ވެލެޒިނީ ވިދާޅުވަނީ ނަޝީދު އޭނާއަށް އޮޅުވާލެއްވީ ކަމަށް!

ވެލެޒިނީ ޖޭއެސްސީއަށް އައްޔަނު ކުރި ކަމުގެ ލިޔުން ރައީސް ނަޝީދު ހަވާލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދެހާސް ނުވަ ވަނަ އަހަރު އެންމެ ފުރަތަމަ ފަހަރަށް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލި އިރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ފަރާތުން އެ ކޮމިޝަނުގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އައްޔަނު ކުރެއްވީ، މއ. ޝިމާގު އާއިޝަތު ވެލެޒިނީ އެވެ. ޖޭއެސްސީގައި ގިނަ ކަންތައްތަކެއް ގޯސްކޮށް ކުރެވެމުން ދިޔަ ކަމަށް ވެލެޒިނީ އޭރު ވެސް އަދި މިހާރު ވެސް ވިދާޅުވަމުން ގެންދަވަ އެވެ.

ވެލެޒިނީއަކީ އިދިކޮޅު އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތް ބޭފުޅެއް ވެސް މެ އެވެ. އެމްޑީޕީގެ ސަރުކާރު 2012 ވަނަ އަހަރު ވެއްޓުމަށް ފަހު، އެ ހާދިސާއާއި އޭގެ ފަހުން އައި ސަރުކާރުތަކަށް ވެލެޒިނީ ފާޑު ވިދާޅުވެ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ވެލެޒިނީގެ ފާޑުގެ ބަސްތައް އަމާޒުވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށާއި އެ ޕާޓީގެ ބައެއް އިސް ބޭފުޅުންނަށެވެ. އެންމެ ފަހުން ރައީސް މުހައްމަދު ނަޝީދަށް ވެސް އެ ބަހުގެ ހަމަލާތައް ވަނީ އަމާޒު ވެފަ އެވެ.

ވެލެޒިނީ ވަނީ އޭނާގެ ވާހަކައިގެ ރާގު ބަދަލުވާން މެދުވެރިވި ސަބަބު "ސަން" އާ ހިއްސާ ކުރައްވައިފަ އެވެ.

ވެލެޒިނީ އެންމެ ވަރުގަދައަށް ނަންގަވާ ނުކުތާއަކީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހު ފަނޑިޔާރުން ހުވާ ކުރީ ގާނޫނު އަސާސީގެ 285 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ވިދާޅުވާ ވިދާޅުވުމެވެ.

2010 އޮގަސްޓް 4: ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ދިއުމަށް ވެލެޒިނީ ހުރަސް އަޅުއްވަނީ -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ގާނޫނު އަސާސީގެ 285 ވަނަ މާއްދާއަކީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނު އަސާސީ އަށް އަމަލުކުރެވެން ފަށާ އިރު، ތިބި ފަނޑިޔާރުން މަގާމުގައި ދެމިތިބުމާ ބެހޭ މާއްދާ އެވެ. އެ މާއްދާގެ އަކުރުތަކުގައި ބުނެފައި ވަނީ، ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާ އިރު އުއްތަމަފަނޑިޔާރު ފިޔަވައި ފަނޑިޔާރުންގެ މަގާމުގައި ތިބި ފަރާތްތަކުގެ ކިބައިގައި، ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމު ޝަރުތުތައް" ހުރިތޯ ނުވަތަ ނޫންތޯ ޖޭއެސްސީއިން ކަނޑައަޅަން ޖެހޭ ކަމަށެވެ.

