ގުޅިފަޅުގައި ބިދޭސީ މީހުންނަށް ހާއްސަ ލޭބާ ޕާކެއް ގާއިމްކުރަނީ

ސަލްޓަންޕާކްގައި ބިދޭސީންތަކެއް މަޑުކޮށްލައިގެން – ސަން ފައިލް ފޮޓޯ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ދިރިއުޅޭނެ ރަނގަޅު މާހައުލެއް ގާއިމްކުރުމަށް ޓަކައި ގުޅިފަޅުގައި ލޭބާ ޕާކެއް ގާއިމްކުރުމަށް ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އިން ނިންމައިފި އެވެ.

ގުޅިފަޅު އިންވެސްޓްމަންޓުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ސަރުކާރުގެ އިސްނެންގެވުމަކަށް ގާއިމުކުރަން ނިންމާފައިވާ ލޭބާ ޕާކުގައި އެ ކުންފުނިން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތަށް ލޭބާ ކުއާޓާ އިމާރާތަކާއި ކައްކާ ތަނަކާއި މެސް ރޫމެއްގެ އިތުރުން މުނިފޫހިފިލުވުމަށް ހާއްސަކޮށް ހެދޭ ތަންތަން އަދި އެހެނިހެން ހިދުމަތްތައް ގާއިމްކުރަން ބޭނުންވާ ކަމަށެވެ.

ނަމަވެސް ލޭބާ ޕާކާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިއުލާނުގައި ބުނެފައެއްނުވެ އެވެ.

ޖީއައިއެލް އިން ބުނީ، ލޭބާ ޕާކު ގާއިމްކޮށް ބަލަހައްޓައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެކަމަށް އެދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ކުރިންނެވެ.

ޖީއައިއެލް އިން ބުނީ، ލޭބާ ޕާކު ގާއިމްކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާނީ ހަމައެކަނި އީއޯއައި ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

comment ކޮމެންޓް