ސުނައިޕަރު ރާއްޖެ ފޮނުވާލަން މެދުވެރިއަކަށްވި ލަންކާ މީހެއްގެ މުޅިން އާ ވާހަކަތަކެއް

ސްރީލާންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑުޝަންކަ މަނިއްކު އަޑޫރާ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ ލަހިރު މަދުޝަންކަ ރާއްޖެ ފޮނުވުމުގައި މެދުވެރިއަކަށްވި ލަންކާ މީހެއްގެ ފަރާތުން މުޅިން އާ ވާހަކަތަކެއް ފެންމަތިވެއްޖެ އެވެ.

ސުނައިޕަރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ބައިވެރިވިކަމުގެ ތުހުމަތުގަ އެވެ.

ސްނައިޕަރު ރާއްޖެ ފޮނުވާލުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ޔަސަސް ނަމަކަށް ކިޔާ އެމީހާ ވަނީ ސްރީލަންކާގެ ސަންޑޭޓައިމްސްއަށް އެކަން ހިނގައި ދިޔަގޮތް ކިޔާދީފަ އެވެ. އެ ނޫހުގައި އާންމުކޮށްފައިވާ ތަހުގީގީ ރިޕޯޓެއްގައި ޔަސާސް ބުނީ ދިވެހިންތަކެއް އޭނާއަށް ވަޒީފާއެއް ހުށަހެޅި ކަމަށެވެ.

އެ ވަޒީފާގެ މުސާރައަކަށް 1،000 ޑޮލަރާއި 2،000 ޑޮލަރާއި ދެމެދު މަހަކަށް ލިބޭނެ ކަމަށާއި އެ ވަޒީފާ އަށް ބޭނުން ވަނީ މިލިޓަރީ ބެކްރައުންޑެއް ވެސް ހުރި މީހެއް ކަމަށް ދިވެހިންނާ ހަވާލާދީ ޔަސަސް ސަންޑޭޓައިމްސްއަށް ބުންޏެވެ. އަދި އެ ވަޒީފާ އަކީ "ވީއައިޕީ ބޮޑީގާޑެއްގެ ވަޒީފާއަށް ވެސް ވެދާނެ ކަމަށް" އެދިވެހިން ބުނެފައިވާ ކަމަށް ވެސް ޔަސަސް ވަނީ ބުނެފަ އެވެ.

ޔަަސަސް ދިވެހިންގެ ގްރޫޕެއްގެ ވާހަކަ ދެއްކި ނަމަވެސް އެއިން އެއްވެސް މީހެއްގެ ނަމެއް ސަންޑޭޓައިމްސްގެ ރިޕޯޓުގައި ހާމައެއް ނުކުރެ އެވެ. ދިވެހިންގެ ފަސް މީހަކު ބުނެގެން ރާއްޖެ އަށް ވަޒީފާ އަދާކުރަން ދާން ފުރަތަމަ ގުޅި މީހާ ނުދެވޭނެ ކަމަށް ބުނުމުން ދެން ގުޅީ ލަހިރު މަދުޝަންކައަށް ކަމަށާއި ވަޒީފާ އަށް ރާއްޖެ ދިއުމަށް އޭނާ އެއްބަސްވި ކަމަށް ޔަސަސްއާ ހަވާލައިދީ ސަންޑޭޓައިމްސްގައި ބުންޏެވެ.

ސްނައިޕަރު ރާއްޖެ ދާން އެއްބަސްވުމުން އެމީހުން އޭނާގެ ފޮޓޯއެއް ބަލާލަން ބޭނުންވި ކަމަށާއި އެ ދިވެހިން ސްނައިޕަރާ ބައްދަލު ނުކުރާ ކަމަށް ޔަސަސް ބުންޏެވެ. އަދި 22 އޮކްޓޫބަރު 2015 ވަނަ ދުވަހު ރާއްޖެ ގޮސް މާބަލް ހޮޓަލުގައި ހުރުމަށް އެމީހުން ސުނައިޕަރަށް އިރުޝާދު ދިންކަމަށް ޔަސަސް ވަނީ ބުނެފަ އެވެ.

މާބަލް ހޮޓެލްއަށް ދިޔަ ނަމަވެސް އެތަން އަގުބޮޑުކަމުން ލަހިރު އެތަނުގައި މަޑުނުކޮށް އެހެން ހޮޓަލަކަށް ބަދަލުވި ކަމަށް ޔަސަސް ބުންޏެވެ. އަދި ރާއްޖެ އިން އޭނާއާ ބައްދަލު ކުރާނެ ކަމަށް ބުނި މީހުންނާ ގުޅުމުން އެކި ތަންތަނުން ދިމާވާނެ ކަމަށް ބުނި ނަމަވެސް އެއިން އެއްވެސް ތަނަކުން އެމީހުން ލަހިރުއާ ބައްދަލު ނުކުރާ ކަމަށް ޔަސަސް ބުންޏެވެ. އަދި އެ ދިވެހިން ޔަސަސްއަށް ގުޅުމަށް ފަހު ލަހިރު ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށާއި އެހެންކަމުން އޭނާ އަވަހަށް ލަންކާއަށް ފުރުމަށް ބުނުމަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ.

ލަހިރުު ހައްޔަރުކޮށްފައި ވަނީ ރާއްޖެ އިން އެނބުރި ލަންކާ އަށް ދިއުމަށް އިބްރަހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާ ހައްޔަރުކުރިތާ ފަސް ގަޑިއެއްހާއިރު ފަހުން ފުލުހުންގެ ތަހުގީގު ޓީމަކުން ލަންކާއަށް ގޮސް ލިޔުމެއް ދިނުމަށް ފަހު އޭގައި ސޮއިކުރުމަށް ޔަސަސްއަށް އެންގިކަމަށް އޭނާ ބުންޏެވެ. އެލިޔުމުގައި ވަނީ "ސުނައިޕަރު ލަހިރު އަކީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުއްޔަށް ހިފާފައިވާ މީހެއް ކަމަށް އެއްބަސްވަން" މިހެން ކަމަށް ޔަަސަސް ބުންޏެވެ. ނަމަވެސް އޭނާ އެ ލިޔުމުގައި ސޮއި ނުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ ހަފްތާއެއް ފަހުން ދިވެހި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑް ފުލުހުންގެ ޓީމަކާ އެކު ލަންކާއަށް ގޮސް އޭނާގެ ބަޔާން ނަގަން އެދުނު ކަމަށާއި، އެ ބަޔާން ނުދޭ ކަމަށް ޔަސަސް ވަނީ ބުނެފަ އެވެ.

ސުނައިޕަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

comment ކޮމެންޓް