ކަޅު ސަޔަކާ އެކު ހެދިކާ އެވެ. ކޮންމެ ވަގުތަކު ވެސް އެ ސައި ދިވެހިންނަށް ވަރިހަމަ އެވެ. އެއީ ފޫހިފިލުމުގެ އެއް ބައިވެރިޔާ އެވެ. ޒަމާނަށް އައިބަދަލާ އެކު އަމިއްލައަށް އެ ސައި ތައްޔާރު ކުރާކަށް ގިނަ މީހުންނެއް ނޫޅެ އެވެ. ފިރިހެންވެރިން ކަންމަތީ ހޮޓާ ނުވަތަ ކެފޭތަކަށް ގޮސް ކާ އިރު ގޭގައިތިބީ އަންހެނުންނާއި ކުދިންނަށް ގެންނަނީ އެވެ. ގިނަ ހެދިކާ ކާލުމަށް ދަތްއަޅާލުމާ އެކު އަނގައިގެ ދެ ފަރާތުން ތެޔޮ ފައިބައިގެންދެ އެވެ. ކެއުމަށް ފަހު މޮޔަހީވަނީ ފަލަވެދާނެތީ އެވެ. ތެޔޮ ހެދިކާއާ އެކު މުޅިންހެން އުފެދޭ ބިރުވެރިކަމަކީ ފަލަވުމެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އެއަށް ވުރެ ބޮޑު ނުރައްކަލެއް އެބައޮތެވެ.
ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ކާނާއަށް ގިނަ ބަޔަކު ބަރޯސާވާއިރު ކެއުންތައް ތައްޔާރު ކުރުމުގައި އެތައް މަކަރެއް ހަދަ އެވެ. ބޮޑު އަގުގައި ތަކެތި ވިއްކާ އިރު އެތަކެތި ހެދުމުގެ ހަރަދު ކުޑަކުރުމަށް ހަދާ މަކަރުތައް ގިނަ އެވެ. އޭގެ ތެރެއިން ވެސް ތެލުގެ ހަރަދު ކުޑަކުރުމަށް އެދަނީ ނުރައްކާބޮޑު މަކަރެއްހަދަމުންނެވެ. އެއީ ރިސޯޓްތަކުން ބޭނުންކޮށް ނިންމުމަށް ފަހު އުކާލާ ތެޔޮ ހަންތައް ގެނެސް ކެއިންބުއިމުގެ ހިދުމަތްދޭ ބައެއް ތަންތަނުގައި ބޭނުން ކުރުމެވެ.
ރިސޯޓްތަކުން އުކާލާ ތެލުގައި ކެމިކަލްވެސް ހުރޭ!
ގިނަ ރިސޯޓުތަކުގެ ރެސްޓޯރެންޓުގައި ކައްކަން ބޭނުންކުރާ ތެލަކީ އެ ދުވަހު ބޭނުންކޮށްފައި އެ ދުވަހު އުކާލާ އެއްޗިއްސެވެ. ރިސޯޓް ރެސްޓޯރެންޓުގެ "ޑީޕް ފުރެއާ"ގައި އެކި އެއްޗެތި ތެލުލުމަށް 20 ލީޓަރުގެ ހަތަރު ވަރަކަށް ހަމުގެ ތެޔޮ ދުވާލަކު ބޭނުންކުރެ އެވެ. އެ ތެޔޮ ބޭނުންކޮށްގެން ތަފާތު ތަކެއްޗާއި އޫރުމަސް ފަދަ ތަކެތި ތެލަށްލަ އެވެ. އެހެންކަމުން އެއީ މުސްލިމުން ކާން ބޭނުން ކުރަން ރަނގަޅު ތެލަކަށް ނުވާނެ އެވެ.
ސުޓާފުންގެ ބަދިގޭގައި 20 ލީޓަރުގެ ދެ ހަން ތެޔޮ ބޭނުންކުރެ އެވެ. ޓޫރިސްޓުންނަށް ކައްކަން ބޭނުންކުރާ ތެލަކީ ކޮންމެ ދުވަހަކު އާ ކުރާ އެއްޗެއް ނަމަވެސް ސުޓާފުންނަށް ކެއްކުމަށް ބޭނުންކުރާ ތެޔޮ އުކާލަނީ ވަރަށް ގިނައިން ބޭނުންކޮށްފަ އެވެ.
