ޕޭޕަލްއިން އެމެރިކާގައި ބޭންކެއްގެ ހައިސިއްޔަތު ހޯދުމަށް އެދެފި

ޕޭޕަލް އިން ވަނީ 2013 ވަނަ އަހަރުން ފެށިގެން 420,000 އަށްވުރެ ގިނަ ވިޔަފާރިއަށް 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ލޯނުގެ އެހީ ދީފަ ---

ދުނިޔޭގެ މަޝްހޫރު އޮންލައިން ޕޭމަންޓް ކުންފުނި، ޕޭޕަލް ހޯލްޑިންގްސް އިން އެމެރިކާގައި ބޭންކެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ނުވަތަ "ބޭންކިންގ ޗާޓަރު" ހޯދުމަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.

މިއީ އެ ކުންފުނީގެ މާލީ ޚިދުމަތްތައް ފުޅާކޮށް، ތިންވަނަ ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅި ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕޭޕަލް އިން މި ލައިސަންސް ހޯދުމަށް ހުށަހަޅާފައިވަނީ އެމެރިކާގެ ފެޑެރަލް ޑިޕޮސިޓް އިންޝުއަރެންސް ކޯޕަރޭޝަން (އެފްޑީއައިސީ) އަދި ޔޫޓާ ޑިޕާޓްމަންޓް އޮފް ފައިނޭންޝަލް އިންސްޓިޓިއުޝަންސް އަށެވެ. މި ހުއްދަ ލިބިއްޖެނަމަ އުފައްދާ މުއައްސަސާއަށް ނަން ދިނުމަށް ހަމަޖެހިފައިވަނީ "ޕޭޕަލް ބޭންކް" ގެ ނަމުންނެވެ.

މިކަމާ ގުޅިގެން ޕޭޕަލްގެ ސީއީއޯ، އެލެކްސް ކްރިސް ވިދާޅުވީ، މިއީ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

https://sun.mv/212708

"ކުދި ވިޔަފާރިތައް ކުރިއެރުމަށް ބޭނުންވާ ފައިސާ ހޯދުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެއް. ޕޭޕަލް ބޭންކް ވުޖޫދަށް އައުމުން، އަޅުގަނޑުމެންގެ މަސައްކަތްތައް ހަލުވިވެ، އެމެރިކާގެ ކުދި ވިޔަފާރިތަކަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ،" އެލެކްސް ކްރިސް ވިދާޅުވިއެވެ.

ޕޭޕަލް އިން ހާމަކުރާ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން އެކުންފުނިން ވަނީ 420,000 އަށްވުރެ ގިނަ ވިޔަފާރިއަށް 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ލޯނުގެ އެހީ ދީފައެވެ. ނަމަވެސް ބޭންކިންގ ލައިސަންސް ލިބުމުން، މެދުވެރިންނާ ނުލައި ސީދާ ޕޭޕަލްގެ ފަންޑުން ލޯނު ދޫކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ކަސްޓަމަރުންގެ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އިންޓަރެސްޓް ލިބޭ ސޭވިންގްސް އެކައުންޓް ފަދަ ޚިދުމަތްތައް ތަޢާރަފްކުރެވޭނެއެވެ.

ޔޫރަޕްގެ މާކެޓަށް ޚާއްޞަކޮށްގެން ޕޭޕަލް އިން މިހާރުވެސް ލަގްޒަމްބާގްގައި ބޭންކިން ލައިސަންސެއްގެ ދަށުން ޚިދުމަތް ދެމުން ގެންދެއެވެ.

ޕޭޕަލްގެ މި އެޕްލިކޭޝަން ކާމިޔާބުވެއްޖެނަމަ، "ޕޭޕަލް ބޭންކް" ގެ ފުރަތަމަ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޓޮޔޯޓާ މޯޓާ ކޯޕަރޭޝަންގެ ފައިނޭންސިން ޑިވިޝަންގެ ކުރީގެ ސީއީއޯ، މާރާ މެކްނީލްއެވެ.

މި ދުވަސްވަރަކީ ގިނަ ފިންޓެކް އަދި ކްރިޕްޓޯ ކުންފުނިތަކުން (މިސާލަކަށް ސާކަލް، ރިޕަލް، އަދި ޕެކްސޯސް ފަދަ ކުންފުނިތަކުން) ރެގިއުލޭޓަރީ ހުއްދަތައް ހޯދައި، ޓްރެޑިޝަނަލް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަމުންދާ ދުވަސްވަރެކެވެ.

ޕޭޕަލްއަށް މި ޗާޓާ ލިބުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި އާދައިގެ ބޭންކިން ޚިދުމަތްތައް އެއްވެގެންދާކަމުގެ އިތުރު ހެއްކަކަށް ވެގެންދާނެއެވެ.

comment ކޮމެންޓް