ކަޅުއޮއްފުންމި– ކާބަފައިންގެ މަތިވެރި ޢިލްމާއި ހުނަރާއި ތަޖުރިބާ އާއި ޤައުމީ ރޫޙުގެ ދަންމަރެއް!

ޑިސެމްބަރ 18، 2015: ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިންގެ ޣާޒީ ބަންޑާރައިންގެ ޖިހާދުގެ އޮޑިކޮޅު "ކަޅުއޮށްފުންމި" ބެންނެވުމަށް، އުތީމު ތިންބެންގެ އެންމެ ދޮށީ ބޭބޭފުޅު އަލިތަކުރުފާނު، ކޮއްކޯފުޅު މުޙަންމަދު ތަކުރުފާނަށް ޙިއްސާކުރެއްވި ވިސްނުންފުޅަކީ ފިކުރުކޮށްނުލައި ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. އެވަގުތު ސުރުޚީ އެޅިގެން އެދިޔައީ ޙިކުމަތުން ފުރިގެންވި ތޫނުފިލި ވިސްނުމަކުން ކުރަހާލި "މިޝަން"އެއްގެ ފުރަތަމަ ރޮނގެވެ. މި މަޒްމޫނުގައި މި ބަލާލަނީ، މި އޮޑިކޮޅު ބަނުމުގެ ތެރެއިން ފެނިގެންދިޔަ ކާބަފައިންގެ މަތިވެރި ޢިލްމާއި ހުނަރާއި އަގުހުރި ތަޖުރިބާއާއި ޤައުމިއްޔަތުގެ ރޫޙަށެވެ.

ބުރާރަ މުޙަންމަދުގެ ބޮޑުތަކުރުފާނު ވާހަކައިގައި ބުނާގޮތުންނަމަ، މިފަދަ އޮޑިކޮޅެއް ބަނުމުގެ ކިޔާލު މުޙަންމަދު ތަކުރުފާނަށާއި ޙަސަން ތަކުރުފާނަށް ދެއްވީ، ދޮށީ ބޭބޭފުޅު ޚަތީބު ޢަލިތަކުރުފާނެވެ. އޭރު ޢަލި ތަކުރުފާނު ހުންނަވަނީ މާރަންދޫ ޚަތީބަކަށެވެ.

އެއްދުވަހެއްގެ ހެނދުނު އަރައިގެންއައި އިރުގެ ހޫނުކަންމަތީގައި އޮތް ހެނދުނުގެ ވަގުތެކެވެ. ކުއްލިއަކަށް ފެނުނީ މާރަންދޫ ޚަތީބުކަމުގައި ހުންނެވި ޢަލި ތަކުރުފާނު އުތީމަށް ވަޑައިގެން ގަނޑުވަރަށް ވެދެވަޑައިގަތް މަންޒަރެވެ. އެތަން ދެކި މުޙަންމަދު ތަކުރުފާނާއި ޙަސަން ޚަތީބު ތަކުރުފާނަށް ފުންމައިގެން ތެދުވެ ވަޑައިގެންނެވުނެވެ. ދޮށީ ބޭބެއަށް އިޙުތިރާމު އަދާކުރެއްވުމަށެވެ.

ވަގުތަކީ މުޙަންމަދު ތަކުރުފާނު އޮޅުދޫ އޮޑިޔައިގެން ގޯވާޔަށް ވަޑައިގަތުމަށްޓަކައި ބާރަށަށް ފުރާވަޑައިގަންނަވަން އޮތް ވަގުތެވެ. މިއީ މި އޮޑީގެ މާލިމީކަމުގައި މުޙަންމަދު ތަކުރުފާނު ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. ކޮންމެ ފަހަރަކުވެސް ގޯވަޔަށް ވަޑައިގެން ދެއްވަނީ އެކަމަށްއެދި ޚުދު ވިޔަޒޯރު އުތީމަށް އައިސް ދަންނަވާ ދެންނެވުމަކަށެވެ. އިއްތިފާގުން އެދުވަހު ފުރުއްވަން ޖެހިފައި އޮތީވެސް ވިޔަޒޯރުގެ އެދުމަކަށް ރާއްޖެއިން ގޯވާޔަށްފޮނުވާ ޖިޒީ ހިފައިގެންނެވެ. މުޙަންމަދު ތަކުރުފާނަކީ އެ އޮޑީގެ މާލިމީއެވެ. ދަތުރުގައި ވިޔަފާރި މުދާވެސް ގެންދާތީ މިއިން ކޮންމެ ދަތުރެއްގެ ނަފާގެ ބަޔެއް ވިޔަޒޯރު މުޙަންމަދު ތަކުރުފާނަށް ދެއްވައެވެ. އުޖޫރައެއްގެ ގޮތުގައެވެ.