ޝަތުރު ހަމަވާ ކަމަށް ކަނޑައަޅައިފި ނަމަ އެ މީހަކު ފަނޑިޔާރު ކަމަށް އައްޔަނު ކުރަންވާނެ ކަމަށާއި ޝަރުތު ހަމަ ނުވާ ކަމަށް ޖޭއެސްސީ އިން ނިންމައިފި ނަމަ ފަނޑިޔާރުކަމުން އެފަރާތެއް އެހިނދުން ފެށިގެން ވަކި ވާނެ ކަމަށް 285 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

ވެލެޒިނީ ވިދާޅުވީ، ރައީސް ނަޝީދު އެމަނިކުފާނުގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީ އަށް އައްޔަނު ކުރެއްވީ އޭނާގެ ނުރުހުމުގައި ކަމަށެވެ. ރައީސްގެ މެމްބަރުގެ ގޮތުގައި ވެލެޒިނީ ކޮމިޝަނަށް އައްޔަނު ކުރުމުގެ ތިން މަސް ދުވަސް ކުރިން ފަށައިގެން އޭނާ ހުންނެވީ އިންތިގާލީ ޖޭއެސްސީގައި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން އައްޔަނު ކުރާ މެމްބަރުގެ ގޮތުގަ އެވެ. އޭރު ވެސް ފަނޑިޔާރުންގެ ހުވާ ކުރުމުގެ ކަންކަން "ރޭވެމުން ދިޔަ" ކަމަށް ވެލެޒިނީ ވިދާޅުވެ އެވެ.

ވެލެޒިނީ މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

"ދެހާސް ނު ވަނަ އަހަރުގައި ނަޝީދަށް ދެންނެވިން މިކަހަލަ ކަންކަން އެބަ ހިނގައޭ. ނަޝީދު ކުރި ކަމަކީ އަޅުގަނޑު އެ މަގާމަށް އައްޔަނު ކުރީ. އަޅުގަނޑު ނޫނެކޭ ބުނީމާ ވެސް، ނުވަ މީހުންގެ ތެރޭގައި އެންމެ އަންހެނެއް އިންނަންޏާ ވެލެޒިނީއަށޭ ތިޔަ ކަން ވާނީ ވިދާޅުވެ، އަޅުގަނޑު ހައްދައިގެން، އެންމެފަހުން އަޅުގަނޑަށް މަޖުބޫރުވެގެން އެ މަގާމު ގަބޫލު ކުރީ،" ވެލެޒިނީ ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ފަހުން ދޭހަވީ ނަޝީދު ވެލެޒިނީ ޖޭއެސްސީއަށް އައްޔަނުކުރީ ރައްޔިތުންނާއި ދުނިޔޭގެ ލޮލުގައި އަނދުނެއް އަޅުވަންށޭ. ނަޝީދުގެ އެއްވެސް އިޚުލާސްތެރި ވިސްނުމެއް ނެތް ރާއްޖޭގައި މިނިވަން ފަނޑިޔާރުގެއެއް އުފެއްދުމަށް،"
އާއިޝަތު ވެލެޒިނީ

ދެހާސް ދިހަ ވަނަ އަހަރު ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތަށް ވެލެޒިނީ ވަޑައިގަތީ ރައީސް ނަޝީދު އަންގަވައިގެން ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ. އޭނާ ވިދާޅުވަނީ ވެލެޒިނީ "މަގާމަށް އައްޔަނު ކުރުމާއި ވަކި ކުރުމާ" ނޫން ކަމެއް ނަޝީދު ނުކުރައްވާ ކަމަށާއި، ފަނޑިޔާރުގެއާ ގުޅޭ ގޮތުން މަޝްވަރާއެއް ނުކުރެއްވި ހާލު، ވެލެޒިނީ ދައްކަވަމުން ދިޔަ ވާހަކަތައް ރައީސް ނަޝީދު އަޑު ވެސް ނާއްސަވާ ކަމަށެވެ.

ވެލެޒިނީ ޖޭއެސްސީ އިން ވަކިކުރީ 2011 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަން ވެއްޓި، ރާއްޖެ އަށް ބޮޑެތި ބަދަލުތަކެއް އައިތާ އަހަރުތަކެއް ވެފައިވާ އިރު، ރައީސް ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލި އެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައި، އެގައުމުގެ ހިމާޔަތް ހޯއްދަވައިގެންނެވެ.

