މައިކްރޮސޮފްޓުގެ ސޮފްޓްވެއާ ގަވަމެންޓަލް ލައިސަންސް ސަރުކާރަށް ފޯރުކޮށްދީފި

މައިކްރޮސޮފްޓާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ލިޔުން ބަދަލު ކުރަނީ -- ފޮޓޯ/ އެންސީއައިޓީ

ކުރުނބާ މޯލްޑިވްސް އިން: މާހިލު މުހައްމަދު

ސަރުކާރުގެ އޮފީސްތަކުގައި ބޭނުންކުރާ މައިކްރޮސޮފްޓް ސޮފްޓްވެއާތަކަށް ބޭނުންވާ ލައިސަންސް، މައިކްރޮސޮފްޓުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފި އެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މައިކްރޯސޮފްޓާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގެވުމާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އަދި މައިކްރޮސޮފްޓް ސްރީލަންކާގެ ޕަބްލިކް ސެކްޓާ ލީޑް ޕޫޖިތަ ރާޖަޕަކްސަ އެވެ.

މި ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު އަޝްމަލީ ވިދާޅުވީ މައިކްރޮސޮފްޓުން ތިން ވައްތަރެއްގެ ސޮފްޓްވެއާ ލައިސެންސެއް ދޫކުރާ އިރު، އޭގެ ތެރެއިން ސަރުކާރަށް ފޯރުކޮށްދޭނީ ގަވަމެންޓަލް ލައިސަންސެއް ކަމަށެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވެވޭ އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މައިކްރޮސޮފްޓް އޮފީސް ނުވަތަ އެހެން ކޮމްޕޯނެންޓަކުން ވެސް އިތުރު ވާޝަނެއް ނެރެފި ނަމަ، މި އެއްބަސްވުމުގެ ދަށުން ވަރަށް ކުޑަ އަގެއްގައި މައިކްރޮސޮފްޓުގެ ސޮފްޓްވެއާތައް އަޕްގްރޭޑު ކުރުމާއި ޑައުންގްރޭޑު ކުރުމުގެ ޚިދުމަތްތައް ލިބޭނެ،" އަޝްމަލީ ވިދާޅުވި އެވެ.

އަޝްމަލީ ވިދާޅުވީ މައިކްރޮސޮފްޓާ އެކުވި އެއްބަސްވުމަކީ ވަށައިޖެހޭ އެއްބަސްވުމެއް ކަމަށާއި މީގެ ތެރޭގައި ސޮފްޓްވެއާ ލައިސަންސްގެ އިތުރުން، މައިކްރޮސޮފްޓުގެ އެކި ދާއިރާތަކުގެ ތަފާތު ސޮފްޓްވެއާތަކަށް އެކްސެސް ލިބުން ހިމެނޭނެ ކަމަށެވެ.

އަޝްމަލީ ވިދާޅުވީ މީގެ ކުރިން މައިކްރޮސޮފްޓުގެ ލައިސަންސްތައް ސަރުކާރުގެ އިދާރާތަކުން ގަންނަނީ ވަކިވަކިން އެކި ފަރާތްތަކުން ކަމަށެވެ. އެހެންކަމުން އަގުގެ ތަފާތުތަކެއް ވެސް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރާ އެކު މިކަހަލަ ކޮންޓްރެކްޓެއް ހެދުނީމާ އަޅުގަނޑުމެންނަށް ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ހިފެހެއްޓިފައި ހުރި އަގުތަކެއްގައި މައިކްރޮސޮފްޓް ލައިސަންސް ލިބިގެން ދާނެ. އަދި މައިކްރޮސޮފްޓް ލައިސަންސް ބެލެހެއްޓުމަށް ވަރަށް ފަސޭހަ ވެގެން ދާނެ،"

މީގެ އިތުރުން އަޝްމަލީ ވިދާޅުވީ މިކަމުގެ ސަބަބުން މައިކްރޮސޮފްޓުން ސަރުކާރު އޮފީސްތަކުގެ ސިސްޓަމްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދީ، ކަންކަން ހައްލު ކޮށްދެމުން ދާނެ ކަމަށެވެ.

"ސަރުކާރުގެ އެކި އޮފީސްތަކުގައި ބޭނުންކުރަނީ އެކި ކަހަލަ އެންޓި ވައިރަސް ސްކޭނާސް. މީގެ ކުރީގައި ގަވަމެންޓަލް ލައިސަންސަށް ނުދާ އިރު މައިކްރޮސޮފްޓުން އިންނަ އެންމެ ލޯ ލެވެލްގެ ސެކިއުރިޓީ ކޮންފިގަރޭޝަނުން ހުރިހާ މެލްވެއާއެއް ޑިޓެކްޓު ނުކުރޭ. މިފަހަރު މި ލިބުނު ޕެކޭޖުން 24 ގަޑިއިރު، މައިކްރޮސޮފްޓުގެ ސްޓާފުން ތިބޭނެ އޮންލައިންކޮށް، އެކަހަލަ ސެކިއުރިޓީ ތުރެޓެއް ދިމާވިޔަސް ވަގުތުން އެކަމެއް ރަނގަޅު ކޮށްދޭނެ،"

މި އެއްބަސްވުމުގެ ދަށުން ދައުލަތުގެ އައިސީޓީ ވިއުގައާ ގުޅިގައިފާ ކަންކަން އައިއެސްސޯ މިންގަނޑަށް ފަރުމާ ކުރެވޭނެ އެވެ. އަދި އެކަމާ ގުޅުންހުރި 3،000 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ބުނެ އެވެ.

comment ކޮމެންޓް