ޢަލި ތަކުރުފާނު އެ ދެބެންނަށް އެދުވަހު ޙިއްސާކުރެއްވީ ރާއްޖެ ޣައިރުދީނަށް ބަދަލު ކުރަމުން ގެންދާއިރު، އެކަމާދެކޮޅަށް ބަޔަކު ތެދުވަން ވެއްޖެކަމެވެ. އެފަދަ ކަމެއް ކުރެއްވޭނީ ހިތްވަރެއް ހުރި ބަޔަކަށެވެ. އެ ދަނޑިވަޅަކީ އެބޭފުޅުންގެ އަމިއްލަފުޅު އޮޑިކޮޅު ބާވެފައި އޮތް ވަގުތަކަށްވީތީ، އެކަމަށްޓަކައި އޮޑިޔެއް ބަންނަންޖެހޭކަމެވެ. އަދި އެފަދަ އޮޑިޔެއް ބަނުމަށް ބޭނުންވާ ގަސްވަކަރު ހޯދަން ވިޔަޒޯރުގެ ކިބައިން މުޙަންމަދު ތަކުރުފާނަށް އެދިވަޑައި ގަތުމަށެވެ.

ކޮންމެއަކަސް، އެދަތުރުގައި ރާއްޖޭންބޭރަށް ފުރާވަޑައި ގަތުމުގެކުރިން މިވާހަކަ އެތަކުރުފާނު ވިޔަޒޯރަށް ދެންނެވިއެވެ. ދެންނެވީ އެބޭފުޅުން ވިޔަފާރިކަމު ދުއްވާ އޮޑި ބައުވެފައި އޮތުމުން އައު އޮޑިޔެއް ބަންނަވަން ބޭނުންވާ ގަސްވަކަރު ކެނޑުމުގެ ހުއްދަ އަކަށެވެ. އެވަގުތު އެކަމުގެ ހުއްދަ އަނދިރިއަނދިރިންގެ ފަރާތުން ހޯއްދަވައިދެއްވަން އޭނާ އެއްބަސްވިއެވެ. އަދި މުޙަންމަދު ތަކުރުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައި ގަތުމުން ވިޔަޒޯރު މާލެއަށް ދަތުރުކޮށް، އަނދިރި އަނދިރިންގެ ކިބައިން މިކަމުގެ ހުއްދަޔަށް އެދުނެވެ.

އަނދިރި އަނދިރިންގެ ފަރާތުން ވިޔަޒޯރަށް ލިބުނީ ޙައިރާންކުރަނިވި ދެ ޖަވާބެކެވެ. ފުރަތަމަ ޖަވާބަކީ އުތުރުގެ ހަތަރު އަތޮޅުން އެބޭފުޅުން ބޭނުން ރަށަކުން ބޭނުން ވަރަކަށް ގަސްލަކުޑި ކެނޑުމުގެ ހުއްދަ ދެއްވި ކަމެވެ! އުތުރުން އެފެންވަރުގެ ގަސްލަކުޑި ލިބެން ނެތްނަމަ، ދެކުނުންވެސް ހޯއްދަވައި ދެއްވާނެ ކަމެވެ. އަދި އެބޭފުޅުން އޮޑިބަންނަން ކަނޑާ ގަސްލަކުޑި އޮޑިބަންނަ ރަށާއި ހަމަޔަށް ގެންގޮސްދިނުމަކީ އެ ސަރުކާރުގެ ޚަރަދުގައި ކުރެވޭ ދަތުރު ތަކަކަށް ހެއްދެވުމަށާއި އެފަދަ ގަސްލަކުޑި ވަލުން ނެރެގެން ގެންދަން ރައްޔިތުންނާއި މަތިކުރުމަށާއި އޮޑި ބަންނަ ވަޑިންގެ ކެއުމާއި އެކަމަށް ހިނގާ އުޖޫރަވެސް އެ ދެބެންނަށް ދެއްވަން އަނދިރިއަނދިރިންނަށް ވިޔަޒޯރު އެނގިއެވެ. ވިޔަޒޯރަށް އަނދިރިއަނދިރިންގެ ފަރާތުން ލިބުނު ޙައިރާންކުރުވަނިވި ދެވަނަ ޖަވާބަކީ، މީގެ ފަހުން އުތީމު ތިންބެން މާލެ އަރައިގެން ނުވާނެ ކަމެވެ.

