އަހުމަދު މައުމޫނު 'ސަން' އަށް މިއަދު ވިދާޅުވީ ބޯޓު ރާއްޖޭގެ ސަރަހައްދުން ބޭރަށް ގެންގޮސް ކަނޑައަށް ފައްތާލިއަސް އެންމެ ރަނގަޅު ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުން ބޯޓު ބޭރަށް ނެރި މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ 22:40ގައި އިންޑިއާ ކަނޑުގެ 4000 މީޓަރުގެ އަޑިއަށް ބޯޓު ފައްތާލާފައިވާކަން މައުމޫނު ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
މައުމޫނު ވިދާޅުވީ ބޯޓުގެ ކުރޫއިން އަދި ތިބީ ރާއްޖޭގައި ކަމަށެވެ. އެމީހުންނަށް ރާއްޖޭން ފުރޭނީ ސަރުކާރުން ހުށަހަޅާ ޖޫރިމަނާގެ އަދަދު ކަނޑައެޅުމުން އެ ޖޫރިމަނާ ދެއްކުމަށް ފަހު ކަމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާ ކަމަަށް މައުމޫނު ވިދާޅުވި އެވެ.
ރާއްޖޭން މިހާރު ހުށަހަޅާފައި ވަނީ ޖޫރިމަނާއަށް ހުށަހެޅޭ އެންމެ ބޮޑު އަދަދު ކަމަށާއި އެ އަދަދާ ބެހޭ ގޮތުން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރަމުން ދާ ކަމަށް މައުމޫނު ވިދާޅުވި އެވެ. އަދި 15 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ އަދަދު ކަނޑައެޅިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް މައުމޫނު ވިދާޅުވި އެވެ.
"އެމްވީ އެންޖީއޯސީ ސަން" ފުންކޮށްފައި ވަނީ ސިންގަޕޫރުގެ ސެލްވޭޖު ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ބޯޓު ފުންކުރި އިރު ބޯޓުގެ ބޮޑު ބަޔަކުން ފޫ ގޮސްފައިވާތީ މަތީގައި ހިފެހެއްޓީ ޕަންޕު ޖައްސައިގެންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މީގެކުރިން ބުނެފައި ވަނީ ފުވައްމުލަކު ފަރަށް އެރި ބޯޓަށް ރާއްޖެއިން ފުރޭނީ ފަރަށް ލިބުނު ގެއްލުމުގެ ފައިސާ ދެއްކުމަށް ފަހު ކަމަށެވެ.