ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ސްރީ ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު "ސަން" އަށް ވިދާޅުވީ ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު 8:12 ގައި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
އީދު ބަންދާ ދިމާކޮށް ރައީސް ސޯލިހުގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ލަންކާ ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ނަމަަވެސް ރައީސް ސޯލިހު ވަަނީ އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާ ބައްދަލުކުރައްވައި ގިނަ ކަންތައްތަކަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
އެގޮތުން ކޮވިޑް-19 ގެ ދަތި ހާލަތުގައި ދިމާވާ ގޮންޖެހުންތަކާއި ބަލިން އަރައިގަތުމަށް ސިއްހީ ހިދުމަތް ފޯރުކޮށްދެެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ބަލި ކޮންޓްރޯލްކުރާނެ ގޮތްތަކާމެދުވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އޭގެ އިތުރުން ވެކްސިން ޖެހުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުންވެސް ވަނީ ވާހަކަދައްކަވާފައެވެ. ހަމައެއާއެކު މި ބައްދަލުވުމުގައި ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.