މިހާހިސާބުން ދެން މި ބަލާލަނީ، ތަނަވަސްވެގެން މިދިޔަ ފުރުސަތުގައި ކަޅުއޮށްފުންމި ބެންނެވުމަށް އުތީމު ތިންބެން ބޭނުންކުރެއްވި ކާބަފައިންގެ ޢިލްމާއި ތަޖުރިބާގެ މައްޗަށެވެ.

މުޙަންމަދު ތަކުރުފާނު، އެދަތުރުން އެނބުރި ވަޑައިގަތުމުން، ގަސްވަކަރު ކެނޑުމުގެ ހުއްދަޔާއިއެކު އަނދިރިއަނދިރިން ބުނި ވާހަކަ ވިޔަޒޯރު އެތަކުރުފާނަށް ތަފްސީލުކޮށް ދެންނެވިއެވެ. ތަނަވަސްވެގެންދިޔަ ފުރުސަތުގައި މުޙަންމަދު ތަކުރުފާނު ނިންމެވީ ނޮޅިވަރަންފަރު އެދުރުކަލޭފާނާއި ބައްދަލުކުރެއްވުމަށެވެ. ޙަސަން ޚަތީބު ތަކުރުފާނާއެކު އެރަށަށް ވަޑައިގެން ފޮރުވިފައިވާ ސިއްރު އެޖެންޑާ ހާމަކުރެއްވުމަށްފަހު، އެފަދަ އޮޑިޔެއް ބަނުމަށް ކަންކުރަންވީ ގޮތާމެދު މަޝްވަރާކުރެއްވިއެވެ.

ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ ނުޖޫމީ ޢިލްމާއި އިރުވަރު ބެއްލެވުމުގެ ތޫނުފިލި ވިސްނުންފުޅުގައި ވިދާޅުވީ، އެފަދަ އޮޑިޔެއް ބަންނަން ބޭނުންވާ ނަކަތްރުއް ވަކި ދުވަހެއްގެ އިރުއަރާތާ ހަތްފިޔަވަޅު ހަމަވާއިރަށް ކެނޑުމަށެވެ. އަދި ނާގޯށިން ނަކަތު ރުއް ކެނޑުމަށެވެ. " ނާގޯށިން ނަކަތުރުއް ކެނޑިއްޔާ ނާގޯށި ކަނޑަށް ނިވަލޭ"، އެދުރުކަލޭފާނު ވިދާޅުވިއެވެ. ދެން ވިދާޅުވީ " ކަނަމައިން އެ ރުއް ކެނޑީވިއްޔާ ކަނަމަނަ އުޑަށް ނިވައޭ" މިހެންނެވެ. މި އިރުޝާދު ދެއްވަމުން އެ ރުއް ކަނޑުއްވަންވާނީ އަރާމުރިނގުން ކަމަށްވެސް ވިދާޅުވިއެވެ.

އިސްވެ ދެންނެވި ވާހަކަ އާއިމެދު ވިސްނާލަމާތޯއެވެ؟. "އިރުއަރާ ހަތްފިޔަވަޅު ވާންވާއިރަށް" މިހެން އެ ވިދާޅުވި ބަސްފުޅަށެވެ. ނަކަތްތެރިކަމާބެހޭ ޢިލްމުގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އިރުއަރާއިރު މުއްކަވާފަ މުށުގެ ތިރި ކަނޑުގެ ލޮނުގަނޑުގައި ޖެއްސުމަށްފަހު، މުށުގެ މަތީގެ ބޮޑުވާއިނގިލި މައްޗާއި ހަމައަށް އިރު އެރުމުން އެއީ 1 ގަޑީއިރެވެ. ފިޔަވަޅެއްގެ ދިގުމިން މުށަކަށްވުރެ ބޮޑެވެ. އެހެން ކަމަށްވާނަމަ ހަތްފިޔަވަޅަށް އިރު އަރާއިރު، އޮންނާނީ ބޮޑު ދިޔައެވެ. އޭރު ޟުޙާވަގުތުގެ ބޮޑުބަޔެއް އޮންނާނީ ނިމިފައެވެ. ދެން އޮންނާނީ އެ އިޝާރަތްކުރެއްވި ދުވަހާ ދިމާވާ ނަކަތާއި ވަގުތެވެ. އަރާމުރިނގާ ދިމާއިން ރުއްކަނޑަން އެ ވިދާޅުވީ ފަހަރުގައި އެދުވަސްވަރު އީކުއޭޓަރުގެ ދަނޑިން އިރު އަރާތީ ކަމަށް ވެދާނެއެވެ.

