ފުވައްމުލަކު ފުނާޑު ޗަސްބިމުގައި ރޯވި އަލިފާން ނިވާލެވުނީ ތިން ގަޑިއިރުން، ބޮޑު ގެއްލުމެއް

ފުވައްމުލަކުގެ ފުނާޑު އަވަށުގެ ޗަސްބިން ސަރަހައްދުގައި އަލިފާން ރޯވެފައި: އަލިފާން ނިވާލެވުނީ ރޭ ދަންވަރު 1:30 ވަނިކޮށް --- ފޮޓޯ: ފުވައްމުލަކު ހުޅަނގު ދެކުނު ކައުންސިލަރު އާމިނަތު އިނާޔާ

ފުވައްމުލަކުގެ ފުނާޑު އަވަށުގެ ޗަސްބިމުގައި ރޭ ރޯވި ބޮޑު އަލިފާންގަނޑު ނިވާލެވުނީ ގާތްގަނޑަކަށް ތިން ގަޑިއިރުގެ މަސައްކަތުން ކަމަށް، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ ރޭ 10:35 ހާއިރު ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ފުވައްމުލަކުގެ ފަޔާ ސްޓޭޝަނުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިވާލެވުނީ ދަންވަރު 1:25 ހާއިރު ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

ފުވައްމުލަކުގެ ފުނާޑު އަވަށުގެ ޗަސްބިން ސަރަހައްދުގައި އަލިފާން ރޯވެފައި، އަލިފާން ނިވާލެވުނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން --- ފޮޓޯ: ފުވައްމުލަކު ހުޅަނގު ދެކުނު ކައުންސިލަރު އާމިނަތު އިނާޔާ

މި ހާދިސާއާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ފުވައްމުލަކު އިރު އުތުރުގެ ކައުންސިލަރު އަބްދުالله ނާސިރު އަހްމަދު މިއަދު ވިދާޅުވީ، ޗަސްބިމުގައި އަލިފާން ރޯވި ސަރަހައްދުގެ ބޮޑު ބައެއް އަނދާފައިވާ ކަމަށެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި، އެއްވެސް ގެއަކަށް ގެއްލުމެއް ނުވާ ކަމަށް ނާސިރު ވިދާޅުވިއެވެ.

އަލިފާން ރޯވި ސަބަބު ސީދާ އަދި ނޭނގޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ފުނާޑު އަވަށުގެ ޗަސްބިން ސަރަހައްދުގައި އަލިފާން ރޯވެފައި --- ފޮޓޯ: ފުވައްމުލަކު ހުޅަނގު ދެކުނު ކައުންސިލަރު އާމިނަތު އިނާޔާ

ފުވައްމުލަކުގެ ޗަސްބިންތަކުގައި ދޭތެރެއަކުން އަލިފާނުގެ ހާދިސާތައް ހިނގައެވެ.

https://sun.mv/214624

ފާހަގަކުރެވޭ ގޮތުގައި މީގެ ދެ މަސްކުރިން ސެޕްޓެމްބަރު ފުވައްމުލަކުގެ ހޯދަނޑު ޗަސްބިން ސަރަހައްދުގައި ރޯވެ، ގާތްގަނޑަކަށް އެ ތަނުގެ ދިހަ ޕަސެންޓު އަނދާފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤު 'ސަން'އަށް އޭރު ވިދާޅުވީ، އެތަނުގައި ރޯވީ ސިނގިރޭޓެއް އެއްލައިގެން ކަމަށް ބެލެވޭ ކަމަށެވެ. އިސްމާއީލް ވިދާޅުވީ އެ ތަނުގެ ދިހަ ވަރަކަށް ޕަސެންޓު ގާތްގަނޑަކަށް އޭރު އަނދާފައިވާ ކަމަށެވެ.

އަދި ހަމަ އެ މަހު ފުވައްމުލަކު ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.

comment ކޮމެންޓް