މާލެ އަތޮޅު ފަސް ތަރީ ރިސޯޓެއްގެ ކައްކާއަކު މައުލޫމާތު ދިން ގޮތުގައި ގެސްޓުންނަށް ކައްކާ ބަދިގޭގައި ބޭނުންކުރާ ތެލަކީ އޫރުމަސް ފަދަ ތަކެތި ތެލުލާފައި ހުންނަ ތެލަށް ވުމާ އެކު ކޮންމެ ދުވަހަކު ވެސް ކައްކައި ނިމުމުން ރޭގަނޑު ރީނދޫ ހަންހަމުގައި އެތެޔޮތައް އުކާލަށް ފޮނުވަ އެވެ. އެތެޔޮ އުކާލުމަށް ހަންހަމަށް އަޅާއިރު އެ ތެލުގައި ތަފާތު ކެމިކަލްތައް ވެސް އެކުލެވޭނެ ކަމަށް އޭނާ ބުންޏެވެ.
"ފުރެއާ ސާފުކުރުމަށް ސައިބޯންޔާއި، ގްރިލް ކުލީނާ (ބާރުގަދަ ކެމިކަލް)އެއް ބޭނުން ކުރާނެ، އެ ހުންނާނީ ތެލާ މިކުސްވެފައި، ދެން އެއެއްޗެހި ވެސް އަހަރެމެން އަޅާލަނީ ހަމުގެ ތެރެއަށް،" ކައްކާ ބުންޏެވެ.
ކެމިކަލާއި ކައްކާފައި ހުންނަ ތެލާއި ގަޑުބަޑުކުރުމަށް ފަހު އުކާލުމަށް ރިސޯޓުން ހަވާލު ކުރަނީ ކުނި އުކާލާ ދޯނި މީހުންނާ އެވެ. އެ ހިސާބުން އެ މީހުންގެ ރޯލު ނިމުނީ އެވެ. އެހަންތައް ކުނި ނައްތާލާ މަރުކަޒީ ރަށް ކ. ތިލަފުއްޓަށް ގެނެސް ނައްތާލުމަކީ ދޯނި މީހުންގެ ޒިންމާއެކެވެ.
ކުނި އުކާލާ ދޯނީގައި ތެޔޮ ހަންތަކެއް: ސަން ފޮޓޯ: މުހައްމަދު އަފްރާހް
އުކާލަން ގެންދާ ހަން ގަންނަނީ ބިދޭސީން!
ރިސޯޓްތަކުން ކުނި އުކާލުމަށް ތިލަފުއްޓަށްދާ ދޯނިތަކަށް އަރައި ވިޔަފާރި ކުރާ އެތައް ބިދޭސީންއެއް ތިލަފުށީގައި އުޅެ އެވެ. އެމީހުން ގަންނަ ތަކެތީގެ ތެރޭގައި ރިސޯޓްތަކުން އުކާލާ ދަގަނޑާއި އެކިއެކި ބޭނުން ކުރެވޭ ކަހަލަ ސާމާނު ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ބިދޭސީން ތެޔޮ ގަނެއެވެ.
އއ. ރިސޯޓެއްގެ ސަޕްލައި ދޯނީގައި އުޅޭ ފަޅުވެރިއަކު މައުލޫމާތުދޭ ގޮތުގައި އެ ރިސޯޓުން ކޮންމެ ދުވަހަކު ފަހެއް ނުވަތަ ހަ ހަން ތެޔޮ އުކާލަށް ތިލަފުއްޓަށް ގެންނައިރު ބިދޭސީން އެތެޔޮ ގަނެ އެވެ. ބާޒާރުގައި 300 ރުފިޔާއަށް ވުރެ އަގު ބޮޑުކޮށް އޭގެ ތާޒާ ތެޔޮ ވިއްކާ އިރު އުކާލަން ގެންނަ ތެޔޮ ހަމެއް 15 ރުފިޔާ އަށް 20 ރުފިޔާ އަށް ތެޔޮ ހަމެއް ބިދޭސީން ގަންނަ ކަމަށް ފަޅުވެރިޔާ ބުންޏެވެ.
"ވަރަށް ވަރަށް ގަންނާނެ، އެހަމަ ހިނގާ ކަމެއް، ސާފުކޮށް ތެޔޮ ހުންނާނީ، އެއް ދުވަހު ބޭނުންކޮށްފައި އުކާލާނީ ވިއްޔާ،.. އަހަރެމެން ވިއްކާފައި އެލާރި އަހަރެމެން ކުދިން (ފަޅުވެރިން) ބަހާލަނީ،" އެފަޅުވެރިޔާ ބުންޏެވެ.
އެތެޔޮތައް މާލެއަށް!