ކޮންމެ އަކަސް މިވާހަކަ އިހަށް ބާއްވަމާތޯއެވެ.؟ ކަން ކުރައްވަމުން ގެންދިޔަ ގޮތް ބަލައިލުމަށެވެ. އުތީމު ދެބެން އެދުރުކަލޭފާނުގެ އިރުޝާދާއެއްގޮތަށް އުތުރުގެ އަތޮޅުތަކުން ގަސްވަކަރު ކަނޑުއްވަން ފެއްޓެވިއެވެ. އެއަށްފަހު، އޮޑި ބަންނަން ބޭނުންވާ ވަޑިން ހޯއްދެވީވެސް ފުންކޮށް ވިސްނަވާފައިކަން އެނގެއެވެ. އެއީ ބަންނަން ބޭނުންވި އޮޑީގެ " މާވަނި ފަރާތް" (ކަނައަތް ފަރާތް) ފަރާތަށް އިޚްތިޔާރު ކުރެއްވި އިސް ވަޑިޔާއި " އިސް" މި އަޑާއިވެސް ގުޅޭތީއެވެ. އެތަކުރުފާނު ލ.އަތޮޅު އިސްދުއަށް ވަޑައިގެން އިސްދޫ އިސްމާއީލް މާވަޑި އިޚްތިޔާރު ކުރެއްވީ ސަބަބެއް ނެތިޔެއް ނޫނެވެ. އޭނާއަށް މި އޮޑީގެ ބޭނުންފުޅުވެސް ޙިއްސާކުރެއްވިއެވެ. އޭނާ ގޮވައިގެން ވަޑައިގަތް މަގުމަތީގައި ކާށިދޫންނާއި ފާދިއްޕޮޅުންނާއި ކެލާ ފަދަ ރަށްރަށުން ވަޑިން އިޚްތިޔާރު ކުރައްވައިގެން ބާރަށަށް ގެންނެވިއެވެ.

ކަޅުއޮށްފުންމި ބަންނަން ބޭނުންވާ ހަރުގެ ބޮޑުތަކުރުފާނު އެދިވަޑައިގެންނެވި ސައިޒަށް ބާރަށުގައި އަޅައިދިނީވެސް ވިޔަޒޯރެވެ. އެއީ ބައްތިރީސް ރިޔަނުގެ ބޮޑުމިނުގައެވެ. އެ ސައިޒު ވިޔަޒޯރަށް ދެއްވުމުން އޭނާ ވިސްނައިގެންހުރީ މިވާނީ މުދާ އަރުވައިގެން ދަތުރު ކުރެވޭވަރުގެ ހެޔޮވަރު ސައިޒަކަށެވެ. އެކަމަށްޓަކައި އޭނާވެސް ފޮނި އުންމީދުތަކެއް ކުރިއެވެ. ނަމަވެސް ކަންވީ އުތީމު ތިންބެންގެ މާސްޓަރ ޕްލޭންގައި އޮތް ގޮތަށެވެ. އޮޑީގެ ސައިޒަކީ ކޮބައިތޯ އިސްދޫ މާވަޑި އެއްސެވުމުން ބޮޑުތަކުރުފާނު ވިދާޅުވީ " އެއީ ބާވީސް ރިޔަން، ބާވީސް އަގުލޭ" މިހެންނެވެ. މާނަޔަކީ ބާވީސް ރިޔަން ބާވީސް އިންޗިއެވެ. ރިޔަނަކީ 27 އިންޗިއެވެ. އެހެން ކަމަށްވާނަމަ އެ އޮޑީގެ ސައިޒު ހިތްޕުޅަށް މިހާރު ގެންނެވޭނެއެވެ.