ވެލެޒިނީ ވިދާޅުވީ ފަނޑިޔާރުގެ އުފެއްދި އިރު ގާނޫނު އަސާސީގެ 285 ވަނަ މާއްދާއަށް އަމަލުކޮށްފައި ނުވުމުން، ރާއްޖޭގެ ފަނޑިޔާރުގެއަކީ ޣައިރު ގާނޫނީ ފަނޑިޔާރުގެއެއް ކަމަށާއި އެތަނުން ނިންމާ ނިންމުންތަކަކީ ވެސް ގާނޫނީ ނިންމުންތަކަކަށް ނުވާނެ ކަމަށެވެ.ެ

އެފަދަ ދުސްތޫރީ މައްސަލަތައް ބެލޭނެ ފަދަ ގޮތެއް، ވެލެޒިނީ ހެއްދެވި ރީސާޗެއްގެ ޒަރިއްޔާ އިން ރައީސް ނަޝީދަށް ދާދި ފަހުން ދެއްކެވުމުން ރައީސް ނަޝީދު ކުރެއްވި ކަމަކީ އެ ދިރާސާ "ވަގަށް ނަންގަވައި، ސިޔާސީ ކޮށްލީ" ކަމަށް ވެލެޒިނީ ވިދާޅުވި އެވެ.

ފުރަތަމަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަނު ކުރި މެމްބަރުން ހުވާކުރުން -- ފޮޓޯ/ ރައީސް އޮފީސް

"އެދުވަހު ހިނގި ޒުވާބެއްގައި ރައީސް ނަޝީދު އަޅުގަނޑުގެ މޫނަށް އެއްލީ ގާނޫނު އަސާސީ. ނަޝީދު ބޭނުމެއް ނުވޭ އެޔެއް. އެ މިހާރު އޮތީ އަޅުގަނޑުގެ އަތުގައި،

"މި ބުނަނީ ދުލެއް ނުކުރާނަން. އަޅުގަނޑަކީ ﷲ ގަންދީ ހުވާކުރި މީހެއް ފަނޑިޔާރުގެއާއި ގާނޫނީ ދައުލަތެއް ހަދަން. އެ ހުވާގެ މަތިން ރައްޔިތުންނަށް ޓަކައި މިކަން ކުރާނަން،" ވެލެޒިނީ ސަންއަށް ވިދާޅުވި އެވެ.

2011 ވަނަ އަހަރު އަޅުގަނޑު މަގާމުން ވަކިކުރިކަން އެނގޭނީ. އިލްމީ ނަޒަރަކުން ބަލާއިރު ގާނޫނު އަސާސީގެ 285 ވަނަ މާއްދާއާ އެކު ނަޝީދު އަޅުގަނޑު ގެއްލުވާލީ.އާއިޝަތު ވެލެޒިނީ

އޭނާ ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެ "ހައިޖެކް" ތަނެއް ކަމަށާއި އެކަން ކުރެވުނީ ރައީސް ނަޝީދުގެ ވެސް ބައިވެރިވުމާ އެކު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މި މައްސަލަ ވެލެޒިނީ އަށް ފާހަގަވުމުން ރައީސް ނަޝީދު އޭނާ "ގެއްލުވާލީ" ކަމަށް ވެސް ވެލެޒިނީ ތުހުމަތު ކުރައްވަ އެވެ.

"ދެހާސް އެގާރަ މޭ ގައި އަޅުގަނޑު މަގާމުން ވަކިކުރިކަން އެންމެންނަށް އެނގޭނީ. އިލްމީ ނަޒަރަކުން ބަލާއިރު ނަޝީދު އަޅުގަނޑު ގެއްލުވާލީ. އަޅުގަނޑާއެކު ގާނޫނު އަސާސީގެ 285 ވަނަ މާއްދާ ވެސް ގެއްލުވާލީ. އެއީ އަޅުގަނޑު ނޫނީ ނެތް އެވާހަކަ ދައްކާ މީހަކު،" ވެލެޒިނީ ވިދާޅުވި އެވެ.

comment ކޮމެންޓް