ތަފާތު މަސް ދަރުތަކުން މައުލޫމާތުދޭ ގޮތުގައި މާލޭގެ ބައެއް ހޮޓާ، ކެފޭތަކުން ބޭނުން ކުރުމަށް އެތޮޔޮތައް މާލެގެނެ އެވެ. ބާޒާރުގައި 300 އަށް ވުރެ އަގު ބޮޑު ތެޔޮ 20 ރުފިޔާއަށް ގަނެގެން ގެނެސް ކާބޯތަކެތި ހެދުމުގައި ބޭނުންކުރެ އެވެ. އެކަމުގައި މުޅިންހެން އުޅެނީ ބިދޭސީންނެވެ. މާލޭގެ ގިނަ ހޮޓާ، ކެފޭތަކަށް ބަލާއިރު އެއީ ބިދޭސީން ހިންގާތަންތަނެވެ. ދިވެހިންގެ ހިއްސާ އޮންނާނީ އިކޮނޮމިކް މިނިސްޓްރީން ނަގާ ހުއްދާގައި އެކަންޏެވެ. އެ ހޮޓާތަކަށް އެއްޗެހި ހޯދާ ވިޔަފާރި ހިންގާ ހުރިހާ ކަމެއް ކުރަނީ ބިދޭސީންނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސާ ސާޖިދާ މުހައްމަދު ވިދާޅުވީ އެކަން އެ އޮތޯރިޓީއަށް ވެސް މައުލޫމާތު ލިބިފައިވާ އިރު އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމާ އެކު ދެ މައްސަލައެއް ބަލަމުންދާ ކަމަށާއި އެއީ ހަލާލް ވުމުގެ މައްސަލައަކާއި ކާނާ ރައްކާތެރިކަމުގެ މައްސަލައެއް ކަމަށެވެ.
އެފަދަ ތެޔޮ ބޭނުންކުރާ ކަމަށް އެއްވެސް ހޮޓަލެއް ހިންގާ ފަރާތަކުން އެއްބަހެއްނުވެ އެވެ. ގިނައިން ތިބެނީ ބިދޭސީން ކަމުން ޖަވާބެއް ވެސް ނުލިބެ އެވެ. ދިވެހިން ހިންގާ ހޮޓަލެއްކަމަށްވާ ވުނަދާނާގެ ވެރިޔަކު ބުނި ގޮތުގައި ދިވެހިން ހިންގާ ހޮޓާތަކުގައި އެފަދަ ކަންކަން ނުކުރާ ކަމަށާއި ނަމަވެސް ބިދޭސީން ހިންގާ ތަންތަނުގައި އުކާލާތަކެތި ބޭނުން ކުރެ އެވެ.
"ތިޔަ ބޭފުޅުން މިހާރު ވެސް ގޮސްބަލާ ފިހާރަތަކުން އުކާލާ ތަރުކާރީ ކަހަލަ އެއްޗެހި ވެސް ނަގައިގެން އެމީހުން [ބިދޭސީން] އުޅޭނެ،" އޭނާ ބުންޏެވެ.
ސިއްހީ އެތައް ގެއްލުމެއް!
ރާއްޖެއަކީ ލޭހޮޅިތައް ބެދިގެން ޖެހޭ ހާޓް އެޓޭކާއި ސުޓޯކް ފަދަ ބަލިތައް ގިނަ އެވެ. އެންމެ ގިނައިން ދިވެހިން މަރުވާ އެއް ކަމަކީ ވެސް ގައިންގަޔަށް ނާރާ، އެކަމަކު އެފަދަ ބަލިތަކެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ދިރިއުޅުމުގެ އާދަތަކެވެ. ހާއްސަކޮށް ކެއުމެވެ. އަދި އެފަދަ ނުރައްކާތެރި ތަކެތިން ހަދާ ކެއުންތައް ކާނަމަ އެފުރުސަތު ވަރަށް ވެސް ބޮޑެވެ.
ސައިންޓިފިކް އޮފިސާ ސާޖިދާ ވިދާޅުވީ ތެޔޮ ފަދަ އެއްޗެއް ދެ ވަނަ ފަހަރަށް ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެއީ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާނެ ކަމެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.
އާންމުކޮށް ހިނގަމުން މި ދަނީ ކިތަންމެހާ ވެސް ނުރައްކާތެރި ކަމެކެވެ. އެތައް ބައެއްގެ ކެއިން ބުއިމުގައި އެ ބޭނުން ކުރަނީ ނުރައްކާތެރި އެއްޗެކެވެ. ހަރަދު ކުޑަކުރަން އެ ހިންގާ ޖަރީމާގެ ސަބަބުން އެތައް ބަޔަކަށް ތަފާތު ނުރައްކާތަކާ ކުރިމަތިލުމަށް މަޖުބޫރުވަނީ އެވެ. އެހެންކަމުން މިއީ ވިސްނަން ޖެހޭ ކަންކަމެވެ. ކަންމަތީ ހޮޓަލަށް ވަދެ ސައިބޮއެ ކައިހަދާ އިރު އެތަނުގެ ފެންވަރު ދެނެގަންނަން ޖެހެ އެވެ. އަދި އާންމު ސިއްހީ ނިޒާމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކުގެ މޮނީޓަރިން ނިޒާމް ހަރުދަނާކޮށް އެކަންކަން ހުއްޓުވަންޖެހެ އެވެ.