ވަޑިންވެސް ހަމަވެ، ގަސްވަކަރު ހަމަވެ، ހަރުގެއެޅި، ހުރިހާކަމެއް ނިމިފައިއޮތް ހިނދުވެސް އޮޑި ބަންނަން ނުފަށްޓަވާ ދިގު ދަންމަމުން ގެންދެވިކަން، ބުރާރަބޭގެ ވާހަކައިން އެނގެން އޮވެއެވެ. ސުވާލަކީ އެއީ ކީއްވެތޯއެވެ؟

މިދެންނެވި ސުވާލުގެ ޖަވާބު ލިބެނީ އަނެއްކާވެސް އެތަކުރުފާނު ނޮޅިވަރަންފަރު އެދުރުކަލޭފާނު އަރިހަށް ވަޑައިގަތުމުންނެވެ. އެފަހަރު އޮޑި ބަންނަންވީ ސާޢަތާއި ކަންކުރާންވީގޮތް އޭނާ އެތަކުރުފާނަށް ވިދާޅުވެ ދެއްވިއެވެ. އެދަތުރުފުޅުން އެނބުރި ބާރަށަށް ވަޑައިގެން ކަނޑައެޅިފައި އޮތް ދުވަހުގެ އިރުއަރާ ފުރަތަމަ ސާޢަތުގައި ދިރުނބާކޮޅުގެ މައްޔާގައި އިސްދޫ ވަޑިލައްވާ އުއިޖެއްސެވިއެވެ. ދެވަނަ ސާޢަތުގައި ކޮޅުފަސްކޮޅު މައްޔާ ކޮށާން އުއިޖެއްސެވިއެވެ. މެންދުރުވުމުން ރަސްދޫ މާވަޑިލައްވައި ފަށަން ކޮށުމަށް އުއި ޖެއްސެވިއެވެ. އަދި ކެލާ މާވަޑިލައްވައި ވަވަތްކޮށަން އުއި ޖެއްސެވިއެވެ.

މިކަމުގައި ފާހަގަކުރެވުނު އެހެން ވާހަކައަކަށް މިތާ އަލިއަޅުވާލަން އެބަޖެހެއެވެ. އެއީ މިހުރިހާ ކަންކަން ބައްލަވައި ވަކިވަގުތެއްގައި އޮޑިބަންނަން ހުރިހާކަމެއް ސެޓު ކުރެއްވުމަށްފަހުގައިވެސް، ވިޔަޒޯރާ ބައްދަލުކުރައްވައި އޮޑިބަހައްޓާންވީ ސާޢަތަކީ ކޮބައިތޯ؟ އެއްސެވި ކަމެވެ. އަދި ވިޔަޒޯރު ދިން ސާޢަތް ޖެހުމުގެކުރިން އެދުރުކަލޭފާނު ދެއްވި ސާޢަތުގައި އޮޑިބަހައްޓަން ޙަސަން ޚަތީބަށާއި ދަންޑަހެލަށް އަމުރުކުރައްވައި، އެބޭފުޅުން އެކަން ކުރައްވަމުން ގެންދެވިއިރު، ވިޔަޒޯރު ބުނާ ވަގުތު ޖެހެންދެއް، ވާހަކައިގައި އޭނާގެ ގޭގައި މުޙަންމަދު ތަކުރުފާނު މަޑުކުރައްވައިގެން އިންނެވި ކަމެވެ. ނަމަވެސް އޭރު ޙަޤީގީ ސާޢަތުގައި އޮޑިހުރީ ބަހައްޓާފައެވެ. އޮޑި ބަހައްޓަން ވިޔަޒޯރު ގޮވައިގެން މުޙަންމަދު ތަކުރުފާނު ހަރުގެޔަށް ވަޑައިގަތްއިރު، ކަން އޮތީ ވެ ނިމިފައެވެ. އެކަމާ ދެރަފުޅުވެގެން މުޙަންމަދު ތަކުރުފާނު ޙަސަން ތަކުރުފާނަށް ވަރުވަރުން ސުވާލު ކުރައްވަން ފެއްޓެވުމުން، އެންމެ ފަހުން ވިޔަޒޯރަށްވެސް ބުނެވުނީ އޮޑި އެ ބެހެއްޓނު ސާޢަތްވެސް ރަނގަޅު ކަމަށެވެ.

