12 އަހަރުންދަށާއި 14 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަރުމަވަންތަ ހޯދައިފި

އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި މަޖީދިއްޔާއާއި ދަރުމަވަންތަ ކުުޅުނު ފައިނަލް މެޗުގެ ތެރޭން -- ސަން ފޮޓޯ: އަބްދުﷲ ސަލީމް

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މައިލޯ ދެވަނަ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގެ 12 އަހަރުންދަށް އަދި 14 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލް ހޯދައިފި އެވެ.

ތިން އުމުރު ފުރާއަކުން ޖުމްލަ 39 ޓީމު ބައިވެރިކޮށްގެން ހެންވޭރު ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ 12 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލް ހޯދީ މިއަދު ކުޅުނު ފައިނަލުގައި މަޖީދިއްޔާ ސްކޫލް ބަލިކޮށްގެންނެވެ.

އެ މެޗުގައި މަޖީދިއްޔާގެ މައްޗަށް ދަރުމަވަންތަ މިއަދު ކުރިހޯދީ 3-6 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދަރުމަވަންތަ ސްކޫލްގެ މުހައްމަދު ސާލިމް އަބްދުލް ސަމަދު އެވެ.

މުބާރާތުގެ 14 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލް ހޯދީ ފައިނަލުގައި ހަމަ މަޖީދިއްޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުން ދަރުމަވަންތަ މޮޅުވީ 8-2 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދަރުމަވަންތަ ސްކޫލްގެ އަލީ އިއްމާމް އެވެ.

އެ މުބާރާތުގައި މިއަދު ވަނީ 12 އަހަރުންދަށް އަދި 14 އަހަރުންދަށުގެ އަންހެން ބައިގެ ފައިނަލް ކުޅެފަ އެވެ. މުބާރާތުގެ 12 އަހަރުން ދަށުގެ ފައިނަލުގައި އަރަބިއްޔާ ސްކޫލް އަތުން 3-8 އިން މޮޅުވެ، މަޖީދިއްޔާ ސްކޫލް ޗެމްޕިއަންކަން ހޯދީ 8-3 އިންނެވެ. މުބާރާތުގެ 14 އަހަރުންދަށުގެ އަންހެން ބައިގެ ފައިނަލުގައި ރެހެންދި ސްކޫލް އަތުން 3-2 ލަނޑުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ.

އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ 16 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލް މެޗުތަކެވެ. އަންހެން ބައިގެ ފައިނަލުގައި ތާދުއްދީން ސްކޫލާއި މާފުށި ސްކޫލް ބައްދަލުކުރާ އިރު، ފިރިހެން ބައިގެ ފައިނަލުގައި ބައްދަލުކުރާނީ މަޖީދިއްޔާ ސްކޫލާއި ރެހެންދި ސްކޫލެވެ.

comment ކޮމެންޓް