މި އޮޑިޔަކީ މުޙަންމަދު ތަކުރުފާނު އިސްދޫ މާވަޑިޔަށް މަޝްވަރާ ދެއްވި ގޮތުގެ މަތިން ދުވެލިލާ ބަންނަމުންދިޔަ އޮޑިއެކެވެ. އެތަކުރުފާނު މާވަޑިޔަށް އަންގަވާފައި އޮތީ ، އެއީ މުދާ އަރުވާ އޮޑިޔެއް ނޫންކަމަށާއި ފަސް މީހުންނާއި ފެންގާގަނޑު އެރުވެނިކޮށް އެ ނިމުނީކަމަށެވެ. ވީމާ އޮޑި ބަންނާންވާނީ ވީހާވެސް ބޮޑަށް ދުވެލިލާފައެވެ. މި އިރުޝާދާއެއްގޮތަށް އޮޑި ބަންނަމުންދިޔައީ ވަކަރުފުއް ބޭރަށް މަދުފުއް އެތެރެޔަށް ވާގޮތަށެވެ. އެއީ މިޒަމާން މިދެކޭ ފައިބަރު އޮޑިފަހަރުގެ ބޭރުށުން އެފެންނަ އޮފުކަމާއި އޮމާންކަން ގެނުވައިގެންނެވެ. އަނެއް ފައިސާއަކީ ކަނޑުމަތީގައި ގިނަދުވަހު އުޅެންޖެހޭއިރު، ފެހިޖެހުންވެސް ކުޑަކުރުމަށެވެ.

ޓެސްޓު ދަތުރުގައި އޮޑިޔަށްލީ ކަޅުއޮށްތަކެއް ފުންމާލުމުން އެނަމުން މަޝްހޫރުވި އޮޑީގެ ޙަގީގީ ނަމަކީ " ނަސްރުއް ސަޙާ"އެވެ. އެއީ ބޮޑުތަކުރުފާނު ދެއްވި ނަމެވެ. އޭގެ މާނަޔަށް ވިސްނާލުމުން "މިޝަން" ސިފަވެގެން ދެއެވެ. އެޒަމާނުގައި ކަނޑުމަތީގެ ބާޒުގެ ނަމުން މަޝްހޫރު ޕޯޗުގީޒުން ފަހާ ދުއްވޭނީ ނަސްރުއް ސަޙާއަކަށެވެ.

ނަސްރުއްސަޙާ ނުވަތަ " ކަޅުއޮށްފުންމި" ބޭލީވެސް، އެދުރުކަލޭފާނު ވިދާޅުވި ދުވަހާއި ވަގުތާއި އިރުވަރުގައެވެ. އެދުވަހުވެސް ކަން ހިނގާދިޔައީ އޮޑި ބަހައްޓަން އޮތް ދުވަހު ކަން ހިނގާދިޔަ މަގުންނެވެ. އޮޑި ބާލަންވީ އިރުވަރެއް އައްސަވަން ވިޔަޒޯރުކައިރިޔަށް ވަޑައިގެން، އޭނާ ބުނި ފަސްފިޔަވަޅުގެ އިރުވަރު ޖެހެންދެއް، ވާހަކައިގާ އެގޭގައި މަޑުކުރެއްވިއެވެ. އޭރު އެދުރުކަލޭފާނު ދެއްވި އިރުވަރުގައި ޙަސަން ޚަތީބު ތަކުރުފާނާއި ދަންޑަހެލު އޮތީ ނަސްރުއްސަޙާ ބާލައިފައެވެ.

މުޙަންމަދު ތަކުރުފާނާއި އެކު ވިޔަޒޯރު އޮޑިބާލަން އައިރު، އޮޑި މޫދުގައި އޮތުމުން ސުވާލު ކުރެއްވުމުން ޙަސަން ޚަތީބު ތަކުރުފާނު ވިދާޅުވީ އިރުއަރާ ފަސްފިޔަވަޅުގެ ސާޢަތް ޖެހިއްޖެވާހަކަ އާއި އޮޑި ބާލާފައި އެ އޮތީ އެ ވަގުތުގައި ކަމަށެވެ. ހަމަ ގައިމުވެސް ހަތް ފިޔަވަޅު މިހާރު ހަމަވެދާނެކަމަށް ބުނުއްވުމުން ވިޔަޒޯރަށްވެސް އެ ސާޢަތްވެސް އެންމެ ފަހުން ކަމުދިޔައެވެ. އޮޑީގެ ޓެސްޓު ދަތުރު އެދުވަހު ފެއްޓެވީވެސް އެދުރުކަލޭފާނުގެ އިރުޝާދާއި އެއްގޮތަށެވެ. ވިޔަޒޯރުގެ ލޯމަތީގައި އެމަންޒަރު ދެކެން ބާރަށު ހޮޅުއަށީގައި ވިޔަޒޯރު އިންދައެވެ.

ކަޅުއޮށްފުންމީގެ ޓެސްޓު ދަތުރުގައި ރާއްޖެ އޮބާ ހަމަޔަށް ބޭރަށް ނިކުމެ، އޮއިވަރުގައި ޖައްސާ އޮޑި ފެނުޖެއްސެވިއެވެ. އޮޑީގެ ދުވެލި ދެކެވަޑައިގެން އެވާހަކަ ނުދައްކަން ދަންޑަހެލަށް އެނގެވުމަށްފަހު، އެނބުރި ބާރަށަށް ވަޑައިގަތީ. ކުރިމަތީގައި އޮތް ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމުގެ ދަތުރަށް ކަމަރު ބަންނަވައިގެންނެވެ.

ކަޅުއޮށްފުންމީގެ ޖިހާދުގެ ދަތުރު ފެށުނީ، އުތީމު ދެބެންގެ ބޯ ކަނޑާލައިގެން ގެންނަން އަންދިރިއަނދިރިން ވިޔަޒޯރަށް އެނގުމުން، އެ ދެބެން ވިޔަޒޯރާއި ޕޯޗުގީޒުންގެ ބަޔަކު ގޮވައިގެން ކަޅުއޮށްފުންމީގައި މާލެޔަށް ފެއްޓެވި ދަތުރު، ކާށިދޫކަނޑަށް ނިންމެވުމަށްފަހު، އޮޑި އަނބުރާލައްވަމުންނެވެ. އެ ދަތުރަށް މުޙަންމަދު ތަކުރުފާނު އޮޑިޔަށް އެރުއްވީވެސް އެދުރުކަލޭފާނާއި ބައްދަލު ކުރައްވާފައެވެ. ދަތުރުމަތީގައި ވިޔަޒޯރުގެ ކަރަށް ފިޔޮހި ޖަހަންވީ ވަގުތަށްދަންދެއް ސާފުކުރައްވައިގެންނެވެ.

ހަރުދުވެލީގައި ކަޅުއޮށްފުންމި ކާށިދުއާއި އަރާހަމަވަމުން ދިޔައިރު، އެދުރުކަލޭފާނު އިރުޝާދު ދެއްވި އިރުވަރު އަރާހަމަވަމުން ދެއެވެ. އެވަގުތު ކުރުނބާ ކަނޑަންވީ ތޫނު ޚަންޖަރެއްފަދަ ފޮޔޮއްސެއް މުޙަންމަދު ތަކުރުފާނަށް ދެއްވީ، ކުޑައިރުކޮޅެއްގެ ތެރޭގައި ހަމަ އެ ފިޔޮހިން ދުނިޔެ ދޫކުރަން ތަޤުދީރުގައި ލިޔެވިފައިވާ ވިޔަޒޯރެވެ. އޭނާހިތުން އުތީމު ދެބެންނާއެކު މާލެއަށް އެ ދެވެނީ އަނދިރި އަނދިރިންނަށްވީ ވަޢުދު ފުއްދައި ދިނުމަށެވެ. މި ފޮނި ހުވަފެނުގައި އިނދެ ކުރުނބާއެއްބޯން އޭގައި އެނާ އަނގަޖަހާ ނޮޅި މައްޗަށް ދަމާލިއެވެ. އޭރު ކަރަށް ފިޔޮހިޖަހަންއޮތް ވަގުތު އަރާ ހަމަވަނީއެވެ. ކުއްލިއަކަށް އެހަމަލާ މުޙަންމަދު ތަކުރުފާނު ދެއްވިއެވެ. ވިޔަޒޯރާއި އޮޑީގައި ތިބިނަމަ ތިބި ޕޯޗުގީޒުން މަރާ ފޮތިފޮތިކޮށް ކާށިދޫކަނޑަށް އުކާލުމަށްފަހު، އޮޑިދޮންނަން ދަންޑަހިލަށް އެނގެވިއެވެ.

"ނަސްރުއްސަޙާ" ތިލަދުންމައްޗަށް އަނބުރާލަމުން އެ ދަތުރުގައި އުތީމުގައި ޖައްސައި، ޢާއިލާގެ ބޭފުޅުން ނަންގަވައިގެން އުތީމު ދެބެން މަލިކަށް ވަޑައިގަތީ ވަގުތީ ވަޒަންވެރި ކަމަކަށެވެ. އޭރު މި ޚިޔާލުފުޅު ދެއްވި ޢަލީ ޚަތީބު ތަކުރުފާނު ހުންނެވީ މާރަންދޫގ ޚަތީބު ކަމުގައެވެ. އެތަކުރުފާނު މަލިކަށް ގެންދެވީ އޭގެ މާފަހުންނެވެ. ޢަލިތަކުރުފާނު ތަކަންދޫގައި ޝަހީދުވާން މެދުވެރިވި ހިތާމަވެރި ޙާދިސާއަކީ، މަލިކުގައި ހުންނެވުމަށްފަހު، އަމިއްލަފުޅަށް އެދިވަޑައިގެން ތަކަންދޫ އަނބިކަނބަލުންގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގައި އިރުއެރިއިރު ހޭފުޅު ނުލެއްވިގެން އެގޭގައި އޮންނަވަނިކޮށް ޕޯޗުގީޒުންގެ ޖާސޫސަކު، މި ޚަބަރު އެމީހުންނަށް ދިނުމުން ހިނގާދިޔަ ޙާދިސާއެކެވެ. އެފަހަރު ޢަލި ތަކުރުފާނު ޝަހީދުކުރީ ޕޯޗުގީޒުން ކުލީ ސިފައިންގެ ގޮތުގައި ގެންގުޅު ހޮޅިންގެ ބައެކެވެ.

ކޮންމެއަކަސް މި ހިތާމަވެރި ޙާދިސާއަށްފަހު، އައު ހިތްވަރަކާއެކު، މުޙަންމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާއި ދަންޑަހެލާއި މަލިކުން މި ޖިހާދުގައި ބައިވެރިވި ދެ ހާޖީންނާއެކު، ހަނގުރާމަ ކާމިޔާބު ކުރެއްވިއެވެ. ދިވެހިންގެ އެތައް ބަޔެއްގެ އިތުރުން ޢަލީރާޖާގެ ވެސް އެހިތެރިކަމާއިވެސް އެކުގައެވެ.

1558މ.ން1573މށް، ދެމިގެންދިޔަ ޕޯޗުގީޒުންގެ އަޅުވެތިކަން ނިންމެވީ، ޕޯޗުގީޒުންގެ މަދަދާއެކު ބެންނެވި އޮޑީގައެވެ. މަޝްހޫރު ކަޅުއޮށްފުންމި ނުވަތަ " ނަސްރުއްސަޙާ"ގައެވެ. އެއީ ޚަތީބު ޢަލިތަކުރުފާނުގެ ދުރުވިސްނުންފުޅުގެ އައުލާ ހަނދާނެކެވެ.

އިސްލާމްދީނާއި ޤައުމިއްޔަތަށްޓަކައި ޕޯޗުގީޒުން ފަހާލަން އެފަދަ އޮޑިޔެއް ބަންނަން، ޢަލީ ޚަތީބު ތަކުރުފާނު ދެއްވި ބުއްދީގެ ދަންމަރަކީ "ކަޅުއޮށްފުންމި" އެވެ. އެތަކުރުފާނު ޝަހީދުވެ ވަޑައިގަތަސް، އެ ފިކުރުގައި ބެންނެވި "ނަސްރުއްސަހާ"، މި ޖިހާދުގައި ނަސްރު ހޯދިއެވެ. އަދި އެ އޮޑި "ނަސްރުއްސަޙާ" އަކަށްވީ ކާބަފައިންގެ ޢިލްމާ، ހުނަރާ،ތަޖުރިބާވެސް، މި ވަރުގަދަ "މިޝަން"ގެ ދަންމަރަށް އިތުރު އަލިކަން ދީގެންނެވެ. ދިވެހި ކާބަފައިންނީވެސް ޢިލްމާއި ޙިލްމާއި، ހުނަރާއި، ތަޖުރިބާގެ ރޮނގުގައި އަރާތިބި ބަޔެއްކަން، ކަޅުއޮށްފުންމިން އެކަނިވެސް ހެކިލިބެއެވެ.

comment ކޮމެންޓް